ސުނިދީ ޗޯހަންއަކީ ބޮލީވުޑްގެ ލަވަކިޔުންތެރިންގެ ތެރެއިން އެންމެ ކާމިޔާބު އެއް ލަވަކިޔުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ތަރިއެކެވެ. ފިލްމުތަކަށް އޭނާ ކިޔައިދީފައިވާ ލަވަތަކުގެ އިތުރުން އޭނާގެ ސްޓޭޖް ކޮންސެޓުތަކަކީ ވެސް ކާމިޔާބު ކޮންސެޓުތަކެކެވެ.

އެހެން ނަމަވެސް އެންމެ ފަހުން ސުނިދީ ހުށައަޅައިދިން ކޮންސެޓުގައި އޭނާއަށް ވަނީ ތަފާތު ކަމެއް ތަޖުރިބާ ކުރަން ޖެހިފަ އެވެ. ލަވައެއް ނިންމަން އުޅެނިކޮށް އެއްވެ ތިބި މީހުންގެ ތެރެއިން އެކަކު ވަނީ އޭނާއާ ދިމާއަށް ފުޅިއެއް އެއްލައި ހަމަލާ ދީފަ އެވެ.

އެ ފުޅި އޭނާއާ ދިމާއަށް އައުމުން ސުނިދީ ވަނީ ކުޅަދާނަ ކަމާއެކު އެ ހާލަތު ރަނގަޅުކޮށްފަ އެވެ. އެގޮތުން ފުޅި އެއްލައިގެން ކުރެވޭނެހާ ވެސް ކަމަކީ ޝޯ ހުއްޓާލުން ކަމަށާއި އެއީ ބެލުންތެރިން ބޭނުންވާ ގޮތްތޯ އޭނާ ސުވާލު ކުރި އެވެ.

އެ ސުވާލުގެ ޖަވާބުގައި އެއްވެ ތިބި މީހުން ނޫނެކޭ ބުނުމުން ސުނިދީ ވަނީ އޭނާގެ ހުށައެޅުންތައް އަލުން ފަށައި ކުރިއަށް ގެންގޮސްފަ އެވެ.

މި ހާދިސާއާ ގުޅިގެން ސުނިދީއަށް ތައުރީފު ކުރަމުން އާއްމުންގެ ގިނަ ބަޔަކު އަންނަނީ އެކަން ކުރި މީހަކީ ވަރަށް އިހުތިރާމު ކުޑަ މީހެއް ކަމަށާއި އެ ހާލަތުގައި ސުނިދީ ކަންތައް ކުރިގޮތް ފާހަގަކުރަމުންނެވެ.

ސުނިދީގެ ކެރިއަރުގައި މިހާތަނަށް 2000 އަށްވުރެ ގިނަ ލަވަ ރެކޯޑު ކޮށްފައިވާއިރު "ބީޑީ ޖަލައިލޭ"، "ކަޖްރާރޭ" އަދި "ދޫމް މަޗާލޭ"އަކީ ފާހަގަކޮށްލެވޭ ލަވަތަކެވެ.