ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހަކީ އެހެން ހުރިހާ ދުވަހެއްގެ މައްޗަށް މާތްﷲ މާތްކުރައްވައިފައިވާ ދިހަ ދުވަހެވެ.
މާތްﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ އަރިހުން ވާރިދުވެފައިވާ ޙަދީޘެއްގައިވެއެވެ. ސަލާމާއި ޞަވަލާތްލެއްވި ނަބީކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ހެޔޮ ޢަމަލު ކުރުމަށް، މި ދިހަ ދުވަހަށް ވުރެ (އެބަހީ: ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށް ވުރެ) ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ." ޞަޙާބީން ސުވާލުކުރެއްވިއެވެ. "މާތްﷲގެ މަގުގައި ޖިހާދުކުރުން ވެސް ތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "ޖިހާދު ވެސް މެއެވެ. ޖިހާދުކުރާން އެ މީހެއްގެ ޖާނާއި މާލު ހިފައިގެން ނުކުމެ އެ އިން އެއްޗަކާއެކު އެނބުރި ނައި މީހާ ފިޔަވައެވެ." (ބުޚާރި، 969)
ސުނަނު ތިރްމިޛީއާއި ސުނަނު އަބީ ދާވޫދާއި އަދި އެހެނިހެން ވެސް ޙަދީޘް ފޮތްތަކުގައި ވާރިދުވެފައިވާ ރިވާޔަތެއްގައި ވަނީ، މި ދިހަ ދުވަހުގައި ކުރެވޭ ހެޔޮ ޢަމަލުތަކަކީ އެހެން ދުވަސްތަކުގައި ކުރެވޭ ހެޔޮ ޢަމަލުތަކަށް ވުރެ މާތްﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތި ޢަމަލުތަކެވެ.
މި ދިހަ ދުވަހާބެހޭ ރިވާޔަތްތަކަށް ނަޒަރު ހިންގައިލާއިރު، އަހަރު ތެރޭގައި އަންނަ އެންމެ ހެޔޮ ދުވަސްތަކަކީ މިއީ ކަމުގައި ޢިލްމުވެރީން ވިދާޅުވެއެވެ. އެއީ ރޯދައިގެ ފަހު ދިހައަކަށް ވުރެ ވެސް ހެޔޮ ދުވަސްތަކެއް ކަމަށް އެބޭކަލުން ވިދާޅުވެއެވެ. މި ދަންނަވަނީ ދުވާލުގެ ވަގުތުގެ ވާހަކައެވެ. އެހެނީ، ރޯދަމަހުގެ ފަހު ދިހައެއްގެ ރޭތައް މި ދުވަސްތަކުގެ ރޭތަކަށްވުރެ ހެޔޮކަމަށް އެ ބޭކަލުން ދެކިލައްވައެވެ. ސަބަބަކީ ރޯދަމަހު ފަހު ދިހައެއްގެ ރޭތަކުގެ ތެރެއިން ރެއެއްގައި ޤަދްރިވިލޭރޭ ހިމެނިގެންވުމެވެ.
މި ދިހަ ދުވަސް މަތިވެރިވީ ކީއްވެ؟
މި ދިހަ ދުވަސް އެހައި މަތިވެރިވެގެންވީ ސަބަބަތަކަށް ބަލައިލާއިރު ވަރަށް ގިނަ ސަބަބުތައް ފެންނާން އެބަ ހުއްޓެވެ.
އޭގެ ތެރެއިން:
1- މާތްﷲ އެ ދުވަސްތަކުގެ ރޭތައް ގަންދެއްވައި ބަސްފުޅު ވަޙީކުރައްވައިފައިވުން ހިމެނެއެވެ. އެއީ ފަޖްރު ސޫރަތުގެ ދެވަނަ އާޔަތެވެ. وليال عشر. މި އާޔަތުގައި މާތްﷲ ވަޙީކުރައްވައިފައި މިވާ ދިހަ ރެޔަކީ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށް ތަފްސީރު ޢިލްމުވެރީންގެ ތެރެއިން ގިނަ ޢިލްމުވެރީން ބަޔާންކުރައްވައިފައިވެއެވެ. މިހެން ވިދާޅުވެފައިވާ ބޭކަލުންގެ ތެރޭގައި އިބްނު ޢައްބާސް، އިބްނު އައްޒުބައިރު، މުޖާހިދު ހިމެނެއެވެ.
2- އިސްވެ ދިޔަ ރިވާޔަތްތަކުގައި ބަޔާންކުރެވުނު ފަދައިން، މިއީ އެންމެ މާތް ދިހަ ދުވަސްކަމަށް ސަލާމާއި ޞަލާވާތްލެއްވި ނަބީކަލޭގެފާނު ވިދާޅުވެފައިވުން ހިމެނެއެވެ.
3- މި ދިހަ ދުވަހު ހެޔޮ ޢަމަލުކުރުން ގިނަކުރުމަށް ބާރުއަޅުއްވައިފައިވުން ހިމެނެއެވެ. އެއިން މި ދުވަސްތަކުގެ މާތްކަމާއި މަތިވެރިކަން ދޭހަވެގެންދެއެވެ.
4- މި ދިހަ ދުވަހުގައި ތަހްލީލާއި ތަކްބީރާއި ތަޙްމީދުކިޔުން ގިނަކުރުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ބާރުއަޅުއްވައި އިރުޝާދު ދެއްވައިފައިވުން ހިމެނެއެވެ. އެ ގޮތުން، އިމާމު އަޙްމަދު އެކަލޭގެފާނުގެ މުސްނަދުގައި ރިވާކުރައްވައިފައި ޙަދީޘެއްގެ މާނައިގައިވެއެވެ. މާތްﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި ޢަބްދުﷲ ބުނު ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ. ސަލާމާއި ޞަލަވާތްލެއްވި ނަބީކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މި ދިހަ ދުވަހަށްވުރެ މާތްﷲގެ ޙަޟްރަތުގައި އެ ދުވަސްތަކެއްގައި ހެޔޮ ޢަމަލުކުރުން ލޮބުވެތިވެގެންވާ އަދި މަތިވެރިވެގެންވާ ދުވަސްތަކެއް ނުވެއެވެ. އެހެންކަމުން، ތިޔަބައިމީހުން މި ދުވަސްތަކުގައި ތަހްލީލުކިޔުމާއި ތަކްބީރުކިޔުމާއި ތަޙްމީދުކިޔުން ގިނަކުރާށެވެ." (އިމާމު އަޙްމަދު، 224/7)
5- މި ދިހަ ދުވަހުގެ ތެރޭގައި ޢަރަފާތް ދުވަސް ހިމެނިގެންވުން ހިމެނެއެވެ. ޢަރަފާތް ދުވަހަކީ މާތް ﷲ، ދީން ފުރިހަމަކޮށްދެއްވި ދުވަހެވެ.
އަމީރުލްމުއުމިނީން ޢުމަރު ބުނު ޚައްޠާބު ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ޔަހޫދީއަކު އެކަލޭގެފާނާ ދިމާއަށް ބުންޏެވެ. އޭ މުއުމިނުންގެ އަމީރެވެ! ތިޔަބައިމީހުންގެ ފޮތުގައި ތިޔަބައި މީހުން ކިޔަވައިއުޅޭ އާޔަތެއް، އެއީ އަހުރެމެން ޔަހޫދީންގެ މައްޗަށް ބާވައިލެއްވުނު އާޔަތެއް ނަމަ، އެ އާޔަތް ބާވައިލެއްވުނު ދުވަހަކީ ޢީދު ދުވަހެއް ކަމުގައި އަހުރެމެން ހެދީމޫއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. ތިޔަ އިޝާރާތްކުރަނީ ކޮން އާޔަތަކަށް ހެއްޔެވެ؟ އޭނާ ބުންޏެވެ. الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمْ الْإِسْلَامَ دِينًا މި އާޔަތެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. "ތިޔަ އާޔަތް ބާވައިލެއްވުނު ދުވަސް އަހުރެމެންނަށް އެނގެއެވެ. އަދި ތިޔަ އާޔަތް ސަލާމާއި ޞަލަވާތްލެއްވި ނަބިއްޔާގެ މައްޗަށް ބާވައިލެއްވުނު ދުވަހާއި ތަން ވެސް އަހުރެމެންނަށް އެނގެއެވެ. އެއީ ހުކުރު ދުވަހުގައެވެ. އަދި ޢަރަފާތް ބިމުގައި އެކަލޭގެފާނު ހުންނަވަނިކޮށެވެ." (ބުޚާރީ)
ޢަރަފާތް ދުވަހަކީ ކޮންމެ އަހަރަކު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޢަރަފާތް ބިމަށް މުސްލިމުން ފައުޖުފައުޖަށް އެތަންމިތަނުން ޖަމާވާ ދުވަހެވެ. އެ ދުވަހުގައި ޢަރަފާތް ބިމަށް ހާޒިރުނުވެވޭ މުސްލިމުންނަށް ޢަރަފާތް ދުވަހުގެ ރޯދަ ހިފުން ސުންނަތް ކުރައްވައިފައިވާ ދުވަހެވެ. އެއީ ދެ އަހަރުގެ ފާފަތައް އަޅާއަށް އެ ރޯދައެއްގެ ސަބަބުން ފުހެވޭ ޢަރަފާތް ދުވަހުގެ ރޯދައެވެ. އަދި ހަމައެހެންމެ، އެއީ ޙައްޖުވެރީން ހަދްޔު ކަތިލާ ވެސް ދުވަސް ހިމެނޭ ދުވަސްތަކެވެ.
6- މި ދިހަ ދުވަހުގެ ތެރޭގައި ޙައްޖުގެ އެންމެ މަތިވެރި އަޅުކަންތައް ކުރުން ޝަރުޢުކުރައްވައިފައިވުމާއި، އުޟުޙިޔާ ކަތިލުން ޝަރުޢުކުރައްވައިފައިވުން ހިމެނިގެންވެއެވެ.
ޛުލްޙިއްޖާ މަހުގެ ދިހަ ދުވަހުގައި ކުރެވިދާނޭ އެންމެ ހެޔޮ ޢަމަލުތަކަކީ ކޮބާ؟
1- ޙައްޖާއި ޢުމްރާކުރުން:
މި ދިހަ ދުވަހު ކުރެވޭނެ އެންމެ މަތިވެރި އެއް އަޅުކަމަކީ ޙައްޖުގެ އަޅުކަން ކަމާ މެދަކު ޝައްކެއް ނެތެވެ.
އެހެނީ، މާތްﷲގެ ތައުފީޤާއެކު ޙައްޖުގެ އަޅުކަން އޭގެ ފުރިހަމަ ގޮތުގައި އަދާކުރުމުގެ ފުރުޞަތު ލިބިއްޖެ މީހަކަށް ސުވަރުގެ ލިބިއްޖެއެވެ. ޞައްޙަ ޙަދީޘްގައިވާ ފަދައިން މަބްރޫރު ޙައްޖެއްގެ ސަވާބާއި ދަރުމައަކީ ސުވަރުގެ ނޫން ދެވަނަ އެއްޗެއް ނޫނެވެ.
2- ރޯދަ ހިފުން:
ރޯދަ ހިފުމަކީ މި ދުވަސްތަކުގައި ސުންނަތެއް ކަމަށް ޢިލްމުވެރީން ވިދާޅުވެއެވެ. އެއީ ޛުލްޙިއްޖާ މަހުގެ ދިހަވަނަ ދުވަސް ފިޔަވައެވެ. އެހެނީ، ދިހަވަނަ ދުވަހަކީ ޢީދު ދުވަހެވެ. ޢީދު ދުވަހާއި އެއަށް ފަހު އަންނަ އައްޔާމުއްތަޝްރީޤުގެ ތިން ދުވަހަކީ ރޯދަ ހިފުން މަނާ ތިން ދުވަހެވެ. އެއީ ކެއުމާއި ބުއިމުގެ ތިން ދުވަސްކަމުގައި ވާތީއެވެ. އެހެންކަމުން، ޛުލްޙިއްޖާ މަހުގެ ފުރަތަމަ ނުވަ ދުވަހުގައި ރޯދަ ހިފުމަކީ މޮޅު އިތުރު ކަމެއް ކަމުގައި ޢިލްމުވެރީން ދެކިލައްވައެވެ. އެބޭކަލުން ދަލީލަކަށް ގެންނަވަނީ، ހުނައިދަތު ބުނު ޚާލިދު އޭނާގެ އަނބިކަނބަލުންގެ އަރިހުން ގެންނަވާ ޙަދީޘަކުންނެވެ. އެ ޙަދީޘްގައި އެކަލޭގެފާނުގެ އަނބިކަނބަލުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަނބިއަނބިކަނބަލުންގެ އަރިހުން ރިވާކުރައްވަތެވެ. ސަލާމައި ޞަލަވާތްލެއްވި ނަބީކަލޭގެފާނު ޛުލްޙިއްޖާ މަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަ ހިއްޕަވައެވެ. އަދި ޢާޝޫރާ ދުވަހު ވެސް ރޯދަ ހިއްޕަވައެވެ. އަދި ކޮންމެ މަހަކު ތިން ދުވަހު ރޯދަ ހިއްޕަވައެވެ. އެއީ ކޮންމެ މަހެއްގައި އަންނަ ފުރަތަމަ ހޯމައާއި ދެ ބުރާސްފަތީގައެވެ. މި ޙަދީޘް، އިމާމު ނަސާއީ އެކަލޭގެފާނުގެ ސުނަނު އައްނަސާއީގައި (4/205) ލިޔުއްވައިފައިވެއެވެ. އަދި އަބޫ ދާވޫދު ވެސް އެކަލޭގެފާނުގެ ސުނަނުގައި (2/462) ލިޔުއްވައިފައިވެއެވެ. އަލްބާނީ މި ޙަދީޘަކީ ޞައްޙަ ދަރަޖައިގެ ޙަދީޘެއް ކަމުގައި ބަޔާންކުރައްވައިފައިވެއެވެ.
3- ތަކްބީރު ކިޔުން:
މި ދިހަ ދުވަހު ތަކްބީރު ކިޔުމާއި، ތަހްލީލު ކިޔުމާއި، ތަޙްމީދު ކިޔުން ގިނަކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ތަހްލީލަކީ لا إله إلا الله އެވެ. ތަޙްމީދަކީ الحمد لله އެވެ. ތަކްބީރަކީ الله أكبر އެވެ.
މި ދުވަސްތަކުގައި ފިރިހެނުން ބާރަށް ތަކްބީރާއި، ތަހްލީލާއި، ތަޙްމީދު ކިޔުމަކީ ސުންނަތެކެވެ. އަދި އަންހެނުން ކިޔާން އޮންނަނީ މަޑުންނެވެ. މަގުމަގުގައްޔާއި، މާރުކޭޓުތަކާއި، އާންމު މައިދާންތަކާއި، މީހުން ޖަމާވެއުޅޭ ތަންތަނުގައި ތަކްބީރު ކިޔުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ޙައްޖު ސޫރަތުގެ 27 ވަނަ އާޔަތުން ފެށިގެން 28 ވަނަ އާޔަތުގެ ނިޔަލަށް މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އަދި ކަލޭގެފާނު (އެބަހީ، އިބްރާހީމްގެފާނު) މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރު ތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ. (27) އެއީ އެއުރެންނަށް ހުރި މަންފާތަކެއް ލިބިގަތުމަށް ޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެން اللَّه ގެ އިސްމުފުޅު ހަނދުމަކޮށް އުޅުމަށެވެ. ނަޢަމްސޫފީގެ ނިޢުމަތް އެއުރެންނަށް ދެއްވިކަމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން އެއިން ކައިއުޅޭށެވެ! އަދި ދަތިޙާލުގައިވާ ފަޤީރުންނަށް (އެއިން) ކާންދޭށެވެ! (28)"
މި ތަނުގައި މާތްﷲ ވަޙީކުރައްވައިފައިވާ أَيَّامٍ مَّعْلُومَاتٍ (އެބަހީ، ކަނޑައެޅި އެނގިގެންވާ ދުވަސްތައް)ގެ މުރާދަކީ، އެއީ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މިއީ ތަފްސީރު ޢިލްމުވެރީންގެ ގިނަ ޢިލްމުވެރީންގެ ރައުޔެވެ. އެހެނީ، މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެފާނުގެ ވިދާޅުވެފައިވެއެވެ. "ކަނޑައެޅި ބަޔާންވެގެންވާ ދުވަސްތަކަކީ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ."
ތަކްބީރު ކިޔުމުގެ ޞީޣާއަށް ބަލައިލާއިރު، އެކިއެކި ޞީޣާ އެކިއެކި ޞަޙާބީންގެ ފަރާތުން ވާރިދުވެފައިވެއެވެ. އެ ގޮތުން، މި ތަނުގައި އެއިން އެއް ޞީޣާ ބަޔާންކޮށްލާނަމެވެ. އެއީ، الله أكبر، الله أكبر لا إله إلا الله، والله أكبر ولله الحمد މިއެވެ.
ކަން މިހެން އޮތް ނަމަވެސް، މިހާރު ތަކްބީރު ކިޔުމަކީ އަޅުގަނޑުމެންގެ ތެރެއިން ނެތިގެން ގޮސްފައިވާ ސުންނަތެކެވެ. ޚާއްޞަކޮށް، އާންމު ތަންތަނާއި މާރުކޭޓުގައި މިކަން ކުރާ ތަނެއް ނުފެނެއެވެ. މި ސުންނަތް ދިރިވުމަށް ވެރިކަމުގެ ފަރާތުންނާއި އާންމު ރައްޔިތުން ވެސް މަސައްކަތްކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
ޞަޙާބީންގެ ޒަމާނަށް ބަލާއިރު، މާތްﷲ އެބޭކަލުންނަށް ރުއްސުންލެއްވި އިބްނު ޢުމަރާއި އަބޫހުރައިރަތުގެފާނު ޛުލްޙިއްޖާ ފުރަތަމަ ދިހަ ދުވަހު މާރުކޭޓު ސަރަހައްދާއި މަގުތައް މައްޗަށް ނުކުމެވަޑައިގެން ތަކްބީރުކިޔުއްވައެވެ. އަދި އެބޭކަލުންނާ ބައިވެރިވެ އެހެން މީސްތަކުން ތަކްބީރު ކިޔައެވެ. ތަކްބީރު ދެ ބަޔަކަށް ބެހެއެވެ. އެއީ މުޠުލަޤު ތަކްބީރާއި، މުޤައްޔަދު ތަކްބީރެވެ.
މުޠްލަޤު ތަކްބީރަކީ، އެއްވެސް ކަމަކާ ގުޅުމެއް ނެތި ކިޔާ ތަކްބީރެވެ. އެއީ ކޮންމެ ވަގުތަކު ވެސް ކިޔެވޭ ތަކްބީރެވެ. ނަމާދުގެ ކުރިއާއި ފަހުންނާއި، ހެނދުނާއި ހަވީރު ވެސް ކިޔިދާނެއެވެ. އެއީ ޛުލްޙިއްޖާ މަހު ފުރަތަމަ ދިހަ ދުވަހާއި އަދި އައްޔާމުއްތަޝްރީޤުގެ ދުވަސްތަކުގައި ކިޔުން ސުންނަތްވެގެންވާ ތަކްބީރެވެ. މި ތަކްބީރު ކިޔުން ޝަރުޢުކުރެވިގެންވާ މުއްދަކީ ޛުލްޤައިދާ މަހުގެ ފަހު ދުވަހުގެ އިރު އޮއްސުނީއްސުރެ ޛުލްޙިއްޖާ މަހުގެ ތޭރަވަނަ ދުވަހުގެ އިރުއޮއްސެންދެނެވެ.
މުޤައްޔަދު ތަކްބީރަކީ ނަމާދުގެ ފަހުގައި ކިޔާ ތަކްބީރެވެ. މި ތަކްބީރު ކިޔަން ފެށުން ސުންނަތްވެގެންވަނީ ޢަރަފާތް ދުވަހުގެ ފަތިސްވުމުންނެވެ. އަދި އައްޔާމުއްތަޝްރީޤުގެ އެންމެ ފަހު ދުވަހުގެ އިރުއޮއްސެންދެން މި ތަކްބީރު ކޮންމެ ނަމާދެއްގެ ފަހުގައި ކިޔުމަކީ ސުންނަތެކެވެ. މިއީ ޙައްޖުވެރީން ނޫން މީހުންނަށެވެ. ޙައްޖުވެރީން މި ތަކްބީރު ކިޔަން ފަށާނީ ޢީދު ދުވަހު މެންދުރު ފަހުއެވެ. އަދި އައްޔާމުއްތަޝްރީޤުގެ ފަހު ދުވަހާ ހަމަޔަށް ކޮންމެ ނަމާދެއް ފަހުގައި މި ތަކްބީރު ކިޔުން ޙައްޖުވެރީންނަށް ވެސް ސުންނަތްވެގެންވެއެވެ.
4- އެހެނިހެން ހެޔޮ ޢަމަލުތައް ކުރުން ވެސް ގިނަކުރުން:
އާންމުގޮތެއްގައި މި ދިހަ ދުވަހު ހެޔޮ ޢަމަލު ގިނަކުރަމަކީ ގަދަވެގެންވާ ސުންނަތެއް ކަމުގައި ޢިލްމުވެރީން ބަޔާންކުރައްވައެވެ. އެއީ މި ދިހަ ދުވަހުގެ މާތްކަމާއި އަދި މި ދިހަ ދުވަހުގައި ހެޔޮ ޢަމަލު ކުރުމުގެ މާތްކަމާ ބެހޭގޮތުން އިސްވެ ދިޔަ ޙަދީޘްތަކުގެ އަލީގައި އެބޭކަލުން ވިދާޅުވާ ބަސްފުޅެކެވެ.
އެހެންކަމުން، މި ދިހަ ދުވަހު ހެޔޮ ޢަމަރުކުރުން ގިނަކުރުމަކީ މޮޅުއިތުރުވެގެންވާ އަދި ސަވާބާއި ދަރުމައިގައި އިތުރުވެގެންވާ ކަމެކެވެ.
5- އުޟްޙިޔާ ކަތިލުން:
ޛުލްޙިއްޖާ މަހުގެ 10 ވަނަ ދުވަހަކީ އުޟްޙިޔާ ކަތިލުން ސުންނަތްވެގެންވާ ކަމެކެވެ. އުޟްޙިޔާ ކަތިލުމުގެ މާތްކަމާއި އެ ކަމުގައި ކަންކަން ކުރާންވީ ގޮތުގެ ވާހަކަ ދައްކާނަމަ، އެއީ ވަރަށް ދިގު ވާހަކަތަކެކެވެ. އެހެން ނަމަވެސް ޚުލާޞާކޮށްލެވޭތޯ ބަލާނަމެވެ.
އުޟްޙިޔާ ކަތިލުމަކީ ސަލާމްލެއްވި އިބްރާހީމްގެފާނުގެ ޒަމާނުއްސުރެ އަޅުގަނޑުމެންނާ ހަމަޔަށް ފޯރައިފައި އޮތް މަތިވެރި އަޅުކަމެކެވެ. އިސްލާމްދީނުގެ ޝިޢާރެކެވެ.
އުޟްޙިޔާ ކަތިލުމަކީ، މާތްﷲގެ ވަޖްހުފުޅު އަދައިގެން އަޟްޙާ ޢީދު ދުވަހުގެ ޢީދު ނަމާދަށްފަހު އައްޔާމުތަޝްރީޤުގެ (އެއީ ޛުލްޙިއްޖާ މަހުގެ 11، 12، 13) އެންމެ ފަހު ދުވަހާ ދެމެދު އުޟްޙިޔާ ކަތިލުމުގެ ނިޔަތުގައި ނަޢަމްސޫފީގެ ބާވަތަކުން ބާވަތެއް ކަތިލުމެވެ.
ޢިލްމުވެރީންގެ ތެރެއިން ގިނަ ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުން އުޟްޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެވެ. އަދި އެ ކަމަށް ކުޅަދާނަވެގެންވާ މީހަކަށް އެއީ ވާޖިބެއް ކަމުގައި ވެސް ބައެއް ޢިލްމުވެރީން ދެކިވަޑައިގަންނަވައެވެ.
އުޟްޙިޔާ ކަތިލުމަކީ އެ މީހެއްގެ އަމިއްލަ ނަފްސުގެ މަތީންނާއި، އެ މީހެއްގެ އަހުލުބައިތުން (އެބަހީ، މައިންބަފައިންނާއި އަނބިދަރީން) ގެ މަތީން ކަތިލެވިދާނޭ އެއްޗެކެވެ. އެ މީހަކު ނިޔަތް ގަންނާނެ ގޮތަކީ، މި އުޟްޙިޔާއަކީ ތިމާއާއި ތިމާގެ އަހުލުބައިތުންގެ ފަރާތުން ކަތިލާ އުޟްޙިޔާއެއް ކަމެވެ. ނިޔަތަކީ ހިތުގައި އޮންނަ އެއްޗެއް ކަމުން، ދުލުން ކޮންމެހެން ނިޔަތް ކިޔާކަށް ނޯވެއެވެ. މި ދެންނެވި ގޮތަށް އުޟްޙިޔާ މި ކަތިލަނީ ތިމަންނައާއި ތިމަންނާގެ އަހުލުބައިތުންގެ ފަރާތުން ކަމަށް ހިތަށް އަރުވައިލުމުން ފުދޭނެއެވެ.
މީހަކަށް އޭނާއާއި އޭނާގެ އަހުލުބައިތުންގެ ފަރާތުން އެއް ބަކަރި ކަތިލުމުން ފުދޭނެއެވެ. އިމާމު ތިރްމިޛީއާއި އިމާމު އިބްނު މާޖާ، މާތްﷲ ރުއްސުންލެއްވި އަބޫ އައްޔޫބުގެފާނުގެ އަރިހުން ރިވާކުރައްވައިފައިވާ ޞައްޙަ ރިވާޔަތެއްގައިވެއެވެ. "ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެ ޒަމާނުގައި މީހަކަށް އެ މީހެއްގެ ފަރާތުންނާއި އެ މީހެއްގެ އަހުލުބައިތުންގެ ފަރާތުން އެންމެ ބަކަރިއެއް ކަތިލައި، އެއިން އެ މީހަކާއި އެ މީހެއްގެ ޢާއިލާއިން ކައި، އަދި އެހެން މީހުންނަށް ކާންދިނުމަކީ ކޮށްއުޅުނު ކަމެކެވެ."
އަހުލުބައިތުން މި ތަނުގައި ޢިލްމުވެރީން މާނަކުރައްވަނީ، އަނބިދަރީންނެވެ. އަދި އެއް ގެއެއްގައި ދިރިއުޅޭނަމަ، މައިންބަފައިންނާއި ޢާއިލާގެ މީހުން ވެސް ހިމެނިގެންވެއެވެ. އެއީ އެ މީހެއްގެ ޚަރަދުބަރަދު ހިނގާ މީހުންނެވެ.
ވަކި ގެއެއްގައި ދިރިއުޅޭ ތިމާގެ މީހުން މީގެ ތެރެޔަކު ނުހިމެނެއެވެ. އަދި ޚަރަދުބަރަދުގެ ކަންކަން ވަކީން ކޮށްއުޅޭ މީހުން ވެސް މި ބައިގެ ތެރެޔަކު ނުހިމެނެއެވެ.
އުޟްޙިޔާގެ ގޮތުގައި ގެރިއެއް ނުވަތަ ޖަމަލެއް ކަތިލާނަމަ، އެއިން އެއްޗެއްގައި ހަތް މީހަކަށް ބައިވެރިވެވިދާނެއެވެ. އަދި ހަތް މީހުންވެގެން ގެރިއެއް ނުވަތަ ޖަމަލެއް ކަތިލުމުގައި ބައިވެރިވާނަމަ އެބައިމީހުންނާއި އެބައިމީހުންގެ އަހުލުބައިތުންގެ ފަރާތުން އެ ފުދޭނެއެވެ. މާތްﷲ ރުއްސުންލެއްވި ޖާބިރުގެފާނުގެ އަރިހުން ރިވާވެފައިވެއެވެ. "ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނާއެކު ތިމަންބޭކަލުން ޙުދައިބިއްޔާގައި އުޟްޙިޔާ ކަތިލި ދުވަހު، ކޮންމެ ޖަމަލަކަށް އަދި ކޮންމެ ގެރިއަކަށް ހަތްމީހުން ބައިވެރިވާ ގޮތަށް އެ އެއްޗެހި ކަތިލެއްވޫއެވެ." (މުސްލިމް)
އުޟްޙިޔާ ކަތިލަން ނިޔަތް ގަނެގެން ހުންނަ މީހާގެ މައްޗަށް ސުންނަތްވެގެންވާ ކަންތައްތަކުގެ ތެރޭގައި ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުޟްޙިޔާ ކަތިލާ ދުވަހާ ހަމަޔަށް އެ މީހަކު ތިން ކަމަކުން ދުރުވެހުރުން ހިމެނެއެވެ. ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އެއީ ވާޖިބެކެވެ. އެ ކަންކަމަކީ، ނިޔަފަތި ކެނޑުމުން އެއްކިބާވުމާއި، އިސްތަށި އުފުރުމާއި ބޭލުމާއި ކޮށުމުން އެއްކިބާވެ ހުރުމާއި، ގައިން ހަން ނެއްޓުން ފަދަ ކަންކަމުން އެއްކިބާވެ ހުރުމެވެ.
މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވައިފައިވެއެވެ. "ތިޔަބައިމީހުން އުޟްޙިޔާ ކަތިލަން ހިތުނިޔަތް ގަނެގެން ތިބި ހިނދު، ޛުލްޙިއްޖާ މަހުގެ ހަނދު ފެނުމާއެކު ނިޔަފަތިކެނޑުމާއި، އިސްތަށި ކޮށުމާއި ބޭލުމުން، އުޟްޙިޔާ ކަތިލެވެންދެން ދުރުވެ ތިބޭހުށިކަމެވެ." އެހެން ރިވާޔަތެއްގައި ވެއެވެ. "އެ މީހެއްގެ އިސްތަށިގަނޑާއި ހަންގަނޑުގައި ނުޖެހޭށެވެ." އެބަހީ، ހަން ނުނައްޓާށެވެ. އަދި އިސްތަށިގަނޑު ނުކޮށާށެވެ. ނުވަތަ ނުބާލާށެވެ. (މުސްލިމް)
އެހެންކަމުން، އިސްވެ ދެންނެވުނު ރިވާޔަތްތަކުގެ ޢިބާރާތާއި ޞީޣާއަށް ބިނާކޮށް ބައެއް ޢިލްމުވެރީން ދެކިލައްވަނީ، އެ ކަންކަމުން އެއްކިބާވެ ތިބުމަކީ ވާޖިބެއް ކަމުގައެވެ. ކޮންމެ ގޮތެއް ވިޔަސް، އެންމެ ރައްކައުތެރި ގޮތަކީ އެއީއެވެ. އެހެންކަމުން، އުޟްޙިޔާ ކަތިލުމުގެ ނިޔަތް އޮތް މީހެއް ނަމަ، ޛުލްޙިއްޖާ މަހުގެ 1 ވަނަ ދުވަސް ޖެހުމުގެ ކުރީން މި ދެންނެވި ކަންކަން ކޮށް، އެ ދުވަސްތަކަށް ތައްޔާރުވެ ހުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
ދުޢާއަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ޞާލިޙު ހެޔޮ ޢަމަލުތައް ކުޅައުމުގެ ހެޔޮ ތައުފީޤު މާތްﷲ އަޅަމެންނަށް ލެދެވުމެވެ. އާމީން!