ބޮލީވުޑްގެ ތަރި ޝާހްރުކް ޚާން ލަކްނައުއަށް އަންނަ ކަމަށް ބުނެ ދޮގު ހަބަރުތައް ފަތުރަމުން ދާތީ އުއްތަރަ ޕްރަދޭޝްގެ ފުލުހުން އިންޒާރު ދީފި އެވެ.
ޔޫޕީގެ ފުލުހުންގެ ހިދުމަތުން އެ އިދާރާގެ ސޯޝަލް މީޑިއާ އެކައުންޓުގައި ބުނެފައިވަނީ ޝާހްރުކް ޚާން ލަކްނައުއަށް އަންނަން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.
މީގެ އިތުރުން މިފަދަ ހަގީގަތެއް ނެތް ހަބަރުތައް ފެތުރުން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށާއި އެހެން ނޫންނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓު ކުރަމުން ދާ ގޮތުގައި އިންޑިއަން ޕްރިމިއާ ލީގުގައި ކަލްކަތާ ނައިޓް ރައިޑާސްއާއި ލަކްނައު ސުޕަ ޖައަންޓްސް ބައްދަލުކުރާ މެޗަށް ޝާހު ލަކްނައުއަށް އަންނާނެ ކަމަށެވެ.
ކަލްކަތާ ނައިޓް ރައިޑާސްއަކީ ޝާހުގެ މިލްކުވެރިކަން އޮންނަ ޓީމަކަށް ވާއިރު އެ ޓީމު ކުޅޭ ގިނަ މެޗުތަކުގައި ޝާހްރުކް ޚާން އޭނާގެ އާއިލާއާއެކު ބައިވެރިވެ އެވެ.