ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީގެ އެންމެ މަގުބޫލު މަންޒިލުގެ އެވޯޑް ރާއްޖެ ހޯދައިފި އެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަންސް ކެޓަގަރީގެ ބައިން އެވޯޑް ހާސިލުކުރި ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފައިވަނީ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި ކުރިއަށް ދިޔަ މި އެވޯޑު ހަފްލާގައި ރާއްޖެ އަށް ވަނީ އިންޑިއަން އޯޝަންސް ކެޓަގަރީގެ ލީޑިން ޑެސްޓިނޭޝަނާއި ލީޑިން ހަނީމޫން ޑެސްޓިނޭޝަނާއި ލީޑިން ގްރީން ޑެސްޓިނޭޝަނާއި ލީޑިން ޑައިވް ޑެސްޓިނޭޝަން އެވޯޑު ލިބިފަ އެވެ.
މިއެވޯޑުތަކާރާއްޖެއިން ހަވާލުވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރްސީ ބޯޑުގެ ޗެއަޕާސަން، އައިޝާ ނޫރައިން ޖަނާޙާއި އެމްއެމްޕީއާރްސީގެ ސީއީއޯ ފާތިމަތު ތައުފީގާއި ޓޫރިޒަމް ޑިވެލޮޕްމަންޓަށް ރައީސް އައްޔަންކުރައްވައިފައިވާ އެޑްވައިޒަރު މުހައްމަދު ހަލީލް ބައިވެރިވެ ވަޑައިގެން ރާއްޖެއަށް ލިބުނު އެވޯޑުތަކާ ހަވާލުވެފައިވެ ވަޑައިގަތެވެ.
މިދިޔަ އަހަރު ރާއްޖެއަށް ވަނީ ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު ވެސް ލިބިފަ އެވެ. އެ އެވޯޑު ޖެހި ޖެހިގެން ހަތަރު ފަހަރު ރާއްޖެއަށް ލިބިފައިވެ އެވެ. ވޭތުވެދިޔަ އަހަރުތަކުގައި ވެސް ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެންމެ ޝަރަފުވެރި ގިނަ އެވޯޑުތަކެއް ރާއްޖެއިން ހާސިލުކޮށްފައިވެ އެވެ.
1993 ވަނަ އަހަރުގައި އުފެދިގެން އައި ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފެންވަރުގައި ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ މަޤްބޫލުކަން ހޯދައިފައިވާ އެވޯޑެކެވެ.
މި އެވޯޑްތަކުގެ ސަބަބުން ފަތުރުވެރިކަމުގެ މަގްބޫލު މަންޒިލެއްގެ ގޮތުގައި އެއްވެސް ބަދަލެއްނެތި ރާއްޖެ އޮތްކަން ހާމަކޮށްދިނުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހަނދާން ނައްތާނުލެވޭނެ ފަދަ ތަޖުރިބާތައް ފޯރުކޮށްދިނުމާއި، އަދި، އެމްއެމްޕީއާރްސީ އިން މެދުކެނޑުމެއްނެތި ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމުގައި ކުރަމުންގެންދަވާ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް މަގުފަހިވެގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.