ޖާހިލިއްޔަ ޒަމާނުގައި ޙައްޖުގެ އަޅުކަމުގެ ކަންކަން އޮތްގޮތުގެ ވާހަކަ ކޮންމެ ވެސް ވަރަކަށް މި ލިޔުމުގެ ފުރަތަމަ ބައިގައި ވާނީ ބަޔާންކުރެވިފައެވެ. މި ބައިގައި ވެސް މި ބަލައިލަނީ ޖާހިލިއްޔަ ޒަމާނުގައި ޙައްޖުގެ އަޅުކަމާއި އެއާ ގުޅުން ހުރި ބައެއް ކަންކަމުގައި ޢަރަބީން ޢަމަލުކޮށް އުޅުނު ގޮތުގެ މައްޗަށެވެ.
ޖާހިލިއްޔަ ޒަމާނާއި ޠަވާފު:
ޙައްޖުގެ އަޅުކަމާއި ޠަވާފު ފެށިގެން އައީ އިބްރާހީމްގެފާނުގެ ޒަމާނުގައެވެ. މާތްﷲގެ އަމުރުފުޅަށް އެކަލޭގެފާނު ގެފުޅު ބިނާކުރެއްވުމާ ހަމައިންނެވެ. އަދި މީސްތަކުން ޙައްޖަށް އައުމަށް ގޮވައިލެއްވުމާ ހަމައިންނެވެ. އެ ގޮތަށް އެ ކަން ދެމިގެން އައެވެ. އެހެންކަމުން، ޖާހިލިއްޔަ ޒަމާނުގައި ވެސް މީސްތަކުން ގެފުޅު ވަށައިގެން ޠަވާފުކޮށް އުޅުނެވެ. އަދި އެހެން ތަންތަނަށް ގޮސް ޠަވާފުކޮށް ވެސް އުޅުނެވެ. ޢަރަބީންގެ ކޮންމެ އަވަށެއްގައި، އަދި ކޮންމެ ރަށެއްގައިހެން އެބައި މީހުން އަޅުކަން ކުރުމާއި ޠަވާފުކުރުމާއި އެ ތަންތަނުގައި ޤުރުބާންކުރުމަށް ބޮޑު ބުދެއް ބަހައްޓައިފައި ހުއްޓެވެ. ބައެއް ރަށްރަށުގައި ބޮޑު ދެ ބުދު ވެސް ބަހައްޓައިފައި ހުއްޓެވެ.
މައްކާއަށް ބަލާއިރު، ގެފުޅު ތެރެއާއި ބޭރުގައި ވެސް އެތައް ސަތޭކަ ބުދެއް ޤުރައިޝުން ބަހައްޓައިފައި ހުއްޓެވެ. އެ ގޮތުން އެބައި މީހުން އަޅުކަން ކޮށްއުޅުނު މަޝްހޫރު ބައެއް ބުދުތަކުގެ ނަންތަކަށް ބަލާއިރު، مَنَاف އެވެ ކިޔުނު ބުދެއް ހިމެނެއެވެ. މި ބުދަށް ނިސްބަތްކޮށް އެބައިމީހުންގެ ދަރީންނަށް عبد المناف އެވެ ކިޔައި ނަން ދީ ވެސް އުޅުނެވެ. އެބަހީ، މަނާފު ބުދުގެ އަޅާއެވެ. ހަމަ އެގޮތަށް، شَمْسُ އެވެ ކިޔުނު ބުދެއް ހިމެނެއެވެ. އަދި ދަރީންނަށް عبد الشمس އެވެ ކިޔައި ނަން ދީ އުޅުނެވެ. އެބަހީ، ޝަމްސު ބުދުގެ އަޅާއެވެ. އަދި العُزَّى އެވެ ކިޔުނު ބުދެއް ވެސް ހިމެނެއެވެ. މި ބުދަކީ ބުނެވޭ ގޮތުގައި، ޤުރައިޝުން އެންމެ ބޮޑަށް އިޙްތިރާމުކޮށް، މަތިވެރިކޮށް އުޅުނު ބުދެވެ. މައްކާ ފަތަޙަކުރެއްވި ދުވަހު މާތް ނަބިއްޔާ صلى الله عليه وسلم ޚާލިދު ބުނު ވަލީދު رضي الله عنه ފޮނުއްވައިގެން މި ބުދު ތަޅުއްވައިލެއްވިއެވެ. (كتاب الاصنام، أبو المنذر الكلبي، ص19) އަދި الهُبَلُ އެވެ ކިޔުނު ބުދެއް ހިމެނެއެވެ. މި ބުދަކީ ވެސް ބުނެވޭގޮތުން އެބައިމީހުންގެ ދެކޭ ގޮތުގައި ބުދުކަލާނގެތަކުގެ ތެރެއިން އެންމެ ބޮޑު ބުދުކަލާނގެއެވެ. ހުބަލޭ ކިޔުނު މި ބުދު ބެހެއްޓިފައި ހުރީ ބުނެވޭ ގޮތުން ކަޢުބާގެ މަތީގައެވެ. ނުވަތަ ކަޢުބާގެ ތެރޭގައެވެ. (المختصر في أخبار البشر، 1/98)
މައްކާގެ ރަށްބޭރަށްވާ ގޮތަށް (الخَلَصَة) އެވެ ކިޔުނު ބުދެއް ބަހައްޓައިފައި ހުއްޓެވެ. އޭތީގެ ކަރުގައި އެބައި މީހުން ރަންރިއްސާއި ޖަވާހިރު އޮޅައި، އެއަށް ޤުރުބާންކޮށް، އޭގެ މައްޗަށް ކިރުއޮއްސައި، އެއަށް ގޮދަނާއި ހަނޑޫ ހަދިޔާކޮށް، ގިނިކާމާދޫނީގެ ބިސް އޭގެ މައްޗަށް އަޅައި އުޅުނެވެ. (أخبار مكة للأزرقي 1/124 عن ابن إسحاق)
މީގެ އިތުރުން ވެސް އެއްވެސް ސޫރައެއް ނެތް ގޮތުގައި، ހިލަހިލައިގެ ގޮތަށް އެތައް ހިލައެއް ކަޢުބާ ވަށައިގެން އެބައިމީހުން ނަގައި ކޮޅަށް ޖަހައިފައި ހުއްޓެވެ. އަދި އެއަށް އަޅުކަން ކޮށް، އެއަށް ޤުރުބާންކޮށް އުޅުނެވެ. (تفسير مقاتل بن سليمان 502/1)
ރިވާވެފައިވާ ގޮތުން އެއް ދުވަހަކު ނަބިއްޔާ صلى الله عليه وسلم ޙަރަމްފުޅަށް ވަދެވަޑައިގެން ގެފުޅު ވަށައި ޠަވާފުކުރެއްވުމަށްފަހު، އެ ތަނުގައި އިށީނދެ ތިބި ޤުރައިޝުންގެ ބޮޑުންނާ ދިމާއަށް، ކަޢުބާ ވަށައިގެން ބަހައްޓައިފައި ހުރި ބުދުތަކަށް އިޝާރާތްކުރައްވަމުން، އަންނަނިވި އާޔަތް ވިދާޅުވިއެވެ. إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ اللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَارِدُونَ (الأنبياء:98) މާނައީ: "ހަމަކަށަވަރުން، ތިޔަބައިމީހުންނާއި، اللَّه ފިޔަވައި ތިޔަބައި މީހުން އަޅުކަންކުރާ ތަކެއްޗަކީ، ނަރަކައިގެ ދަރެވެ. ތިޔަބައި މީހުން އެތަނަށް ވަންނަހުށްޓެވެ." (تفسير مقاتل بن سليمان (3/ 93)، أخبار مكة للفاكهي (2/ 169) عن ابن جريج مرسلًا.)
ހަމަ އެހެންމެ، މައްކާ ފަތަޙަކުރެއްވި ދުވަހު ޙަރަމްފުޅަށް ވަދެވަޑައިގެން، ކަޢުބާ ވަށައިގެން ބެހެއްޓިފައި ހުރި ބުދުތަކުގެ މޫނާއި ލޮލަށް އެކަލޭގެފާނުގެ އަތްޕުޅުގައި އޮތް ދަނޑިކޮޅަކުން ހަރައިލައްވަމުން އަންނަނިވި އާޔަތްތައް ވިދާޅުވިއެވެ. وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا (الإسراء: 81) މާނައީ: "އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލު ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، باطل އަކީ، ނެތިވެ ފިލައިދަނިވި އެއްޗެއް ކަމުގައި ވިއެވެ." قُلْ جَاءَ الْحَقُّ وَمَا يُبْدِئُ الْبَاطِلُ وَمَا يُعِيدُ (السبأ: 49) މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލަކަށް (އެއްވެސް އެއްޗެއް) ނުއުފެއްދޭނެތެވެ. އަދި އިޢާދައެއް ވެސް ނުމެ ކުރެވޭނެމެއެވެ." (البخاري، 4720). ދެން އެއަށްފަހު އެކަލޭގެފާނުގެ އަމުރުފުޅަށް އެ ތަކެތި މިސްކިތްކޮޅުން ބޭރުކުރެވި، އެ އެއްޗެހި އަންދައިލެވުނެވެ.
މީގެ އިތުރުން، ޖާހިލިއްޔަ ޒަމާނުގެ ޠަވާފަށް ބަލާއިރު، ޖާހިލިއްޔަ ޒަމާނުގައި، އަލްޙުމްސާއި އަލްޙިއްލާ، ޠަވާފުކުރުމުގައި ތަފާތު ކުރެއެވެ. އަލްޙުމުސަކީ ކުރީން ވެސް ބަޔާންކުރި ފަދައިން ޤުރައިޝުންނާއި ޤުރައިޝުންގެ ޚަލީފުންނެވެ. އަދި އަލްޙިއްލަކީ މައްކާއިން ބޭރުން އަންނަ ޢަރަބީންނެވެ. އަދި ޢަރަބި ޤަބީލާތަކެވެ. އަލްޙުމްސުގެ އަހުލުވެރީން ޠަވާފުކޮށް އުޅުނީ އެބައި މީހުންގެ ފައިވާނުގައެވެ. އަދި ފުރިހަމައަށް ފޭރާން އަޅައިގެންނެވެ. އެބައި މީހުން ދެކޭގޮތުގައި، އެ ގޮތަށް އެބައިމީހުން ކަންތައް ކުރަނީ އެބައިމީހުންގެ ފައި ކަޢުބާގެ ބިމުގައި ނުވަތަ ޠަވާފުގެ ބިމުގައި ނުޖެއްސުމަށެވެ. އެއީ އެ ތަނަށް ކުރާ އިޙްތިރާމެއްގެ ގޮތުންނެވެ. (المفصل في تاريخ العرب قبل الإسلام 356/11)
ޙިއްލުގެ އަހުލުވެރީން މިއާ ތަފާތެވެ. އެބައި މީހުން ކަޢުބާ ވަށައިގެން ޠަވާފުކުރަނީ އޮރިޔާމުންނެވެ. އެއްވެސް ފޭރާމެއް ނުލައެވެ. އެބައިމީހުންގެ ބަހަކަށް ވެފައި އޮންނަނީ، އެ ފޭރާމެއްގައި އަހުރެމެން މާތް ﷲ އަށް އުރެދިފައި ތިބި ފޭރާމެއް ލައިގެން ޠަވާފެއް ނުކުރާނަމެވެ. އަހުރެމެން ޠަވާފުކުރާނީ އަހުރެމެން މައިންގެ ބަނޑުތަކުން އުފަންވިއިރު ވެސް ތިބި ހާލަތުގައެވެ. އަދި މީގެ އިތުރުން ބައެއް މީހުން ބުނާގޮތުން އެބައި މީހުން އެ ގޮތަށް ކަންތައް ކުރަނީ އެބައިމީހުން ފޭރާމުން އެއްކިބާވި ފަދައިން މާތްﷲ އެބައި މީހުން ފާފަތަކުން ވެސް އެއްކިބާކުރެއްވުމުގެ ބޭނުމުގައެވެ. މި ގޮތަށް ބަރަހަނާ ޙާލަތުގައި ޠަވާފުކުރާން ޖެހޭތީ އެބައި މީހުންގެ އަންހެންވެރީން ޠަވާފުކުރަނީ ރޭގަނޑުގެ އަނދިރީގައެވެ. އަދި ފިރިހެނުން ދުވާލުގައެވެ. އަދި ބުނެވޭގޮތުން އަންހެންވެރީން ފިރިހެނުންގެ ލޯތަކުން ސަލާމަތްވުމުގެ ގޮތުން އެބައި މީހުންގެ ޢައުރަގުނަވަނާ ދިމާއަށްވާ ގޮތަށް ފޮތިކޮޅެއް އޮޅައިފައި ބަހައްޓައެވެ. އެހެން ނޫނީ، އެބައިމީހުންގެ އެއް އަތުން ކުރިމަތިފަރާތް އަނެއް އަތުން ފުރަގަސް ފަރާތް ފޮރުވައެވެ.
މި ކަމާ ގުޅުވައިގެން މާތްﷲ ވަޙީކުރައްވައިފައިވެއެވެ.
وَإِذَا فَعَلُوا فَاحِشَةً قَالُوا وَجَدْنَا عَلَيْهَا آبَاءَنَا وَاللَّهُ أَمَرَنَا بِهَا ۗ قُلْ إِنَّ اللَّهَ لَا يَأْمُرُ بِالْفَحْشَاءِ ۖ أَتَقُولُونَ عَلَى اللَّهِ مَا لَا تَعْلَمُونَ (الأعراف: 28)
މާނައީ: "އެއުރެން ފާޙިޝްކަމެއް ކޮށްފި ނަމަ، ބުނެތެވެ. ތިމަންމެންގެ ކާބަފައިން ވެސް އެ ކަން ކުރުންމަތީވަނިކޮށް ތިމަންމެން ދުށީމުއެވެ. އަދި އެ ކަމަށް اللَّه ވަނީ، ތިމަންމެންނަށް އަމުރުކުރައްވައިފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފާޙިޝްކަމަކަށް ހަމަކަށަވަރުން، اللَّه އަމުރެއް ނުކުރައްވަތެވެ. ތިޔަބައި މީހުންނަށް އެނގިގެންނުވާ އެއްޗެއް اللَّه އާ މެދު ތިޔަބައި މީހުން ބުނަނީ ހެއްޔެވެ؟"
އަދިވެސް މާތްﷲ ވަޙީކުރައްވައިފައިވެއެވެ.
يَا بَنِي آدَمَ خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ (الأعراف: 31)
މާނައީ: "އޭ އާދަމުގެ ދަރިންނޭވެ! ތިޔަބައި މީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ!
މި އާޔަތުގެ ތަފްސީރުގައި، ތަފްސީރު ޢިލްމުގައި އަރައިހުންނެވި ތާބިޢީ ބޭކަލެއް ކަމުގައިވާ الضَّحَّاك (102ހ) ވިދާޅުވެފައިވެއެވެ. "ޔަމަނުގެ އަހުލުވެރީންނާއި އަޢުރާބީން ގެފުޅަށް އައިސް ޙައްޖުވާ ހިނދު ޠަވާފުކުރަނީ އޮރިޔާން ޙާލަތުގައެވެ. އެހެންކަމުން، އެފަދައިން ކަންތައް ނުކުރުމަށް މާތްﷲ އެބައިމީހުން އަމުރުކުރެއްވިއެވެ. އަދި މިސްކިތުގައި އޮރިޔާން ނުވުމަށް އަމުރުކުރެއްވިއެވެ." (جامع البيان 394/12)
ޙިއްލުގެ އަހުލުވެރީންގެ ތެރެއިން ބައެއް މީހުން، މައްކާއަށް ވަނުމުގެ ކުރީން އެބައި މީހުންގެ ފައިވާނާއި އެބައި މީހުންގެ ފޭރާންތައް ޞަދަޤާތްކުރެއެވެ. އަދި އެއަށްފަހު ޙުމްސުގެ އަހުލުވެރިއެއްގެ އަތުން ފޭރާމެއް ލިބޭތޯ މަސައްކަތްކުރެއެވެ. ދަރަންޏަށް ވިޔަސް ނުވަތަ ކުއްޔަށް ވިޔަސް ފޭރާމެއް ލިބޭތޯ މަސައްކަތްކުރެއެވެ. ޙަރަމްފުޅުގެ ދޮރުމަތީގައި ހުރެގެން ތިމަންނާއަށް ހެދުމެއް ކުއްޔަށް ދޭނީ ކާކުތޯ ގޮވައި ހަދައެވެ. އެ ގޮތުން ވެސް އެ މީހަކަށް ފޭރާމެއް ދޭނޭ މީހަކު ނުވެއްޖެ ނަމަ، އޭނާގެ ފޭރާން ބޭލުމަށްފަހު، މިސްކިތުގެ ދޮރުކޮޅު ކައިރީގައި އަޅުވައެވެ. އަދި ބަރަހަނާ ޙާލަތުގައި ޙަރަމްފުޅުގެ ތެރެއަށް ވަދެ ޠަވާފުކުރަން ފަށައެވެ. ޠަވާފު ފެށުމުގެ ކުރީން އެންމެ ފުރަތަމަ އެބައި މީހުން ގޮސް ބޮސްދެނީ إِسَافُ (އިސާފު) އެވެ ކިޔުނު ބުދަށެވެ. އެއަށްފަހު ޙަޖަރުލްއަސްވަދަށް ބޮސްދެއެވެ. އަދި ކަޢުބާ އޭނާގެ ކަނާތަށް ވާގޮތަށް ހުރެގެން ޠަވާފުކުރަން ފަށައެވެ. ހަތްބުރު އެ ގޮތުގައި ފުރިހަމަކުރުމަށްފަހު އަނެއްކާ ވެސް ޙަޖަރުލްއަސްވަދުގައި ބޮސްދެއެވެ. ދެން އެއަށްފަހު نَائِلَة (ނާއިލާ) އެވެ ކިޔުނު ބުދަށް ބޮސްދެއެވެ. އެއަށްފަހު އެ މީހެއްގެ ޠަވާފު ނިމުނީއެވެ. އަދި ބޭރަށް ނުކުމެ އޭނާގެ ފޭރާން ނަގައިގެން އެ ފޭރާން ލައެވެ. އެއަށްފަހު، ބަރަހަނާ ޙާލަތުގައި ޠަވާފެއް ނުކުރާނެއެވެ. (أخبار مكة للأزرقي 77/1)
ޙުމްސުގެ އަހުލުވެރީން ނޫން މީހެއްގެ އަތުން ފޭރާމެއް ހޯދައިގެން ޙިއްލުގެ އަހުލުވެރިއެއް ޠަވާފުކުރާނަމަ، އޭނާ ވައްޓައިލައިފައި ވެސް އޭނާގެ ގައިން އެ ފޭރާން އެ މީހުން ބާލުވައި، ވީދާލައި އެއްލައިލައެވެ. އެ ގޮތަށް އެ ކަން ނުކުރެވިއްޖެނަމަ، އެ މީހަކު ޠަވާފުކޮށް ނިމުނީމާ ދެން އެ ފޭރާން ދިން މީހަކަށް އެ ފޭރާން އަނބުރާ ދިނުމަކީ މަނާ ކަމެކެވެ. އެ ފޭރާން އެ މީހުން ނަގައި އެއްލައިލަނީ ކުރީން ދެންނެވި ދެ ބުދު، އިސާފާއި ނާއިލާއެވެ ކިޔުނު ދެ ބުދުގެ ދެމެދަށެވެ. އެ ފޭރާން ނަގައިގެން އެ ފޭރާމުގެ ވެރިޔާ ބޭނުންކުރުމަކީ ވެސް މަނާ ކަމެކެވެ. އެ ފޭރާން އެ ތަނުގައި ބިންމަތީގައި ޠަވާފާއި ސަޢްޔުކުރާ މީހުންގެ ފައިދަށުވެ ވީދި ކުދިކުދިވާން ދޫކޮށްލަނީއެވެ.
އެ ކަމަށް އިޝާރަތްކުރައްވައި މާތްﷲ ވަޙީކުރައްވައިފައިވެއެވެ.
قُلْ مَنْ حَرَّمَ زِينَةَ اللَّهِ الَّتِي أَخْرَجَ لِعِبَادِهِ وَالطَّيِّبَاتِ مِنَ الرِّزْقِ ۚ [الأعراف: 32]
މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! اللَّه، އެކަލާނގެ އަޅުތަކުންނަށް ނެރުއްވައިދެއްވި، اللَّه ގެ ޒީނަތާއި، ރިޒްޤުގެ ތެރެއިން ރަނގަޅު ތަކެތި ޙަރާމް ކުޅައީ ކާކުހެއްޔެވެ؟"
ހަމަ އެހެންމެ، ޙައްޖުގެ އަޅުކަމުގައި އަދި ޚާއްޞަކޮށް ޠަވާފުކުރާއިރު ޖާހިލިއްޔަ ޒަމާނުގައި ކުރާ ކަންކަމުގެ ތެރޭގައި، އެކަކު އަނެކަކު ވާގަނޑަކުން ގުޅުވައިލެވިގެން ނުވަތަ ބަނދެވިގެން ތިބެގެން ޠަވާފުކުރުން ހިމެނެއެވެ. އެބައި މީހުން ދެކޭގޮތުން އެއީ މާތް ﷲ އާ ކުއްތަންވުމުގެ ގޮތުން އެބައިމީހުން ކުރާ ކަމެކެވެ. އެ ކަމުން އެބައި މީހުންނަށް މާތްﷲ ގެ ރުއްސެވުން ލިބޭނެ ކަމަށެވެ. އެހެން ނަމަވެސް އިސްލާމްދީނުގައި މި ކަން ވެސް ވަނީ މަނާކުރައްވައިފައެވެ. އިބްނު ޢައްބާސް رضي الله عنهما ގެ ކިބައިން އިމާމު ބުޚާރީ، ޞަޙީޙް ބުޚާރީގައި ރިވާކުރައްވައިފައިވާ ރިވާޔަތެއްގައި ވެއެވެ.
"ނަބިއްޔާ صلى الله عليه وسلم ގެފުޅު ވަށައިގެން ޠަވާފުކުރައްވަނިކޮށް، ދެ މީހަކު އެކަކު އަނެކަކުގެ އަތުގައި އަތުގައި ވާގަނޑެއް އައްސައިގެން ޠަވާފުކުރަނިކޮށް ފެނިވަޑައިގަތެވެ. ދެން ނަބިއްޔާ صلى الله عليه وسلم އެ ވާފަށް ބުރިކޮށްލެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. އެކަކު އަނެކަކު އަތުގައި ހިފައިގެން ޠަވާފުކުރާށެވެ." رواه البخاري (1620).
ޞަޙީޙް ބުޚާރީއަށް عمدة القارئ ގެ ނަމުގައި ޝަރަޙައެއް ލިޔުއްވި އަލްޢައިނީ (855ހ) رحمه الله މި ޙަދީޘްގެ ޝަރަޙައިގައި ވިދާޅުވެފައިވެއެވެ. "ބުނެވޭ ގޮތުން، ޖާހިލިއްޔަ ޒަމާނުގެ އަހުލުވެރީން ޤަބޫލުކުރާ ގޮތުން މިފަދަ ކަންކަމުން އެބައި މީހުން މާތްﷲ އާ އިތުރަށް ކުއްތަންކުރުވައެވެ." عمدة القاري (9/ 264).
ހަމަ އެހެންމެ، އެކަކު އަނެކަކު އައްސައިގެން ތިބެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ނަދުރު ބުނުމަކީ ވެސް އެ ޒަމާނުގައި ކޮށްއުޅުނު ކަމެކެވެ. މިފަދައިން މީހަކު އޭނާގެ ދަރިޔަކު ގޮވައިގެން އެކަކު އަނެކަކު އައްސައިގެން ތިބެ ކުރަނިކޮށް ފެނިގެން ނަބިއްޔާ صلى الله عليه وسلم ވަނީ އެކަން ހުއްޓުވައިފައެވެ. އަދި ހަމަ އެ ވާފަށް ވެސް ކަނޑުއްވައިލެއްވައިފައި ޙަދީޘްކުރެއްވިއެވެ. "ތިޔަ ދެބަފައިން ޙައްޖުވާށެވެ. އެހެން ނަމަވެސް، ވާފަށުން އެއްސިގެން ޙައްޖުވުމަކީ ޝައިޠާނާގެ ފަރާތުން އައިސްފައިވާ ކަމެކެވެ." المعجم الكبير للطبراني (2/ 38).
ދެން ޖާހިލިއްޔަ ޒަމާނުގައި އެބައިމީހުން ޠަވާފުކުރާ ސިފަޔަށް ބަލާއިރު، އެބައިމީހުން ސަފުތައް ހަދައިގެން އެއްބަޔަކު އަނެއް ބަޔަކު ނަޝީދު ކިޔުމާއި، ލަވަކިޔުމާއި، އަތްތިލަބަޑިޖެހުމާއި، އަޑުއަޑުލެއްވުމާއި، ތުނބުންފުމުން ފަދަ، އަޅުކަމާ ނުގުޅޭ އެތައް ކަމެއް ކޮށްއުޅުނެވެ. دراسات في تاريخ العرب القديم (ص382).
މި ކަމަށް އިޝާރާތްކުރައްވައި މާތްﷲ ވަޙީކުރައްވައިފައިވެއެވެ.
وَمَا كَانَ صَلَاتُهُمْ عِندَ الْبَيْتِ إِلَّا مُكَاءً وَتَصْدِيَةً ۚ فَذُوقُوا الْعَذَابَ بِمَا كُنتُمْ تَكْفُرُونَ [الأنفال: 35]
މާނައީ: "ގެފުޅުގެ އަރިހުގައި އެއުރެން ކުރާ އަޅުކަމަކީ، ތުބުންފުމުމާއި، އަތްތިލަބަޑިޖެހުން ކަމުގައި މެނުވީ ނުވެތެވެ. ފަހެ، ތިޔަބައި މީހުން ކާފިރުވެ އުޅުނުކަމުގެ ސަބަބުން، ތިޔަބައި މީހުން ޢަޛާބުގެ ރަހަ ލިބިގަންނާށެވެ!"
ލާތު ބުދުކޯލު:
ޖާހިލިއްޔަ ޒަމާނުގައި ޢަރަބީން ޠަވާފުކޮށް ޙައްޖުވެ އުޅުނީ ހަމައެކަނި ގެފުޅު ވަށައިގެނެއް ނޫނެވެ. އެބައި މީހުން އެކިއެކި ބުދުގެތައް ހަދައިގެން އެ ތަންތަނަށް ވެސް ޠަވާފުކުރުމަށް ގޮސް އުޅުނެވެ. ގެފުޅު ގޮތަށް އެތައް ބުދެގެއަށް އެބައިމީހުން ހަދައިގެން އެކަން ކޮށް އުޅުނެވެ. ބައެއްފަހަރު އަތުން ކޮށައި މަށައިގެން ބުދު ހަދައިގެންނެވެ. އަނެއްބައި ފަހަރު، އެއްވެސް ސޫރައެއް ނެތް ހިލަހިލަ ޖަމާކޮށްގެންނެވެ. އެ ތަންތަން ގެފުޅު ގޮތަށް ރާނައި، އެ ތަންތަނުގައި ގެފުޅުގައި ހުންނަ ކަހަލަ ކިސްވާ ލައްވައި، މަތިވެރިކޮށް ހަދައެވެ.
އެ ގޮތުން، އެ ޒަމާނުގައި އެންމެ ފާހަގަކޮށްލެވޭ އެއް ބުދުކޯލަކީ ލާތު ބުދުގެ ނަމުގައި ހެދިފައި ހުރި ތަނެވެ. މިއީ ޘަޤީފުވަންހައިގެ މީހުން ޠާއިފުގައި ބިނާކޮށްފައި ހުރި ބުދުކޯލެކެވެ. މިއީ ބޮޑު ހިލައެއްގެ މަތީގައި ހަދައިފައިވާ ތަނެކެވެ. މި ތަނާއި މި ތަނުގެ ވަށައިގެންވާ ވާދީތަކާއި ބިންތަކަކީ ޙުރުމަތްތެރިވެގެންވާ ބިންތަކެއްގެ ގޮތުގައި އެބައިމީހުން ދުށްޓެވެ. އަދި ގެފުޅު ފަދައިން ޙުރުމަތްތެރިކޮށް، އެ ތަނުގައި ކިސްވާ ލައްވައި އުޅުނެވެ.
ނަމަވެސް، މައްކާ ފަތަޙަކުރެއްވުމަށް ފަހު، ނަބިއްޔާ صلى الله عليه وسلم އަބޫ ސުފްޔާނު ބުނު ޙަރްބުއާއި އަލްމުޣީރާ ބުނު ޝުޢުބަތު ފޮނުއްވައިގެން އެ ތަން ތަޅުއްވައިލެއްވިއެވެ. ( المحبر لمحمد بن حبيب (ص315).
މީގެ އިތުރުން ވެސް ޖާހިލިއްޔަ ޒަމާނުގެ މީސްތަކުން ކޮށްއުޅުނު ކަންކަމުގެ ތެރޭގައި، އެބައި މީހުން ދަތުރުމަތީގައި ތިބޭ ހިނދު ފައިބާ ތަންތަނުގައި ހުންނަ ހިލަހިލައާއި ގާކޮޅުކޮޅުތައް ހޯދައިގެން އެއިން އެންމެ ރީތި ހިލައަކަށް އަޅުކަން ކޮށް އުޅުނެވެ. އެ ހިލައަށް ވުރެ ރީތި ހިލައެއް ފެނިއްޖެއްޔާ، ކުރިން އަޅުކަންކުރި ހިލަ އެއްލައިލައިފައި، ފަހުން ފެނުނު ހިލައަށް އަޅުކަންކޮށް، ޠަވާފުކޮށް، ޤުރްބާނުކޮށް އުޅުނެވެ. އަދި އެބައިމީހުން ހިތްހަމަޖެހޭ ފަދަ ހިލައެއް ނުފެނުނިއްޔާ، މަށި ފުންޏެއް ހެދުމަށްފަހު، އޭގެ މައްޗަށް އެބައިމީހުން ގެންގުޅޭ ގެރިބަކަރީގެ ކިރު އޮއްސުމަށްފަހު، އޭގެ ވަށައިގެން ވެސް ޠަވާފުކޮށް، އަޅުކަންކޮށް އުޅުނެވެ. ދަތުރު ނިމުނީމައި އެކަން ނިމުނީއެވެ. އެ އެއްޗެއް އެ ތަނަކަށް އެބައިމީހުން ދޫކޮށްލައިފައި ދަނީއެވެ. ބައެއްފަހަރު، އެބައި މީހުންގެ ކަލާނގެތަކަށް ޤުރްބާނުކުރާ ނަޢަމްސޫފީގެ ވަށައިގެން ވެސް އެބައިމީހުން ޠަވާފުކޮށް އަޅުކަންކޮށް އުޅުނެވެ. އެބައިމީހުންގެ ތެރެއިން މަރުވެފައިވާ ބޮޑުންނާއި އަޝްރާފުންގެ ގަބުރުތަކަށް ވެސް އަޅުކަން ކޮށް އުޅުނެވެ. (المفصل في تاريخ العرب قبل الإسلام (11/ 354).
ދުޢާކުރުން:
ޖާހިލިއްޔަ ޒަމާނުގައި އެބައިމީހުން ގިނައިން ދުޢާކޮށް އުޅުނީ ދުނިޔެވީ ކަންކަމަށެވެ. ދުނިޔެވީ މާއްދީ ކަންކަން އެބައި މީހުންނަށް ފަހިކޮށްދެއްވުން އެދިއެވެ. އާޚިރަތަށް އެދި ދުޢާކުރަނީ ވަރަށް މަދު ފަހަރެއްގައެވެ.
އިބްނު ޢައްބާސް رضي الله عنهما ވިދާޅުވެފައިވެއެވެ. "ޢައުރާބީންގެ ތެރެއިން މީސްތަކުން ޢަރަފާތް ބިމަށް އައިސްފައި ކުރާ ދުޢާއަކީ، އެބައި މީހުންނަށް ކުރިޔަށް އޮތް އަހަރަކީ ވާރޭ ތިޔާގި އަހަރެއްކަމުގައި ލެއްވުމަށް އެދި ކުރާ ދުޢާއެވެ. އަދި ދަނޑުގޮވާން ރަނގަޅު އަހަރެއް ކަމުގައި ލެއްވުމަށް އެދި ކުރާ ދުޢާއެވެ. އަދި އެބައިމީހުންނަށް ގިނަ ދަރީން ދެއްވުމަށް އެދި ކުރާ ދުޢާއެވެ. އަދި އޭގެ ތެރެއިން އަނެއް ބަޔަކު ދުޢާކުރަނީ، އެބައި މީހުންގެ މުދަލާއި، ދަރީންނާއި، ނަޢަމްސޫޕި އިތުރުކޮށްދެއްވުމަށެވެ. އަދި އެބައި މީހުންގެ ޢުމުރު އިތުރުކޮށް ދެއްވުމަށެވެ. ވާރޭ ވެއްސަވައިދެއްވުމާއި، ދަނޑުވެރިކަން ރަނގަޅުކޮށްދެއްވުމާއި، ދަތުރުމަތީގައި ރައްކައުތެރި ކުރެއްވުމަށާއި، ޢަދުއްވުންގެ މައްޗަށް ނަޞްރު ދެއްވުން އެދިއެވެ. އަދި އެބައިމީހުންގެ ތެރެއިން ބައެއް މީހުން އައިސް، ދުޢާކުރަނީ، އެބައި މީހުންނަށް ގިނަ ޖަމަލުތައް ދެއްވުމަށް އެދިއެވެ. ގިނަ ގެރިބަކަރި ދެއްވުމަށް އެދިއެވެ. އެއްވެސް ގޮތަކަށް އާޚިރަތުގެ ކަމަކަށް އެބައިމީހުން އެދިއެއް ނޫޅެތެވެ. އެހެންކަމުން، މާތްﷲ މި އާޔަތް ބާވައިލެއްވީ އެބައިމީހުންނާ ބެހޭ ގޮތުންނެވެ. فَمِنَ النَّاسِ مَن يَقُولُ رَبَّنَا آتِنَا فِي الدُّنْيَا وَمَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ [البقرة: 200] މާނައީ: [އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ދުނިޔޭގައި އަޅަމެންނަށް (ހެޔޮކަން) ދެއްވާނދޭވެ] އޭ ކިޔައި ދުޢާކުރާ މީހުން، މީސްތަކުންގެ ތެރެއިންވެއެވެ. އެއިން މީހަކަށް އާޚިރަތުގައި އެއްވެސް ނަޞީބެއް ނެތެވެ." (تفسير مقاتل بن سليمان (1/ 176)، جامع البيان (4/ 202)
ނަމާދު:
މާތްﷲ ގެ އަމުރުފުޅަށް އިބްރާހީމް عليه السلام ގެފުޅު ބިނާކުރައްވަމުން ގެންދެވި ހިނދު އެކަލޭގެފާނު ކުރައްވަމުން ގެންދެވި ދުޢާގައި ވެސް ވަނީ އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅަކީ ވެސް ނަމާދު ޤާއިމުކުރާ ބަޔަކު ކަމުގައިލެއްވުމެވެ.
އެކަލޭގެފާނު ކުރެއްވި ދުޢާ މާތްﷲ ވަނީ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައިފައެވެ.
رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ [إبراهيم: 40]
މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު ޤާއިމުކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެން ވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ ދުޢާ ޤަބޫލުކުރައްވާނދޭވެ!"
އިމާމު ރަމަޚްޝަރީ رحمه الله ވިދާޅުވެފައިވެއެވެ. "އިބްރާހީމްގެފާނު ދުޢާކުރެއްވި ހިނދު، ތިމަންކަލޭގެފާނުގެ "ދަރިފަސްކޮޅުން ވެސް" އޭ ދެންނެވީ، މާތްﷲ އެކަލޭގެފާނުގެ ދަރިފަސްކޮޅުގައި ކާފަރުވާނޭ ބަޔަކު ވެސް ލައްވާނޭކަން މާތްﷲ އެކަލޭގެފާނަށް އަންގަވައިފައިވާތީއެވެ. އެއީ އަންނަނި ވަޙީބަސްފުޅެވެ. قَالَ إِنِّي جَاعِلُكَ لِلنَّاسِ إِمَامًا ۖ قَالَ وَمِن ذُرِّيَّتِي ۖ قَالَ لَا يَنَالُ عَهْدِي الظَّالِمِينَ [البقرة: 124] މާނައީ: "ހަމަކަށަވަރުން، މީސްތަކުންނަށް އިމާމަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލައްވާހުށީމެވެ. އެކަލޭގެފާނު ދެންނެވިއެވެ. ތިމަންއަޅާގެ ދަރިފަސްކޮޅުން ވެސް މެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. އަނިޔާވެރިންނަކަށް (އެބަހީ، ކާފިރުވި މީސްތަކުންނަށް) ތިމަންރަސްކަލާނގެ ޢަހްދެއް ނުލިބޭނެތެވެ." (جامع البيان (13/ 522، 523، 524)
އެހެންކަމުން، އެ ގެފުޅަށް އައިސް ނަމާދުކުރާ މީހުންނާއި، ރުކޫޢުކުރާ މީހުންނާއި، ސަޖިދަކުރާ މީހުންނާއި، ޠަވާފުކުރާ މީހުންގެ އިސްތިޤްބާލުގައި އިބްރާހީމްގެފާނުގެ އަތްޕުޅުން އެ ގެފުޅު ޠާހިރުކުރެއްވި ޒަމާން ފާއިތުވެގެން ގޮސް، އެބައި މީހުންގެ އަޅުކަމަށް ލަވަކިޔައި ހަޅޭލަވައި ތުނބުންފުމެ އަތްތިލަބަޑިޖެހުން ނޫން ކަމެއް ކުރާން ނޭނގޭ ބަޔަކު ވެސް އެ ގެފުޅުގެ އިމާމުންކަމުގައި ވި ޒަމާނެއް އައެވެ. އެއަށް އިޝާރާތްކުރައްވައި މާތްﷲ ވަޙީކުރައްވައިފައިވެއެވެ. {وَمَا كَانَ صَلَاتُهُمْ عِنْدَ الْبَيْتِ إِلَّا مُكَاءً وَتَصْدِيَةً فَذُوقُوا الْعَذَابَ بِمَا كُنْتُمْ تَكْفُرُونَ}[الأنفال: 35] މަނާއީ: "ގެފުޅުގެ އަރިހުގައި އެއުރެން ކުރާ އަޅުކަމަކީ، ތުބުންފުމުމާއި، އަތްތިލަބަޑިޖެހުން ކަމުގައި މެނުވީ ނުވެތެވެ. ފަހެ، ތިޔަބައި މީހުން ކާފިރުވެ އުޅުނުކަމުގެ ސަބަބުން، ތިޔަބައި މީހުން ޢަޛާބުގެ ރަހަ ލިބިގަންނާށެވެ!" (جامع البيان (13/ 522، 523، 524)
ޞަފާއާއި މަރްވާ ދެމެދު ސަޢްޔުކުރުން:
ޖާހިލިއްޔަ ޒަމާނުގައި ޞަފާއާއި މަރްވާ ދެމެދު ސަޢްޔުކުރުމަކީ ބައެއް ޢަރަބި ޤަބީލާތަކުން ކޮށްއުޅުނު ކަމެއް ނޫނެވެ. އެބައިމީހުން ދެކޭގޮތުގައި އެއީ އޮންނަ ކަމެއް ނޫނެވެ. އަދި އެއީ ޙައްޖުގެ އަޅުކަމެއް ނޫނެވެ.
ޢާއިޝާ رضي الله عنها ވިދާޅުވެފައިވެއެވެ. «كان مَن أَهَلَّ لمناة...، لا يطوفون بين الصفا والمروة» البخاري (4861). މާނައީ: "މަނާތު ބުދަށް ޙައްޖުވާން ނިޔަތް ގަނެގެން އަންނަ މީހުން... ޞަފާއާއި މަރްވާ ދެމެދު ސަޢްޔެއް ނުކުރެއެވެ."
ޤަތާދާ رحمه الله ވިދާޅުވެފައިވެއެވެ. "ތިހާމާގެ އަހުލުވެރީން (ތީހާމާއަކީ ޔަމަނުގެ ރަށެކެވެ) ޖާހިލިއްޔަ ޒަމާނުގައި ޞަފާއާއި މަރްވާއާ ދެމެދު ސަޢްޔެއް ނުކުރެއެވެ. އެހެންކަމުން، މާތް ﷲ ވަޙީކުރެއްވިއެވެ. إِنَّ الصَّفَا وَالْمَرْوَةَ مِن شَعَائِرِ اللَّهِ ۖ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلَا جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا ۚ وَمَن تَطَوَّعَ خَيْرًا فَإِنَّ اللَّهَ شَاكِرٌ عَلِيمٌ [البقرة: 158] މާނައީ: "ހަމަކަށަވަރުން، ޞަފާއާއި މަރްވާ ވަނީ اللَّه ގެ ޝަޢާއިރު (އެބަހީ: ފާޅުގައި އަޅުކަން ކުރުމަށް ލައްވައިފައިވާ ތަންތަން) ގެ ތެރެއިންނެވެ. ފަހެ، ގެފުޅަށްގޮސް ޙައްޖުވާ މީހާ ނުވަތަ ޢުމްރާވާ މީހާ، އެ ދެ ތާނގައި ހިނގައި ސަޢްޔުކުރުމަކުން އެ މީހާގެ މައްޗަކަށް ކުށެއް ނެތެވެ. އަދި (ފަރްޟުގެ އިތުރަށް) ހެޔޮކަމެއް ކޮށްފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން اللَّه އީ، (އެފަދަ މީހުންނަށް) ޝުކުރުވެރިވެވޮޑިގެންވާ (އެބަހީ: އެއުރެންނަށް ހެޔޮ ޖަޒާދެއްވާ) މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (جامع البيان (3/ 236).
އެހެން ނަމަވެސް، ޢަރަބީންގެ ތެރޭގައި އެ ދެ ފަރުބަދަ ދެމެދު ސަޢުޔުކޮށް އުޅުނު ބަޔަކު ވެސް އުޅުނެވެ. އެބައި މީހުން އެ ކަން ކޮށް އުޅުނީ އެ ދެ ފަރުބަދަ މަތީގައިވާ ބުދަށް ކުރާ ކަމެއްގެ ގޮތުގައެވެ. އެއް ފަރުބަދަ މަތީގައި އިސާފް އެވެ ކިޔުނު ބުދެއް ބެހެއްޓިފައިވެއެވެ. އަދި އަނެއް ފަރުބަދަ މަތީގައި ނާއިލާ އެވެ ކިޔުނު ބުދެއް ބެހެއްޓިފައިވެއެވެ. އެ ދެ ބުދު ހެދިފައިވަނީ ރަތުލޯއިންނެވެ. އަދި ބެހެއްޓިފައިވަނީ ޤިބްލައަށްވާ ގޮތަށެވެ. الآحاد والمثاني لابن أبي عاصم (1/ 200)، السنن الكبرى للنسائي (7/ 325).
އެ ދެ ބުދުގެ ވާހަކައަށް ބަލާއިރު، އެ ވާހަކަ ފެށިގެން އަންނަނީ ގެފުޅަށް ވަދެ ނުބައި ނުލަފާ ކަމެއް ކުރި އަންހެނަކާއި ފިރިހެނެއްގެ ވާހަކައިންނެވެ. އެ ދެ މީހުންނަކީ މައްކާއަށް ޙައްޖަށް އައި ބައެކެވެ. ގެފުޅުގެ ތެރެއަށް އެބައި މީހުން ވަން ހިނދު އެ ތަނުގައި އެހެން އެއްވެސް މީހެއް ނެތުމުން އެ ދެ މީހުން އެ ތަނުގެ ޙުރުމަތް ކަނޑައިލައި ޒިނޭކުރިއެވެ. އެ ހިނދުން އެ ދެ މީހުން ދެ ހިލަޔަށް ބަދަލުވެގެން ދިޔައެވެ. އެ ދެ މީހުން ކުރި ނުބައި ކަމުގެ ޢިބްރަތެއްގެ ގޮތުން، އެފަދަ ކަމެއް އެހެން މީހުން ނުކުރުމަށް ހަނދާންކޮށްދިނުމުގެ ގޮތުން އެ ދެ މީހުންގެ ހަރުވެ ހިލަޔަށް ބަދަލުވެފައިވާ ދެ ހިލަގަނޑު ގެފުޅު ކައިރީގައި ބެހެއްޓުނެވެ. ޒަމާންތައް ފާއިތުވެގެން ގޮސް، އެހެން ބުދަށް މީސްތަކުން އަޅުކަން ކުރާ ގޮތަށް އެ ދެ ބުދަށް ވެސް މީސްތަކުން އަޅުކަން ކުރާން ފެށީއެވެ. ފަހުން ފަހުން އެ ދެ ބުދު ބެހެއްޓިފައި ވަނީ އެއް ބުދު ޞަފާ ފަރުބަދަ މަތީގައެވެ. އަނެއް ބުދު މަރްވާ ފަރުބަދަ މަތީގައެވެ. (الكشف والبيان (2/ 26)، سيرة ابن إسحاق (ص24).
އެހެން ރިވާޔަތެއް ބުނާ ގޮތުން، އެ ދެ ބުދަކީ، މައްކާއަށް އެންމެ ފުރަތަމަ ބުދު ވެއްދި މީހާ ކަމަށްވާ ޢަމްރު ބުނު ލުޙައްޔި ޞަފާއާއި މަރްވާ މަތީގައި ބެހެއްޓި ދެ ބުދެވެ. އެ ދެ ބުދު ދޮށުގައި އެބައި މީހުން ޤިބްލައަށް ކުރިމަތިލައިގެން ތިބެ ޖާހިލިއްޔަ ޒަމާނުގައި ޤުރްބާންކޮށް އުޅުނެވެ. އަދި، ޞަފާއާއި މަރްވާ ދެމެދުގައި އެބައިމީހުން ސަޢްޔުކޮށް، އެ ދެ ބުދުގައި އަތްއުނގުޅައި ބޮސްދީ އުޅުނީ މި ދެ ބުދު މަތިވެރިކުރުމުގެ ގޮތުންނެވެ.
އިސްލާމްދީން ފައުޅުވެ، މުސްލިމުންނަށް ޙައްޖާއި ޢުމްރާގެ އަޅުކަން ކުރުމުގެ ފުރުޞަތު ފަހިވެގެން ދިޔުމާއެކު، އިސްވެ ދެންނެވި ކަންކަން އެހެން އޮތުމާއެކު، މުސްލިމުން ޞަފާއާއި މަރްވާ ދެމެދު ސަޢްޔުކުރާން ފަސްޖެހުނެވެ. އެހެންކަމުން، އެބައިމީހުން ރަސޫލާ صلى الله عليه وسلم އަށް ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! އަހުރެމެން ޞަފާއާއި މަރްވާ ދެމެދު ސަޢްޔެއް ނުކުރާނަމެވެ. އެހެނީ، އެއީ ޖާހިލިއްޔަ ޒަމާނުގައި އަހުރެމެން ކޮށް އުޅުނު ޝިރުކުގެ ޢަމަލެކެވެ." އެއާ ގުޅިގެން މާތްﷲ އިސްވެ ދެންނެވުނު ބަޤަރާ ސޫރަތުގެ 158 އާޔަތް ބާވައިލެއްވިއެވެ.
إِنَّ الصَّفَا وَالْمَرْوَةَ مِن شَعَائِرِ اللَّهِ ۖ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلَا جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا ۚ وَمَن تَطَوَّعَ خَيْرًا فَإِنَّ اللَّهَ شَاكِرٌ عَلِيمٌ [البقرة: 158] މާނައީ: "ހަމަކަށަވަރުން، ޞަފާއާއި މަރްވާ ވަނީ اللَّه ގެ ޝަޢާއިރު (އެބަހީ: ފާޅުގައި އަޅުކަން ކުރުމަށް ލައްވައިފައިވާ ތަންތަން) ގެ ތެރެއިންނެވެ. ފަހެ، ގެފުޅަށް ގޮސް ޙައްޖުވާ މީހާ ނުވަތަ ޢުމްރާވާ މީހާ، އެ ދެ ތާނގައި ހިނގައި ސަޢްޔުކުރުމަކުން އެ މީހާގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ( ފަރްޟުގެ އިތުރަށް) ހެޔޮކަމެއްކޮށްފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން اللَّه އީ، (އެފަދަ މީހުންނަށް) ޝުކުރުވެރިވެވޮޑިގެންވާ (އެބަހީ: އެއުރެންނަށް ހެޔޮ ޖަޒާދެއްވާ) މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
އެހެންކަމުން، ޢިލްމުވެރީން ވިދާޅުވެފައި ވަނީ، މި އާޔަތް މާތްﷲ ބާވައިލައްވައިފައިވަނީ ދެ ބައިމީހުންގެ މައްޗަށް ކަމަށެވެ. މި އާޔަތުގައި މާތްﷲ މި އަންގަވަނީ، ޞަފާއާއި މަރްވާއަކީ މާތް ﷲ ގެ ޝަޢާއިރުތަކުގެ ތެރެއިން ތަނެއް ކަމެވެ. ޝިރުކުގެ އަހުލުވެރީން އެ ތަނުގައި ސަޢްޔުކޮށް އުޅުނީ ކުފުރުގެ ގޮތުން ކަމެވެ. އެހެންކަމުން، ޝިރުކުގެ އިޢުތިޤާދު ދޫކޮށް އެ ތަނުގައި ތިޔަބައިމީހުން އީމާނުގެ ގޮތުން ސަޢްޔުކުރާށޭއެވެ. جامع البيان (3/ 234) عن السدي.
މިނާގައި الحاجّ އާއި الداجّ
އެ ޒަމާނުގައި ޢަރަބީން ދެކޭގޮތުގައި ވިޔަފާރިވެރީންނާއި އުޖޫރަވެރީންނާއި އެއްޗެހި އުފުލާ މީހުންނަށް ޙައްޖެއް ނުވެއެވެ. އެބައި މީހުންނަށް ކިޔައި އުޅެނީ الداجّ އެވެ. އެބައި މީހުން މިނާއަށް ފައިބައި ތިބެނީ މިނާގެ ވާތްފަޅީގައެވެ. އަދި އަލްޙާއްޖު ނުވަތަ ޙައްޖުވެރީން ފައިބާ ތިބެނީ މިހާރު މިނާގެ މިސްކިތް ހުންނަ ތަނުގައެވެ. މިބައި މީހުން އެއްވެސް ވިޔަފާރިއެއް ކޮށެއް ނޫޅޭނެއެވެ.
ބެލެވޭގޮތުން މި އިޢުތިޤާދު ޢަރަބީންގެ ތެރެއިން އިސްލާމްދީން އައުމަށްފަހު ވެސް ނުފިލައި އޮތެވެ. އެހެނީ، އެއް ދުވަހަކު ޢަބްދުﷲ ބުނު ޢުމަރުގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. އޭ އަބޫ ޢަބްދުއްރަޙްމާނެވެ! އަހުރެމެންނަށް ޙައްޖެއް ނުވާ ކަމަށް ބަޔަކު މީހުން އެބަ ބުނެތެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެބައިމީހުން އިޙްރާމްއަޅާ ގޮތަށް އިޙްރާމްއަޅަމު ނޫން ހެއްޔެވެ؟ އަދި އެބައިމީހުން ޠަވާފުކުރާ ގޮތަށް ތިޔަބައިމީހުން ވެސް ޠަވާފުކުރަމު ނޫން ހެއްޔެވެ؟ އަދި އެބައިމީހުން ޖަމަރާތަށް ހިލައުކާ ގޮތަށް ތިޔަބައިމީހުން ވެސް ހިލައުކަމު ނޫން ހެއްޔެވެ؟ އޭނާ ބުންޏެވެ. އާދޭހެވެ! ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ތިބާއަކީ ޙައްޖުވެރިޔެކެވެ. އެހެނީ، ތިބާ އަހުރެން ކައިރީގައި ތި ސުވާލު ކުރި ފަދައިން މީހަކު ރަސޫލާ صلى الله عليه وسلم ގެ އަރިހަށް އައިސް ސުވާލުކުރިއެވެ. އެ ހިނދު މި އާޔަތް ބާވައިލެއްވުނެވެ. {لَيْسَ عَلَيْكُمْ جُنَاحٌ أَنْ تَبْتَغُوا فَضْلًا مِنْ رَبِّكُمْ}[البقرة: 198] މާނައީ: "ތިޔަބައި މީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ލިބޭ ފަޟްލުވަންތަވެރިކަމެއް (އެބަހީ: ވިޔަފާރިކުރުންފަދަ ގޮތްގޮތުން ހޯދާ ތަނަވަސްކަމެއް) ހޯދަން އުޅުމުގައި ތިޔަބައި މީހުންގެ މައްޗަކަށް ކުށެއް ނެތެވެ."
މި ދެންނެވުނީ ޖާހިލިއްޔަ ޒަމާނުގައި ޢަރަބީން ޙައްޖުކޮށް އުޅުނު ގޮތުގެ ބައެއް ކަންކަމުގެ ވާހަކައެވެ. މީގެ އިތުރުން ވެސް ބައެއް ކަންކަން އެބައި މީހުން ކޮށް އުޅުނެވެ. އެ ގޮތުން، މިނާގެ ދުވަސްތައް ނިމުމުން އެބައިމީހުން އެބައިމީހުންގެ އެ ތަނަކަށް ޖަމާވެ، އެ ޤަބީލާއެއްގެ މަތިވެރިކަން ބަޔާންކޮށް، އެ ޤަބީލާގެ ހުރި މޮޅުކަމުގެ ވާހަކަ ދައްކައި، ނަސަބުގެ ގޮތުން އެ ޤަބީލާއަކަށް ލިބިގެންވާ މޮޅުކަމުގެ ވާހަކަ ދައްކައި އުޅެއެވެ. އަދި ޤަބީލާއަށް ފަޚްރުވެރިވެ ޅެން ހަދައި ޅެން ކިޔައި އުޅެއެވެ. އަދި ކޮންމެ ޤަބީލާއަކަށް ވެސް ޅެން ކިޔާނެ މީހުންނާއި، ވާހަކަދެއްކުންތެރީން ތިބެއެވެ. އެބައިމީހުންގެ ވާޖިބަކަށް ވެފައި އޮންނަނީ ޤަބީލާގެ މޮޅުކަމުގެ ވާހަކަ ދެއްކުމާއި ޅެން ކިޔުމެވެ.
އެހެން ނަމަވެސް، އިސްލާމްދީން އައުމަށް އެ ކަމަށް ނިމުމެއް ގެނައެވެ. މާތްﷲ ވަޙީކުރައްވައިފައިވެއެވެ. {فَإِذَا قَضَيْتُمْ مَنَاسِكَكُمْ فَاذْكُرُوا اللَّهَ كَذِكْرِكُمْ آبَاءَكُمْ أَوْ أَشَدَّ ذِكْرًا}[البقرة: 200] މާނައީ: "ފަހެ، ތިޔަބައިމީހުންގެ ޙައްޖުގެ އަޅުކަންތައް އަދާކޮށް ނިމިއްޖެހިނދެއްގައި ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކާބަފައިން ހަނދުމަކޮށް އުޅުނު ފަދައިން ނުވަތަ އެއަށްވުރެ ގަދަވެގެންވާ ހަނދުމަކުޅައުމަކުން ތިޔަބައިމީހުން اللَّه ހަނދުމަކުރާށެވެ!"
އެހެންކަމުން، މި ލިޔުމުން އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ޖާހިލިއްޔަ ޒަމާނުގައި ޙައްޖުގެ އަޅުކަންތައް އެބައިމީހުން ކޮށް އުޅުނު ގޮތުގެ ތަޞައްވުރެއް އަޅުގަނޑުމެންނަށް ލިބިގެން ދެއެވެ. އަދި، އެބައި މީހުން ޝިރުކާއި ކުފުރުގެ އަނދިރިކަމުގެ ތެރެއަށް ވެއްޓިފައިވާ މިންވަރު ވެސް މި ލިޔުމުން ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންނަށް ހާމަވެގެން ހިނގައްޖެއެވެ. މީގެ އިތުރުން، އިސްލާމްދީނުގެ މަތިވެރިކަމާއި، އަދި ޖާހިލިއްޔަ ޒަމާނުގައި ޢަރަބީން ކޮށްއުޅުނު ޝިރުކާއި ކުފުރުގެ ޢަމަލުތައް ބާޠިލުކުރައްވައި އެބައިމީހުންނަށް ހިދާޔަތް މާތްﷲ ދެއްކެވި ގޮތް ވެސް ބަޔާންވެ ހިނގައެއްޖެއެވެ.
އިބްރާހީމްގެފާނުގެ މިއްލަތުގައިވާ ފަދައިން ތައުޙީދުގެ ޢަޤީދާ އައުކުރައްވައި، ޙައްޖުގެ އަޅުކަން ވެސް އޮތް ގޮތަށް އިޢާދަކުރައްވައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަޅުގަނޑުމެންނަށް ޙައްޖުގެ އަޅުކަންތައް ދަސްކޮށްދެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. «خُذُوا عَنِّي مَنَاسِكَكُمْ لَعَلِّي لَا أَرَاكُمْ بَعْدَ عَامِي هَذَا» مسلم (1297)، والبيهقي في الكبرى (9524)، واللفظ له. މާނައީ: " ތިމަންކަލޭގެފާނުގެ އަރިހުން ތިޔަބައި މީހުން ޙައްޖުގެ އަޅުކަން ލިބިގެންނާށެވެ. އެހެނީ، މި އަހަރަށް ފަހު ތިޔަބައި މީހުންނާ ތިމަންކަލޭގެފާނު ބައްދަލު ނުވެދާނެއެވެ."