ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ދަރިވަރުންނަށް މިއަދު މަހެއްހާ ދުވަހުގެ ޗުއްޓީއެއް ދީފި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ފެށި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މިއަދު ނިމުނު އިރު ދިރާސީ އަހަރަށް ސްކޫލްތައް ދެން ހުޅުވާނީ އަންނަ މަހުގެ 26 ގަ އެވެ. ސްކޫލްތައް ބަންދުކުރި ނަމަވެސް ގްރޭޑް 10 ގެ ދަރިވަރުންގެ އޯލެވެލް އިމްތިހާން މިހާރު ކުރިއަށް އެބަދެ އެވެ.

ސަރުކާރުން މިހާރު ނިންމާފައި ވަނީ ދެން ފެށޭ ދިރާސީ އަހަރު ނިންމައި، ލިބޭ އަހަރީ ޗުއްޓީ ރޯދަ މަހާ ދިމާވާ ގޮތަށް ހަމަޖެއްސުމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ މާޗު 9 އިން އޭޕްރީލް 3 އަށެވެ.

މި ސަރުކާރުން ނިންމާފައި ވަނީ ދިރާސީ އަހަރު ނިންމުމަށް ފަހު ލިބޭ ބޮޑު ޗުއްޓީ ކުރިން އޮންނަ ގޮތަށް ޑިސެމްބަރުން ޖެނުއަރީ އަށް ދޭ ގޮތަށެވެ. މިހާރު އޮންނަ ގޮތަށް ބޮޑު ޗުއްޓީ ޖޫން މަހަށް ބަދަލުކޮށްފައި ވަނީ ކޮވިޑުގެ ދުވަސްވަރު ކުރީގެ ސަރުކާރުންނެވެ. އެ ބަދަލު ގެނައި މައިގަނޑު ސަބަބެއް ކަމަށް ބުނެފައި ވަނީ ޑިސެމްބަރު- ޖެނުއަރީ އަކީ ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަން ކަމަށްވާތީ ދަރިވަރުންނާ އެކު ޗުއްޓީ ހޭދަކުރަން ޓޫރިޒަމް ދާއިރާގެ ބެލެނިވެރިންނަށް ޗުއްޓީ ނުލިބޭތީ އެވެ.