ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓި އަމުރު ބާތިލްކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނިކޮށް އޭނާ ފުރައިވަޑައިގަތުމުގެ ހުއްދައަށް އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ނިންމީ އެ ހުއްދަ ނުދިނުމަށެވެ. އަދި ދައުލަތުން އެދިގެން ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އެންގި އެވެ. އެކަމަކު ހައި ކޯޓުން ނިންމީ އެ އަމުރު ބާތިލް ކުރުމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ޖިހާދު ފިއްލަވަން އުޅުއްވާ ކަމުގެ ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށާއި ދައުލަތުން ދެއްކީ ޖިހާދު އަމިއްލަފުޅަށް ކޯޓަށް ހުށަހެޅި ޓިކެޓެއް ކަމަށް އެ ހުކުމުގައިވެ އެވެ. އެއީ އޭނާ ފިއްލަވަން އުޅޭކަމުގެ ހެއްކެއް ނޫން ކަމަށާއި އަދި މީހަކު ރާއްޖެއިން ބޭރަށް ދާން އުޅުމަކީ އޭގެ ޒާތުގައި ފިލަން އުޅޭކަމުގެ ހެއްކެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން ކުރިން އަންގާފައި ނުވަނީސް، ޖިހާދު ބޭރަށް ވަޑައިގަތުމުގެ ފުރުސަތު އޮއްވާ ވެސް އޭނާ ބޭރަށް ވަޑައިގެންފައި ނެތުމަކީ އޭނާ ފިއްލަވަން ނޫޅުއްވާ ކަން އެނގޭ ކަމެކެވެ. އަދި ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ އަދި އެކަމަށް ދައުލަތުން އެދުނީ ވެސް ޖިނާއީ އިޖްރައާތުގެ ގާނޫނާ ޚިލާފަށް ކަމަށާއި އެފަދަ އަމުރުތަކަށް އެދުމުގެ ބާރު ޕީޖީއަށް ނޯންނާނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެފަދަ އަމުރުތަކަށް އެދެވޭނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެކަނި ކަމަށް ހުކުމުގައިވެ އެވެ.