ބައެއް މީޑިއާތަކުގެ އަމަލުތައް ހުރި ގޮތުން ބޮލީވުޑްގައި މިވަގުތު ފިޔަ ޖަހަމުން އަންނަ ކާމިޔާބު ތަރި ޝާހިދު ކަޕޫރު ރުޅިގަދަ ވެއްޖެ އެވެ.

ޝާހިދު ވަނީ އޭނާގެ އަންހެނުން މީރާ ރާޖްޕުތުއާއެކު މިފަހުން މުމްބާއީގެ އަގުބޮޑު ރެސްޓޯރެންޓެއްގައި ރޭގަނޑުގެ ކެއުމަކަށް ގޮސްފަ އެވެ.

އެ ކެއުމުން ނިމިގެން ރެސްޓޯރެންޓުން ނުކުތް ވަގުތު އެތަނަށް ގޮސް ތިބި މީޑިއާގެ ފަރާތްތަކުން ވަނީ އެ ދެމީހުން ވަށާލައި ފޮޓޯ ނަގަން ފަށާފަ އެވެ.

ނަތީޖާއަކަށްވީ އެކަމާ ޝާހިދު ރުޅިގަދަވެ އެކަން ހުއްޓާލުމަށާއި ރަނގަޅު އަހުލާގެއް ގެންގުޅުމަށް އޭނާ މީޑިއާ އޮފިޝަލުންގެ ގާތުގައި ބުނުމެވެ.

އެ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު އިންޓަނެޓުގައި ދައުރު ވަމުން އަންނައިރު ގިނަ ބަޔަކު އަންނަނީ މީޑިއާއިން ތަރިންގެ މިނިވަންކަން ގެއްލުވާލުމުން އެފަދަ ކަންކަން ހިނގާނެ ކަމަށް ބުނަމުންނެވެ.

ޝާހިދު މިހާރު އަންނަނީ އޭނާގެ އެންމެ ފަހުގެ ފިލުމު "ތޭރީ ބާތޯންމޭ އޭސާ އުލްޖާ ޖިޔާ"އަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަ ކުރަމުންނެވެ.