ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލާސްކަންފުޅާ އުޅުއްވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައުދީ ރަސްގެފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފި އެވެ.

ރައީސް ޑރ. މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސައުދީ ރަސްގެފާނުގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރަސްގެފާނަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އަދި ރަސްގެފާނަށް ދިގު އުމުރެއް ދެއްވުން އެދި ދުއާ ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސައުދީ ރަސްގެފާނު އާލާސްކަންފުޅެއްގައި އުޅުއްވާތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ. ސައުދީ ރަސްގެފާނުގެ ސިއްހީ ހާލަތު ދެނެގަތުމަށްޓަކައި ހެދި ޓެސްޓުތަކުން އެނގުނު ގޮތުގައި އެމަނިކުފާނަށް ޖެހިވަޑައިގެންފައި ވަނީ ފުއްޕާމޭގެ އާލާސްކަންފުޅެކެވެ. އެ ޓެސްޓުތައް އެމަނިކުފާނު ހެއްދެވީ ވަރަށް ގަދަ އަށް ހުން އައިސް، ހުޅުތަކުގައި ރިއްސަން ފެށުމުންނެވެ.

ސައުދީ ރަސްގެފާނު ފަރުވާ ހޯއްދަވަނީ ސައުދީގައި ހުންނަ އަލްސަލާމް ގަނޑުވަރުގަ އެވެ.

އުމުރުފުޅުން 88 އަހަރުގެ ރަސްގެފާނު ސަލްމާން ރަސްކަމާ ހަވާލުވެވަޑައިގެންނެވީ 2015 ވަނަ އަހަރު އޭރުގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް އަވަހާރަވުމާ ގުޅިގެންނެވެ. ސައުދީ އަރަބިއްޔާގެ ވަލީއަހުދަކީ ރަސްގެފާނު ސަލްމާންގެ ބޭފުޅެއް ކަމަށްވާ މުހައްމަދު ބިން ސަލްމާން އެވެ. ސައުދީގެ ވަލީއަހުދު ޖަޕާނަށް ކުރެއްވުމަށް ހަމަޖެހިފައި އޮތް ދަތުރުފުޅު މިހާރު ވަނީ ކެންސަލް ކުރައްވައިފަ އެވެ.