ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިހާރު ހިނގަމުންދާ މަޝްރޫއުތައް ފުރިހަމަ ކުރަން ސައުދީ ޑިވެލޮޕްމަންޓް ފަންޑުން ރާއްޖެ އަށް 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނެއް މިއަދު ދީފި އެވެ.

އެއާޕޯޓު ތަރައްގީ ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ވެސް 100 މިލިއަން ޑޮލަރުގެ ލޯނެއް ދިނެވެ. މިއާ އެކު، ސައުދީ ފަންޑުން އެއާޕޯޓު ތަރައްގީ ކުރަން ޖުމްލަ 200 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ) ވަނީ ދީފަ އެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ސުލްތާން ބިން އަބްދުއްރަޙްމާން އަލް މަރްޝަދެވެ.

ސައުދީ ފަންޑުގެ ސީއީއޯ ވިދާޅުވީ މި އެހީއާ އެކުގައި އަހަރެއްގެ މައްޗަށް ވީއައިއޭގައި ހަތް މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށެވެ. އަދި އެއާކާގޯ ހިދުމަތް ވެސް ވެގެން ދާނީ ވިޔަފާރީގެ ދާއިރާ އާއި ޓޫރިޒަމްގެ ދާއިރާއަށް ހުޅުވޭ ދޮރަކަށް ކަމުގައި ވިދާޅުވި އެވެ.

ސުލްތާން ވިދާޅުވީ މީގެ ކުރިން ވެސް އެއާޕޯޓު ތަރައްގީގެ މަޝްރޫއުތަކަށް އެ ފަންޑުން އެހީތެރިކަން ދީފައިވާ ކަމަށެވެ. އެގޮތުން 1978، 1981، 1992، 1999 އަދި 2016 ވަނަ އަހަރު އެއާޕޯޓު ތަރައްގީ ކުރުމަށް އެހީ ތެރިކަން ފޯރުކޮށްދީފައިވާ ސުލްތާން ފާހަގަ ކުރެއްވިއެވެ.

"މިއަދު ސޮއިކުރި އެއްބަސްވުމާ އެކު، އެއާޕޯޓު އަޕްގްރޭޑުކޮށް، ތަރައްގީ ކުރުމަށް މި ވަނީ ހަ ލޯނެއް ވަނީ ދީފައި. އެ ލޯނުގެ އަދަދު 285 މިލިއަން ޑޮލަރަށް އަރާ،" ސުލްތާން ވިދާޅުވި އެވެ.

މީގެކުރިން ސައުދީ ފަންޑުން ރާއްޖޭގެ 16 މަޝްރޫއަކަށް 470 މިލިއަން ޑޮލަރ (7.2 ބިލިއަން ރުފިޔާ) ގެ އެހީ ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި ހައުސިން އާއި ސިއްހީ ނިޒާމާއި ފިޝަރީޒް އަދި ކޮމާޝިއަލް އިންފްރާސްޓްރަކްޗާ ހިމެނެ އެވެ.

ޝަފީގު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް އިތުރު 100 މިލިއަން ޑޮލަރު ހަމަޖައްސައި ދިނުމުން ސައުދީ ފަންޑުގެ ބޯޑަށް ހާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ.

"ކުރިއަށް އޮތްތަނުގައި ވެސް ތަރައްގީގެ މުހިންމު މަޝްރޫއުތަކުގައި ސައުދީ ފަންޑުގެ އެހީތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރަން،" ޝަފީގު ވިދާޅުވި އެވެ.