ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފް މިއަދު ޢައްޔަންކުރައްވައިފި އެވެ.
މަޚްލޫފް ސަފީރުކަމަށް ޢައްޔަންކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ޖަޕާނަށް ކަނޑައަޅާ ސަފީރަކަށް އަޙްމަދު މަޙްލޫފް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އިއްޔެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޚްލޫފް އެ މަޤާމަށް އައްޔަންކުރަން ފާސްކުރީ 60 މެންބަރުންގެ އިންތިފާގުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
ޖަޕާނުގައި ހުންނަވާ ސަފީރުކަމަށް މަޚްލޫފް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޚްލޫފުގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ނޮވެމްބަރު 26 ވަނަ ދުވަހު އެވެ. އޭގެފަހުން ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ކޮމިޓީން ވަނީ ދިރާސާކޮށް، ނިންމި ގޮތުގެ ރިޕޯޓް ހުށަހަޅައިފައެވެ. މަޚްލޫފަށް ރުހުންދޭން ނިންމީ އިއްޔެގެ ޖަލްސާގައި އެ ރިޕޯޓް ފާސްކުރުމަށްފަހު އެވެ.
ޖަޕާނުގެ ސަފީރުކަމުގެ މަޤާމު ހުސްވީ އެ މަޤާމުގައި ހުންނެވި، ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ ހަސަން ސޯބިރު މި އަހަރުގެ ޖުލައި 28 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.
ވެރިކަންކުރާ ޕީއެންސީއާ މަޚްލޫފް ގުޅިވަޑައިގަތީ ނޮވެމްބަރު 14 ވަނަ ދުވަހުގެ ރޭ އޮތް ޕީއެންސީގެ ބޮޑު ޖަލްސާގައެވެ. މިދިޔަ އެމްޑީޕީ ވެރިކަމުގައި މަޚްލޫފަކީ ޔޫތު މިނިސްޓަރެވެ. މަޙްޚްލޫފް އެމްޑީޕީން ވަކިވެވަޑައިގަތީ މި އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
މިނިސްޓަރުކަމުގެ އިތުރުން 17 ވަނަ ރައްޔިތުންގެ މަޖިލީހާއި 18 ވަނަ ރައްޔިތުންގެ މަޖިލީހަށް މަޚްލޫފް އިންތިޚާބުވެވަޑައިގަތެވެ.
ޖަޕާނަށް ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަންކުރަން ރުހުން ދީފި
އެޗްއާރްސީއެމްގެ މެންބަރު ކަމަށް ރަމީލާ އައްޔަންކުރައްވައިފި