ރާއްޖެ އިން ތުރުކީ އަށް ކަނޑައަޅާ ސަފީރަކަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް އައްޔަން ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
އެ މައްސަލަ ދިރާސާ ކުރުމަށް ފޮނުވާފައި ވަނީ މަޖިލިހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވޭ އުމުރު ގާނޫނީ ގޮތުން ހަމަވާތީ އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ މިދިޔަ މަހުގެ 17 ގަ އެވެ. ސިފައިންގެ ގާނޫނު ބުނާގޮތުން، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ.
ރާއްޖެއިން ފުރަތަމަ ތުރުކީއަށް ކަނޑައަޅާ ސަފީރަކަށް އަބްދުއްރަހީމް އައްޔަން ކުރެއްވުމަށް ނިންމަވާފައިވާއިރު މިހާރު އަބްދުއްރަހީމް ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ. އެހެން ނަމަވެސް އެމަގާމަށް އޭނާ އައްޔަން ކުރެއްވި ތާރީހެއް ސަރުކާރުން ހާމަކޮށްފައިނުވެ އެވެ.
ތުރުކީގެ ސަފީރަކަށް އަބްދުއްރަހީމް އައްޔަން ކުރަން ނިންމާފައިވާ އިރު، އެ ގައުމުގައި އަލަށް ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ވެސް ސަރުކާރުން އޮތީ ނިންމައިފަ އެވެ. އެކަން ސަރުކާރުން އިއުލާންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް މުއިއްޒު ހުވާލުރެއްވުމަށް ފަހު، ރާއްޖެ އިން ބޭރަށް އެންމެ ފުރަތަމަ ކުރެއްވި ދަތުރުގެ ގޮތުގައި ތުރުކީ އަށް ކުރެއްވި ދަތުރުގެ ތެރޭގަ އެވެ.
އަބްދުއްރަހީމް، ސިފައިންގެ ހިދުމަތާ ހިދުމަތާ ގުޅިވަޑައިގެންނެވީ ފެބްރުއަރީ 18، 1985 ގަ އެވެ. ސިފައިންގެ ހިދުމަތް އޭނާ ފެށްޓެވީ "ސިގްނަލްސް" ޑިޕާޓްމަންޓުންނެވެ. އެ ދާއިރާއަށް ހާއްސަވެވަޑައިގެންނެވުމަށް އެމެރިކާއިން ރޭޑިއޯ ޓެކްނިކަލް ކޯހެއް ފުރިހަމަކުރެއްވިއިރު، އެ ކޯހުން އެއްވަނަ ހޯއްދެވި އެވެ.
އަބްދުއްރަހީމަކީ ސްރީލަންކާގެ ޑިފެންސް ސާވިސަސް އެންޑް ކޮމާންޑް ކޮލެޖުން ވެސް ގްރެޖުއޭޓް ވެވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާއަކީ އެމެރިކާގެ ހަވާއީގައި ހުންނަ އޭޝިއާ ޕެސިފިކް ސެންޓަ ފޯ ސެކިއުރިޓީ ސްޓަޑީސް އިން ވެސް ތަމްރީނު ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.
ސިފައިންގެ ހިދުމަތުގައި އޭނާ ވަނީ 17 މެޑެއްޔަކާއި ކުލަ ހާސިލުކުރައްވައިފަ އެވެ. އޭގެ ތެރޭގައި ޕްރެސިޑެންޝަލް މެޑަލް، ޑިސްޓިންގުއިޝްޑް ސާވިސް މެޑަލް، ލޯންގް ސާވިސް މެޑަލް އަދި ޑެޑިކޭޓެޑް ސާވިސް މެޑަލް ހިމެނެ އެވެ.