މެދުތެރޭ އެމެރިކާ އަށް އެތައް ނަގޫރޯޅިއެއް އަރައި ފަސް މީހުން މަރުވެއްޖެއެވެ.

މަރުވި މީހުންގެ ތެރޭގައި ހަތަރު މަހުގެ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ. މަރުވި ހަތަރު މީހުންނަކީ އޮކްލަހޯމާ ސްޓޭޓްގައި ދިރިއުޅޭ މީހުންނެވެ. މި ތޫފާންތަކުގެ ސަބަބުން އޮކްލަހޯމާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ. މި ތުފާންތަކުގައި މަރުވި ފަސް ވަނަ މީހަކީ އަޔޯވާ ސްޓޭޓްގެ މީހެކެވެ.

ޓެކްސަސް އިން ފެށިގެން މިސޫރީއާ ހަމައަށް އަސަރުކުރި މި ތޫފާންތަކުގައި 18 ސެންޓިމީޓަރާ ހަމައަށް ވާރޭވެހިފައިވާ ކަމަށް އެމެރީކާގެ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ. މި ތޫފާންތަކުގައި އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ އިރުމަތީ އޮކްލަހޯމާގެ ސަލްފަ ކިޔާ އަވަށަކަށެވެ. މި އަވަށުގެ ވަރަށް ގިނަ ގެތަކެއް ވަނީ ބިމާ ހަމަވެ, ވެހިކަލްތައް ފުށުން ޖަހާލައިފަ އެވެ.

އޮކްލަހޯމާ ސްޓޭޓް ޑިޕާޓްމެންޓް އޮފް ހެލްތުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގައި 100 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އޮކްލަހޯމާގެ ގަވަރުނަރު ވިދާޅުވީ އޭނާގެ ގަވަރުނަރުކަމުގައި ފާއިތުވި ހަ އަހަރު ތެރޭގައި ވެސް މިވަރުގެ ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. މި ހާދިސާ އާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނި ގަވަރުނަރާއި ގުޅުއްވާ މި ހާދިސާއިން އަރައިގަތުމަށް އެމެރިކާގެ ފެޑެރަލް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.