އެމްޓީސީސީގެ ހައި ސްޕީޑް ފެރީ، "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް)ގެ ހިދުމަތް ބ. އަތޮޅުގައި މިއަދު ފަށައިފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖޭގައި ތައާރަފު ކުރި އާރުޓީއެލްގެ ހިދުމަތް، މިހާރު ޓޫރިޒަމް ދާއިރާ ފުޅާވަމުންދާ ބ. އަތޮޅުގައި މިއަދު ތައާރަފުކޮށް، ދަތުރުތަކަށް އަހުލުވެރިވުމުގެ ފުރުސަތު ދިނުމަށް އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ދަތުރުތައް ކުރާނީ ހިލޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

އަހުލުވެރިކުރުމުގެ ދަތުރުތަކަށް ފަހު އޮގަސްޓް 4، އިން ފެށިގެން އާރްޓީއެލް ފެރީގެ ހިދުމަތް ބ. އަތޮޅަށް ލިބޭނީ ޓިކެޓު ނަގައިގެން ކަމަށާއި ޓިކެޓު ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އޮގަސްޓް 1، އިން ފެށިގެން އާރްޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕުން ގަނެވޭނެ އެވެ.

އާރުޓީއެލް ފެރީ މަޝްރޫއުގެ ދަށުން ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅު، ނ. އަތޮޅު އަދި ރ. އަތޮޅުގައި މިހާރުވެސް ހިދުމަތް ފޯރުކޮށްދެމުން ދާއިރު، ބ. އަތޮޅުގައި ހިދުމަތް ފެށުމާއެކު މުޅި ޒޯން 2 އަށް ހިދުމަތް ފުޅާކުރެވުނީ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ޒޯން 2 ގައި ހިމެނޭ ހަތަރު އަތޮޅުގައި، އެއް އަތޮޅުން އަނެއް އަތޮޅަށް އާރުޓީއެލްއިން ގުޅާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އާރުޓީއެލް ފެރީގެ ހިދުމަތް ބ. އަތޮޅުގައި މިއަދު ފަށާފައިވާ ކަމަށާއި އެއާއެކު ބ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް ވެސް ފެރީގެ ނިޒާމުން ގުޅާލެވިގެން ދާނެ ކަމަށެވެ.

ބ. އަތޮޅުގައި ހިދުމަތް ދެނީ 2 ރޫޓަށް ބަހާލައިގެންނެވެ. ހިދުމަތުގައި މިވަގުތު 2 ލޯންޗު ބޭނުންކުރާއިރު ދަތުރުތަކުގެ ރޫޓްތައް ކަނޑައަޅާފައިވަނީ އެއާޕޯޓް ހިދުމަތާއި އާންމު އެހެނިހެން ހިދުމަތްތައް ހޯދުމަށް އަތޮޅުގެ ވެރި ރަށަށް ދަތުރުކުރުމަށް ފަހިވާގޮތަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ.

ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅާއި ނ. އާއި ރ. އަތޮޅުގައި މިހާރު ވެސް ވަނީ އާރުޓީއެލްގެ ހިދުމަތް ދޭން ފަށައިފަ އެވެ. އަދި ބ. އަތޮޅުގައި އެ ހިދުމަތް މިއަދު ފެށުމާއެކު، ޒޯން 2 ގެ ހުރިހާ އަތޮޅަކަށް އާރްޓީއެލްގެ ހިދުމަތް ފުޅާކުރެވުނީ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ކުރިއަށް އޮތް ތަނުގައި ޒޯން 2ގެ ހުރިހާ އަތޮޅެއް ގުޅާލައި، އާރްޓީއެލް ފެރީގެ ހިދުމަތް އެ ހަތަރު އަތޮޅުގައި ދެވޭނެ ކަމަށެވެ.

ބ. އަތޮޅާ އެކު އާރްޓީއެލް ހިދުމަތް ދޭ އަތޮޅުގެ އަދަދު 11 އަށް އެރީ އެވެ. އާރްޓީއެލްގެ ހިދުމަތް ދޭން ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއު ގެންދަނީ ތިން ފޭސްއަކަށް ބަހާލައިގެން ހަ ޒޯނެއް ކަނޑައަޅައިގެންނެވެ.

އެ ޕްރޮޖެކްޓަށް 800 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. ފެރީގެ ހިދުމަތުގެ އެ މަޝްރޫއު ފެށީ 2022 ވަނަ އަހަރު އެވެ.