ޖަކާޓާ (ޖޫން 3) - އިންޑޮނީޝިއާގެ ފިރިހެނަކަށް ހީވީ އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ ހަޔާތުގެ ބައިވެރިޔާ ލިބުނީ ކަމަށެވެ. ދެ މީހުން ލޯބިން އަހަރެއްހާ ދުވަހު އުޅުމަށް ފަހު ކައިވެނި ކުރަން ހަފުލާއެއް ވެސް ބޭއްވި އެވެ. އެހެން ނަމަވެސް ކައިވެންޏަށް 12 ދުވަސް ފަހުން ހަގީގަތް ފަޅާ އަރައިފި އެވެ. އޭނާ އަށް ކައިވެނި ކުރެވުނީ ފިރިހެނަކާ އެވެ. މި ބޮޑު އޮޅުވާލުމުގެ ތެރޭން އޭނާގެ އަތުން އެތައް ބައިވަރު ފައިސާއެއް ވަނީ ކައިވެނި ކުރި މީހާ ހޯދައިފަ އެވެ.
މި ބޮޑު އޮޅުވާލުން ފަޅާއެރުމާ އެކު އިންޑޮނީޝިއާގެ އެ މީހާ ވަނީ ފުލުހުންނަށް ވަގުތުން ރިޕޯޓްކޮށްފަ އެވެ.
މަކަރު ހަދައިގެން ކައިވެނި ކުރި ފިރިހެން މީހާ ވަނީ އޮންލައިންކޮށް އިންޑޮނީޝިއާގެ ފިރިހެން މީހާއާ އެތައް ދުވަހަކު ވާހަކަ ދައްކާ ލޯބި ހުށަހަޅައި، އެންމެ ފަހުން ދެ މީހުން ހަމަލޮލުން ބައްދަލުކޮށް ކައިވެނި ކުރަން ނިންމައިފަ އެވެ. ދެ މީހުން އެކަކު އަނެކަކަށް ބަދަލުވުމާ އެކު ފޭކް ހަދައިގެން އުޅުނު މީހާ ދެކެ އަސްލު ފިރިހެން މީހާ އަށް ވެސް މާބޮޑަށް ލޯބިވެވިއްޖެ އެވެ.
އިންޑޮނީޝިއާގެ ފިރިހެން މީހާ ބުނީ "އޭނާގެ މުސްތަގްބަލުގެ އަނބިމީހާ" މޭކަޕް ކޮށްގެން ނޫންގޮތެއްގައި ހުއްޓާ އެއްދުވަހު ވެސް ނުފެންނަ ކަމަށެވެ. އޭނާ ހުންނަނީ މޫނު ބުރުގާ އަޅައިގެންނެވެ. އެހެންވެ އޭނާ ހީކުރީ އެއީ ދީންވެރި އަންހެނެއް ކަަމަށެވެ.
ކައިވެނި ކުރަން ނިންމުމަށް ފަހު "އަންހެން ކުއްޖާ" ވަނީ އޭނާގެ އާއިލާގެ އެއްވެސް މީހަކު ނުހުންނަ ކަމަަށް ބުނެފަ އެވެ. ކައިވެންޏަށް ފަހު ވެސް ފިރިހެން މީހާގެ ގޭގައި އުޅޭއިރު ވެސް އޭނާގެ އާއިލާގެ މީހުންނާ މި "އަންހެން މީހާ" މުއާމަލާތް ކުރަނީ ވަރަށް މަދުންނެވެ. ގޭތެރޭގަ އާއި ކޮޓަރީގައި ވެސް އުޅެނީ މޫނު ބުރުގާގަ އެވެ. އެހެންވެ ފިރިހެން މީހާ އާއި އޭނާގެ އާއިލާ އަށް ޝައްކުވެގެން ބެލި އިރު ކައިވެނި މިކުރެވުނީ ފިރިހެނަކާ އެވެ. އެ މީހާގެ އަޑުގައި ވެސް ހުންނަ ތޫލި ކަމެއްގެ ސަބަބުން އެންމެންނަށް ވެސް ހީކުރެވުނީ އެއީ ހަމަ އަންހެނެއް ކަމަށެވެ.
އެންމެ ފަހުން ބެލި ބެލުމުން އެ މީހާގެ އާއިލާގެ މީހުން ވެސް ތިބެ އެވެ. ފިރިހެނަކު އަންހެން ހެދުން އަޅައިގެން މަކަރުން ކައިވެނިކޮށް ފަޅާއެރި އިރު އޮތީ އަސްލު ފިރިހެން މީހާގެ އަތުން އެތައް ފައިސާއެއް ދަމައިގެންފަ އެވެ. އޮޅުވާލައިގެން އުޅުނު ފިރިހެން މީހާ މިހާރު ހުރީ ފުލުހުންގެ ބަންދުގަ އެވެ.