ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އެ ގައުމުގެ ބިންތައް ހިފައިގެން ތިބި ޔަހޫދީ ޒައިނިސްޓް ހަނގުރާމަވެރިން ދޭ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ އަންނަ ހުކުރު ދުވަހު މާލޭގައި އެއްބައިވަންތަކަމުގެ އެއްވުމެއް ބާއްވަން ނިންމައިފި އެވެ.
ރާއްޖޭގެ ޖަމިއްޔާތަކާއި ޖަމާއަތްތައް ގުޅިގެން ބާއްވާ މި އެއްވުން އިންތިޒާމު ކުރަނީ އިސްރާ އެސޯސިއޭޝަންގެ ފަރާތުންނެވެ. މި މަހުގެ 31 ވާ ހުކުރު ދުވަހު ހަވީރު 4 ޖަހާއިރު އާޓިފިޝަލް ބީޗުގައި ބާއްވާ މި އެއްވުމުގައި ވީހާ ވެސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވުމަށް އެ އެސޯސިއޭޝަނުން އެދެ އެވެ.
ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް މީގެ ދެރޭ ކުރިން ޔަހޫދީ ޒަޔަނިސްޓް ހަނގުރާމަވެރިން ވަނީ ރަފަހު ސިޓީގައި ބޮޑު ލާއިންސާނީ ގަތުލުއާންމެއް ހިންގައިފަ އެވެ. ރަފާހުގެ ގޯތި ގެދޮރު ތަޅާލުމުގެ ސަބަބުން މަގުތައް މަތީ ދިރިއުޅެންޖެހިފައިވާ އެތައް ސަތޭކަ ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން ތިބި ފޭލިގެތަކެއްގައި ހުޅުޖަހައި ވަނީ އަންދާލައިފަ އެވެ.
މި ޖަރީމާގެ ސަބަބުން ޔަހޫދީންނަށް ސަޕޯޓްކުރާ ބައެއް ވިލާތުގެ އިއްތިހާދުގެ ގައުމުތަކުން ވެސް ވަނީ އެކަންށް ކުށްވެރިކޮށްފަ އެވެ.
ހުކުރު ދުވަހުގެ އެއްވުމާ ގުޅޭ ގޮތުން އިސްރާ އެސޯސިއޭޝަނުން މާދަމާ 11 ޖަހާއިރު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.