މާލެ އާއި ހުޅުލެ އަދި ފުނަދޫ މޮނޮ ރެއިލްއަކުން ގުޅާލުމުގެ މަސައްކަތް ދުބާއީ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
ހަ މަސް ދުވަސް ތެރޭގައި އިކޮނޮމިކް މިނިސްޓްރީން ހާސިލުކޮށްފައިވާ ކާމިޔާބީތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ފުނަދޫ އާއި މާލެ އަދި ހުޅުލެ މޮނޯރެއިލް އަކުން ގުޅާލުމުގެ މަސައްކަތަށް ފައިނޭންސް ކުރުމަށް އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީއާއެކު ސޮއިކޮށްފައިވާ ކަމަށެވެ.
"ފުނަދޫ މާލެ އާއި އަދި ހުޅުލެ އާއި މިގުޅާލަނީ ސިންގަލް ޓްރެކް މޮނޮރެއިލްއަކުން. އެ މަސައްކަތަށް ފައިނޭންސް ކުރުމަށްޓަކައި ވަނީ ބަޔަކާ ސޮއިކުރެވިފައި. އެއީ އިފްޒާ އާއެކު. އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ އާއެކު ސޮއިކުރެވިފަ މިވަނީ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަވާލުކުރީ މި ސަރުކާރުން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމަށް ވެސް ހަވާލުކުރި ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ) އާ އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ފުނަދޫ ތަރައްގީ ކުރުމުގެމަސައްކަތުގެ ތެރެއިން އެ ރަށުގައި މިހާރު ހުރި ފިއުލް ފާމް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
ފުނަދޫގައި ތަރައްގީކުރަން ނިންމާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯން ތަރައްގީކުރުމާ ގުޅޭ އެމްއޯޔޫގައި އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީ އާއި އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީއާއެކު ސޮއިކުރީ މިމަހުގެ 12 ވަނަ ދުވަހު އެވެ.
އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީއަކީ ޔުނައިޓެޑް އަރަބި އެމިރޭޓްސްއާއި، ޗައިނާއާއި، ސްވިޒްލޭންޑުގެ އިތުރަށް ވެސް ގިނަ ގައުމުތަކެއްގައި އިކޮނޮމިކް ފްރީ ޒޯނުތައް ގާއިމުކޮށް ތަރައްގީކުރުމުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެވެ.