މަޝްހޫރު ތެލެގޫ އެކްޓަރު އައްލޫ އަރުޖުން އާއި ބަތަލާ ރަޝްމިކާ މަންޑަންނާ ލީޑު ރޯލުން ފެނިގެންދިޔަ "ފުޝްޕާ: ދަ ރައިޒް" އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ފިލްމެކެވެ.
މި ފިލްމު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާއިރު މިހާރު އަންނަނީ މިފިލްމުގެ ދެ ވަނަ ބައެއް ނެރުމަށް ތައްޔާރުވަމުންނެވެ.
"ޕުޝްޕާ" ފުރަތަމަ ފިލްމުގައި ހިމެނިގެންދިޔަ ލަވަތަކަކީ ވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ލަވަތަކެވެ. އަދި އެ ލަވަތަކުގައި އައްލޫ އާއި ރަޝްމިކާގެ ޑާންސް ސްޓެޕްތަކަކީ ވެސް މަގުބޫލުވެގެންދިޔަ ސްޓެޕްތަކެވެ.
މި ފިލްމުގެ މޮޅުކަމުގެ ތައުރީފު ނުކުރާ މީހަކު ނެތެވެ.
"ޕުޝްޕާ"ގެ ދެވަނަ ފިލްމު މި އަހަރު އޮގަސްޓް 15 ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު ގިނަ ބަޔަކު އަންނަނީ މި ފިލްމަށް އިންތިޒާރު ކުރަމުންނެވެ.
މި ފިލްމުގެ ޕޯސްޓަރާއި ޓްރައިލާތައް މިހާރު ބެލުންތެރިންނާ ހަމައަށް ދޫކޮށްލާފައިވާއިރު މި ފިލްމުގައި ހިމެނޭ ލަވައެއް މިވަނީ ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ. އެގޮތުން "ޕުޝްޕާ- ދަ ރޫލް"ގައި ހިމެނޭ އިތުރު ލަވައެއް ވަނީ އާންމުކޮށްފަ އެވެ.
ލަވައިގެ ރަސްމީ ވީޑިއޯގެ ބަދަލުގައި އާންމުކޮށްފައި ވަނީ ލަވައިގެ ޝޫޓިންގެ ތެރޭގެ މަންޒަރުތަކެވެ. އެގޮތުން ފިލްމުގެ ލީޑް ތަރިން ކަމަށްވާ އައްލޫ އަރުޖުން އާއި ރަޝްމިކާ މަންދަނާގެ ނެށުންތަކެއް ފެނިގެންދާނެ ލަވައިގެ ސެޓްގެ އެކިއެކި ހަރަކާތްތައް ދައްކުވައި ދީފައިވެ އެވެ.
މި ލަވައިގެ ހިންދީ ވާޝަނުގެ ނަމަކީ "އަންގާރޯ" އެވެ. އަދި ލަވަ ކިޔާފައި ވަނީ ޝްރެޔާ ގޯޝާލް އެވެ. ދޭވީ ސްރީ ޕްރަސާދުގެ މިއުޒިކަށް ހަދާފައިވާ ލަވައިގެ ނެށުން ތައްޔާރުކޮށްފައި ވަނީ ގަނޭޝް އަޗާރިއާ އެވެ.
"ޕުޝްޕާ"ގެ ފުރަތަމަ ފިލްމުގައި ހިމެނިގެންދިޔަ "ސާމީ ސާމީ" ފަދައިން މި ލަވަ ވެސް ވަނީ ގިނަ ބައެއްގެ މެދުގައި މަގުބޫލުވެގެން ގޮސްފަ އެވެ.
ޓީ-ސީރީޒް އިން ޕްރޮޑިއުސްކުރާ "ޕުޝްޕާ 2: ދަ ރޫލް" ހަ ބަހަކުން ނެރުމަށް ވަނީ ހަމަޖެހިފަ އެވެ. ދެވަނަ ފިލްމު ވެސް ޑައިރެކްޓުކުރަނީ ފުރަތަމަ ބައި ޑައިރެކްޓުކުރި ސުކުމާރެވެ. މި ފިލްމުގައި އައްލޫއާ އެކު މުހިންމު ރޯލުތަކުން ފެންނާނީ ރަޝްމިކާ މަންދަނާ އާއި ފަހަދު ފާސިލެވެ.
އިންޑިއާގެ އެކި ބަސްތަކުން ނެރުނު ޕުޝްޕާގެ ފުރަތަމަ ފިލްމު "ޕުޝްޕާ؛ ދަ ރައިސް" އަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ. މީގެ ދެ އަހަރުވަރު ކުރިން، 2021 ގައި ނެރުނު އެ ފިލްމަށް ވަނީ ބޮކްސް އޮފީހުގައި 42 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. އަދި މި ފިލްމަކީ އެ އަހަރު އެންމެ ބޮޑު އާމްދަނީއެއް ވެސް ހޯދި އިންޑިއާގެ ފިލްމެވެ.