އޭނާ އަބަދު ވެސް ބަދީގޭގެ މަސައްކަތް ޝައުގުވެރިވޭ. ބަދިގެއަށް ވަދެ އުޅޭތީ އޭނާއަށް ކުރެވޭވަރުގެ މަސައްކަތް ދަސްކޮށްދީ އެކަމަށް ހިތްވަރުދިން މީހަކީ އޭނާގެ މަންމަ. އަދި އޭނާގެ ބައްޕަ ވެސް އެކަމުގައި ހިއްސާވޭ. ރަސްމީ މަސައްކަތް ނިމުމަށްފަހު އެހެން މީހުން ކެއްކުމަށް ހިތްޖެއްސުމަކީ އޭނާ ޓިކްޓޮކް ވީޑިއޯ ހެދުމުގެ އެންމެ ބޮޑު އެއް މަގުސަދު. އޭނާގެ ވީޑިއޯތަކުގައި ވަނީ ކައްކަން އަލަށް ދަސްކުރާ މީހަކަށް ވެސް ފެއިލް ނުވެ ކެއްކޭނެ ފަދަ ފަސޭހަ ގޮތްތަކެއް ބޭނުންކޮށްގެން ތައްޔާރު ކުރެވިފައިވާ ކާއެއްޗެހި. ކެއްކުމުގެ އިތުރުން އޭނާއަކީ ފެހުންތެރިއެއް. އަދި މީރުކޮށް ކޭކު ވެސް އަޅާ.

ކެއްކުމަކީ ވަކި އުމުރަކަށް ވަކި ޖިންސަކަށް ޚާއްސަކަމެއް ނޫނެވެ. ބޮޑެތި މީހުންގެ ކައިރިން ކުޑަކުދިން ކައްކަން ދަސްކުރަން ބޭނުންނަމަ، ދުރަށް ނުލައި އެކުއްޖެއްގެ އުމުރާ ގުޅޭގޮތުން މަސައްކަތް ހަވާލު ކުރުމަކީ މުހިންމު ކަމެއްކަން މި ހުނަރުވެރިޔާގެ ވާހަކައިން އެނގިގެންދެ އެވެ.

ހއ. ބާރަށަށް އުފަން އާމިނަތު އަރޫޝާ (އަރޫ)ގެ އެންމެ ދުރު ހަނދާނަކަށް ވަނީ އޭނާގެ މަންމަ އޭނާއަށް ހުނިގާނަން ދަސްކޮށްދިނުމަށް ކުރި މަސައްކަތެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން އޯލެވެލް އަދި އޭލެވެލް ފުރިހަމަ ކުރި އަރޫއަކީ ބާރަށު ސްކޫލްގެ ގްރޭޑް 7 އިން 10ގެ ކުލާސްތަކަށް ބިޒްނަސް މާއްދާ ކިޔަވައިދޭ ޓީޗަރެވެ. އޭނާ ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގައި 2016 ވަނަ އަހަރު ބެޗަލާސް އޮފް ޓީޗިން ސެކަންޑަރީ ފުރިހަމަކޮށްފަ އެވެ.

ސްކޫލް ދައުރުގައި ގްރޭޑް10 ގެ ކުލާހު ކުދިންނާއެކު އަރޫ (މ)ގައި ފޮޓޯއަކަށް ހުއްޓިލައިގެން

އޭގެ އިތުރުން 2021 ގައި މާސްޓާސް އޮފް އެޑިއުކޭޝަނަލް ލީޑާޝިޕް އެންޑް މެނޭޖްމަންޓް ފުރިހަމަކޮށްފަ އެވެ. އެ ދުވަސްވަރު އަރޫ މާލޭގެ ބައެއް ސްކޫލްތަކުގައި ކިޔަވައިދީފައި ވެ އެވެ. ޚާއްސަކޮށް އިސްކަންދަރު ސްކޫލުގައި ތިން އަހަރު ބިޒްނަސް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރި އެވެ.

ވަރަށް ކުޑައިރު ބަދިގެއާ ރައްޓެހި

"މަންމައޭ ބުނެވޭނީ ކެއްކުމުގެ ތެރެއަށް ދިއުމަށް އަޅުގަނޑަށް އެހީތެރިވީ. އަޅުގަނޑު މަންމަގެ ފަހަތުން ބަދިގެއަށް ވަދެ އަމިއްލައަށް ކަންކަން ކުރުމަށް އިސްނަގުމުގެ ތެރޭން މަސައްކަތް ދަސްކުރީ. މަންމަ އޭރު ދޭނެ ކާށީގެ އެއްބައި ގާނާފައި ބާކީ ބައި ގާނަން. ދެން މަންމަމެން އެއްޗެހި ކޮށާ ގޮތަށް އެއްޗެހި ކޮށަން ވެސް ދަސްކުރާ ހަނދާންވޭ. ކައްކާ ހިތްވޭ ވަރަށް ބޮޑަށް. ބަދިގޭގައި އުޅޭއިރު މަންމަ ކަންތައް ކުރާގޮތް ބަލަން،" މަސައްކަތަށް ޝައުގުވެރިކަން އުފެދުނު ގޮތް ކިޔައިދެމުން އަރޫ ބުންޏެވެ.

އަރޫ ކައްކަނީ: ކައްކަން ދަސްވީ އޭނާގެ މަންމައަށް އަތްގާތްކޮށްދިނުމުގެ ތެރެއިން

އޭނާ އާންމުކޮށް ކައްކަނީ ދިވެހިންނާ ގުޅޭ ދިވެހިން ކައިއުޅޭ ކާނާ އެވެ. ކެއްކުމުގައި މީހުންނަށް ކަމުދާ ފަސޭހައިން ލިބެން ހުންނަ ތަކެތި ބޭނުން ކުރުމަށް އިސްކަންދެ އެވެ. ތެލުލަނީ ވަރަށް މަދު އެއްޗެކެވެ. ދެން އެންމެ މުހިންމު ކަމެއް ދެނީ ފެއިލް ނުވެ ހެދޭނެ ކަހަލަ ކާއެއްޗެހި ތައްޔާރު ކުރުމަށެވެ. ބޭނުމަކީ ކެއްކުމާ ގަޔާނުވާ މީހަކަށް ވެސް އޭނާ ތައްޔާރުކުރާ ކާތަކެތި ފަސޭހައިން ހަދާލެވޭނެ ގޮތް ބުނެދިނުމެވެ.

އަރޫ ކާއެއްޗެއް ތައްޔާރުކުރަނީ: ކެއްކުމަކީ އޭނާ ވަރަށް ޝައުގުވެރިވާ މަސައްކަތެއް

އަރޫގެ ޚާއްސަ ބިރިޔާނިއާއި ސޫޕް

އޭނާ ތައްޔާރު ކުރާ ކާނާތައް ގިނަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުންގެ ތަރުހީބު މިހާތަނަށް ލިބިފައި ވަނީ އަރޫ ކައްކާ މީރު ބިރިޔާނީއަށާއި ޗިކަން ސޫޕަށެވެ.

އަރޫ ތައްޔާރުކޮށްފައިވާ މީރު ކެއުމެއް: ކެއްކުމުގައި ގެންގުޅެވިދާނެ ފަސޭހަ ގޮތްތައް އެނާ ބުނެދޭ

"އާންމުކޮށް މީހުން ބިރިޔާނި ކައްކަނީ ބޭނުންކުރާ ހުރިހާ އެއްޗެއް ތެލުލައިގެން. އެކަމަކު އަޅުގަނޑު ބިރިޔާނީ ތައްޔާރު ކުރާއިރު ތެލުލަނީ ހަމައެކަނި ފިޔާކޮޅާއި ނަޓްސްކޮޅު. ބިރިޔާނިއަށް އަޅާ ހަވާދުތައް ވެސް ވަރަށް މަދުވާނެ. ކޮރިއެންޑާ އެއްވެސް ނުލަން. އަޅުގަނޑުގެ ބިރިޔާނި ޚާއްސަވަނީ އެހެންވެ. އަޅުގަނޑު ތައްޔާރުކުރާ ބިރިޔާނި ވަރަށް މީރުކަމަށް ގިނަ މީހުން ބުނޭ،" އޭނާ ބުންޏެވެ.

https://vt.tiktok.com/ZSy3DuTc4/

އަރޫގެ ޗިކަން ސޫޕަކީ ވެސް ވަރަށް ގިނަ މީހުންނަށް ކަމުދާ އެއްޗެކެވެ. އަރޫއަށް އެ ސޫޕް ހަދަން ދަސްކޮށްދިނީ އޭނާގެ ބައްޕަ ކަމަށް ބުންޏެވެ. ނަމަވެސް މިހާރު ބާއްޕަ ކައްކާ ސޫޕަށް ވުރެ ވެސް އަރޫ ކައްކާ ސޫޕް މީރު ކަމަށް އެ ރަހަ ބެލި މީހުން ބުނާކަން އޭނާ ވަރަށް އުފަލާއެކު ފާހަގަކުރި އެވެ.

އަރޫ އަޅާފައިވާ ބައެއް ކޭކު: ކޭކުއެޅުމުގެ މަސައްކަތަކީ ހުސްވަގުތު ލިބުމުން ކުރާކަމެއް

ފެހުމާއި ކޭކުއެޅުމަށް ވެސް މޮޅު އަރޫ މިވަގުތު ހުރީ ތިންވަނަ ދަރިފުޅު ވިހައިގެން ޗުއްޓީގަ އެވެ. ގޭގައި ހުރެގެން ބަދިގެއަށް ވަދެއުޅޭއިރު، އޭނާގެ ދެ އަހަރުގެ އަންހެން ދަރިފުޅު ޒީން ވެސް އަތްގާތް ކޮށްދިނުމަށް ބައިވެރިކުރާ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ފިޔާ ނޮޅުމާއި ފުށްގުޅަ ވަށްކުރުން ފަދަ ކަންކަން މިހާރު ވެސް އެ ތުއްތު ޒީން އެކަނި ކުރެ އެވެ.

ވަގުތު ނުވެގެން ކުރަން ބޭނުންކަމެއް ނުކުރެވި ހުރުމަކީ އަރޫގެ މިޒާޖެއް ނޫނެވެ. މިސާލަކަށް ކޮންޓެންޓް ހަދާނަމަ ވެސް އެކަން ކުރުމަށް ވަގުތު ހޯދަ އެވެ.

"ބިޒީވެގެން އެއްވެސް ކަމެއް ނުކުރެވިފައެއް އަޅުގަނޑު ނުހުންނަން. އަޅުގަނޑު ހިތްހަމަޖެހޭ ކަމެއް ވިއްޔާ ވަގުތު ހޯދައިގެން އެކަންކުރަން. ކުދިންގެ ކަންކަން ކުރަމުން ރައްޓެހިންނާއެކު ބޭރަށް ކޮފީމޭޒަށް ދާން ބޭނުން މީހުން އެކަން ކުރާނެ. ހަމައެގޮތަށް އަޅުގަނޑު ވެސް ހުސް ވަގުތު ހޯދައިގެން ކެއްކުމުގެ ކޮންޓެންޓް މިހަދަނީ އެކަން ވަރަށް ބޮޑަށް ކުރާހިތް ވާތީ. މިހާރު ކައްކާ ވީޑިއޯތަކުގަ ވޮއިސް އޯވާ އެއްލީ (އަޑުއެޅީ) އެއީ އެކަމުގައި ގިނަ ވަގުތު ހޭދަ ނުކުރެވޭތީ. އެހެން ނަމަވެސް އޭގެ ސަބަބުން ވަރަށް ގިނަ މީހުންނަށް އަޅުގަނޑު އެނގިގެންދިޔަ،" އަރޫ ބުންޏެވެ.

އަރޫ އެކި ދިވެހި އަދަބީ މުބާރާތްތަކުގައި ވާހަކަދައްކަނީ : ސްކޫލް އަދި އެމް.އެން.ޔޫ ތަމްސީލުކޮށް ވަނަ ވެސް ހޯދަދީފައިވޭ

އަރޫ ފާހަގަ ވަނީ ސްކޫލް ދައުރުގައި ދިވެހި އަދަބީ ގިނަ ހަރަކާތްތަކެއްގައި އެމްއެންޔޫ އަދި ސްކޫލް ތަމްސީލުކޮށްދީފައިވާ ދަރިވަރެއްގެ ގޮތުގަ އެވެ. ޚާއްސަކޮށް ބަހުސްކުރުމާއި ވާހަކަ ދެއްކުމުގައި އޭނާ ވަނީ ސްކޫލް އަދި އެމްއެންޔޫއަށް ރަން ވަނަތަކެއް ހޯދައިދީފަ އެވެ،

ކިޔެވި ދުވަސްވަރު ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެ މަސައްކަތުގެ ޕްރެޝާ ހިފަހައްޓަން އޭނާއަށް ވަނީ ވަރަށް ރަނގަޅަށް ދަސްކޮށްފަ އެވެ. މިއަދު އަރޫ ބިޒީވިއަސް ލައިފް ބެލެންސް ކުރަން ދަސްވެފައި ވަނީ އެ ސަބަބާ ހުރެ ކަމަށް ވުން އެކަށީގެންވެ އެވެ.