ހިޖްރީ ސަނަތުން 10 ވަނަ އަހަރު، ޛުލްޙިއްޖާ މަހުގެ އަށްވަނަ ދުވަހު ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ މިނާއަށް ވަޑައިގެންނެވިއެވެ. ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމުގެ ގޮތުންނެވެ. އެއަށް ފަހު، ޛުލްޙިއްޖާ މަހުގެ ނުވަވަނަ ދުވަހަށް އިރު އެރުމުން މިނާއިން ޢަރަފާތަށް ވަޑައިގަތުމަށް އެކަލޭގެފާނު ދަތުރުފުޅުކުރެއްވިއެވެ. އެއީ ޢަރަފާތް ދުވަހެވެ.
ޢަރާފާތް ބިމުގެ އިމާ ޖެހިގެން އޮންނަ ވާދީއެއްގައި އެކަލޭގެފާނަށްޓަކައި ޓެންޓުކޮޅެއް ޞަޙާބީން ޖެއްސެވިއެވެ. އެއީ މި ޒަމާނުގެ ގޮތުން ބުނާ ނަމަ، މަސްޖިދުއް ނަމިރާ ބިނާކުރެވިފައިވާ ތަނެވެ. އެ މިސްކިތް ބިނާ ކުރެވިފައިވަނީ އެކަލޭގެފާނުގެ ޓެންޓުކޮޅު ހުރި ތަނުގައެވެ. އަދި އެ ތަނެއްގައި އެކަލޭގެފާނު ޚުޠުބާ ވިދާޅުވި ތަނުގައެވެ. އާދެ، އެއީ ޙައްޖަތުލްވަދާޢުގެ ވަދާޢީ ޚުޠުބާއެވެ. އެ ޚުޠުބާގައި އެކަލޭގެފާނު އުންމަތަށް ވަރަށް މުހިންމު ކަންކަމަށް ވަޞިއްޔަތްޕުޅުކުރެއްވިއެވެ. ޙައްޖަތުލްވަދާޢުގެ ޚުޠުބާއަކީ އިސްލާމްދީނުގެ އެންމެހައި ކަމެއް ފުރިހަމަކުރައްވައި އުންމަތާ ވަކިވެވަޑައިގަތުމުގެ ޚަބަރު ދެއްވައި ކުރެއްވި ވަޞިއްޔަތުޕުޅުގެ ޚުޠުބާއެކެވެ.
މި ދަންނަވާ ތަނަށް ވަޑައިގެން މެންދުރު ނަމާދު ވަގުތު ވަނުމުން، އެ ތަނަށް ޖަމާވެފައިވާ މީސްތަކުންނާއިގެން އެކަލޭގެފާނު މެންދުރު ނަމާދާއި ޢަޞްރު ނަމާދު ކުރެއްވިއެވެ. ޤަޞްރުކޮށް ޖަމްޢުކޮށެވެ. ޚުޠުބާ ދެއްވީ އެއަށް ފަހުގައެވެ. ބައެއް ރިވާޔަތްތަކުގައިވާ ގޮތުން އެކަލޭގެފާނާ އެކު 130،000 މުސްލިމުން ޙައްޖަތުލްވަދާޢުގައި ބައިވެރިވެވަޑައިގަތެވެ.
ޙައްޖަތުލްވަދާޢުގެ ޚުޠުބާ:
ޞަޙީޙް މުސްލިމްގައި، މާތްﷲ ރުއްސުންލެއްވި ޖާބިރު ބުނު ޢަބްދުﷲގެފާނުގެ އަރިހުން މި ޚުޠުބާއާ ބެހޭ ގޮތުން ރިވާވެފައިވާ ރިވާޔަތެއްގައި ވެއެވެ.
فعن جابر بن عبد الله رضي الله عنه في حديثه عن خطبة النبي صلى الله عليه وسلم في عرفات أنه صلى الله عليه وسلم قال فيها: (إن دماءكم وأموالكم حرام عليكم كحرمة يومكم هذا، في شهركم هذا، في بلدكم هذا، ألا كل شيءٍ من أمر الجاهلية تحت قدمي موضوع (باطل)، ودماء الجاهلية موضوعة، وإن أول دمٍ أضع من دمائنا دم ابن ربيعة بن الحارث، كان مسترضعاً في بني سعد، فقتلته هذيل، وربا الجاهلية موضوع، وأول رباً أضع ربانا، ربا عباس بن عبد المطلب فإنه موضوع كله، فاتقوا اللَّه في النساء، فإنكم أخذتموهن بأمان (بعهد) اللَّه، واستحللتم فروجهن بكلمة اللَّه (الإيجاب والقبول)، ولكم عليهن أن لا يوطئن فُرُشَكم أحداً تكرهونه، فإن فعلن ذلك فاضربوهن ضرباً غير مبرِّح (لا شديد ولا شاق)، ولهن عليكم رزقهن وكسوتهن بالمعروف، وقد تركت فيكم ما لن تضلوا بعده إن اعتصمتم به: كتاب اللَّه, وأنتم تُسألون عني، فما أنتم قائلون؟ قالوا: نشهد أنك قد بلّغت، وأدَّيت, ونصحت، فقال بإصبعه السبَّابة يرفعها إلى السماء، وينكتها إلى الناس: اللَّهمّ اشهد، اللَّهمّ اشهد، ثلاث مرات) رواه مسلم.
މާނައީ: "ޢަރަފާތް ދުވަހު ސަލާމާއި ޞަލަވާތްލެއްވި ނަބިއްޔާ ދެއްވި ޚުޠުބާއާ ބެހޭ ގޮތުން މާތް ﷲ ރުއްސުންލެއްވި ޖާބިރު ބުނު ޢަބްދުﷲގެފާނުގެ ފަރާތްޕުޅުން ވާރިދުވެފައިވެއެވެ. ސަލާމާއި ޞަލަވާތްލެއްވި ނަބިއްޔާ (ޚުޠުބާގައި) ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން ތިޔަބައިމީހުންގެ ޖާނުތަކާއި މާލުތައް ތިޔަބައިމީހުންގެ މެދުގައި ވަނީ ޙަރާމްވެ ޙުރުމަތްތެރިވެގެންނެވެ. އެ ޙުރުމަތްތެރިވެގެންވަނީ ތިޔަބައިމީހުންގެ މި މާތް ރަށުގައި، މި މާތް މައްސަރުގައި އަންނަ މި މާތް ދުވަހުގެ ޙުރުމަތްތެރިކަން ފަދައިންނެވެ.
ދަންނައެވެ! ޖާހިލިއްޔަ ޒަމާނުގެ ކަންތައް ވަނީ ބާޠިލުކުރެވިގެންނެވެ. ޖާހިލިއްޔަ ޒަމާނުގެ އެންމެހައި މަރުގެދިޔަތައް ކެނޑިގެންވެއެވެ. އެންމެ ފުރަތަމަ ތިމަންކަލޭގެފާނު ފައްޓަވާހުށީ ޙާރިޘްގެ ދަރި ރަބީޢަތުގެ ދަރި ޢާމިރުގެ ދިޔައިންނެވެ. އަދި ޖާހިލިއްޔަ ޒަމާނުގެ އެންމެހައި ސޫދުތައް (ރިބާތައް) ކެނޑިގެންވެއެވެ. އެންމެ ފުރަތަމައަށް ތިމަންކަލޭގެފާނު ފައްޓަވާހުށީ ތިމަންކަލޭގެފާނުގެ ބޮޑުބޭބެފުޅުގެ ޢައްބާސްގެފާނުގެ ސޫދުންނެވެ. އަދި ތިޔަބައިމީހުން މާތް ﷲ އަށް ޓަކައި އަންހެނުންނާ މެދު ބިރުވެތިވެ ރައްކައުތެރިވާށެވެ. އެހެނީ، ތިޔަބައި މީހުން އެ ކަނބަލުންނާ ކައިވެނިކުރީ މާތްﷲގެ ޢަހްދުގެ މަތީގައެވެ. އަދި، ތިޔަބައިމީހުން އެކަނބަލުންގެ ފަރުޖުތައް ޙަލާލުކޮށްގަތީ މާތްﷲގެ ކަލިމައިންނެވެ. އެ ކަނބަލުންގެ މައްޗަށް ތިބާމެންނަށް އަދާކުރާން އޮތް ޙައްޤަކީ ތިބާމެން ނުރުހޭ ބަޔަކު އެ ކަނބަލުންގެ ގެއަށް ނުވެއްދުމެވެ. ފަހެ، އެއާ ޚިލާފަށް އެ ކަނބަލުން ކަންތައް ކޮށްފިއްޔާ، އެ ކަނބަލުންނަށް އެއްވެސް ވަރެއްގެ އަނިޔާއެއް ނުވާ ގޮތަށް އެ ކަނބަލުންގެ ގައިގައި ޖަހާށެވެ. އަދި އެ ކަނބަލުންނަށް ތިޔަބައިމީހުން އަދާކޮށްދޭން ޖެހޭ ޙައްޤަކީ އެ ކަނބަލުންނަށް ކާންދިނުމާއި އުނުފޭރާން ހެޔޮ ގޮތުގައި ދިނުމެވެ. އަދި ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ދޫކުރައްވައިފައި މި ވަޑައިގަންނަވަނީ އެ އެއްޗެއްގައި ތިޔަބައިމީހުން ހިފައިފިނަމަ، ދުވަހަކު ވެސް މަގުފުރެދިގެން ނުދާނޭ އެއްޗެކެވެ. އެއީﷲ ގެ ފޮތެވެ. ތިޔަބައިމީހުންނާއި ތިމަންކަލޭގެފާނާ ބެހޭ ގޮތުން ސުވާލުކުރެވޭނެއެވެ. އެ ހިނދު ތިޔަބައިމީހުން ބުނާނީ ކީކޭ ހެއްޔެވެ؟ ޞަޙާބީން ޖަވާބުދެއްވިއެވެ. އަހުރެމެން ހެކިވާނީ ހަމަކަށަވަރުން ކަލޭގެފާނު ދީން ފޯރުކޮށްދެއްވިކަމާއި، އެ ކަން އެންމެ އަމާނާތްތެރިކަމާ އެކު އަދާކުރައްވައިފިކަމާއި، އަދި އުންމަތަށް ނަސޭހަތްތެރިވެވަޑައިގެންނެވި ކަމަށެވެ. ދެން އެކަލޭގެފާނުގެ ޝަހާދަތް އިނގިލިފުޅު އުޑަށް އުފުލައިލެއްވުމަށް ފަހު ޙަދީޘްކުރެއްވިއެވެ. އޭ ހައްދަވައިބޮޑުކުރެއްވި ރަސްކަލާނގެއެވެ. ހެކިވެވޮޑިގަންނަވައިފާނދޭވެ. އޭ ހައްދަވައިބޮޑުކުރެއްވި ރަސްކަލާނގެއެވެ. ހެކިވެވޮޑިގަންނަވައިފާނދޭވެ. މި ގޮތަށް ތިން ފަހަރު ތަކުރާރުކުރެއްވިއެވެ." (މުސްލިމް)
އިސްވެ ދެންނެވުނީ ޚުޠުބަތުލްވަދާޢާ ބެހޭ ގޮތުން ވާރިދުވެފައިވާ އެއް ރިވާޔަތެއްގައިވާ ގޮތެވެ. މީގެ އިތުރުން ވެސް އެހެން ބައެއް ރިވާޔަތްތަކުގައި އިތުރު ވާހަކަތަކެއް ބަޔާންވެގެންވެއެވެ. އެހެން ނަމަވެސް ކުރުކޮށްލުމުގެ ގޮތުން އެއް ރިވާޔަތުން ފުއްދައިލަމެވެ.
ޙައްޖަތުލްވަދާޢުގެ ޚުޠުބާގެ މުހިންމު އުސްއަލިތައް:
ތިރީގައި މި ހިމަނައިލަނީ ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި އުންމަތަށް ދެއްވި އިރުޝާދުފުޅާއި ވަޞިއްޔަތްޕުޅުތަކުގެ ބައެއް އުސްއަލިތަކެވެ.
އެ ގޮތުން:
1- ޖާނާއި މާލާއި އަބުރު ޙުރުމަތްތެރިކުރެއްވުން:
ޙައްޖަތުލްވަދާޢުގައި ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ ވަރަށް ގިނަ ޙައްޤުތަކަކަށް ރައްކައުތެރިވުމަށް މުސްލިމުންނަށް ވަޞިއްޔަތްޕުޅުކުރެއްވިއެވެ. އެ ގޮތުން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ޙައްޤަކީ މުސްލިމުންގެ ލެޔާއި މުދަލާއި އަބުރަށް ރައްކައުތެރިވުމަށް ކުރެއްވި ވަޞިއްޔަތްޕުޅެވެ.
މުސްލިމެއްގެ ލެޔާއި މުދަލާއި އަބުރަކީ، މައްކާއާއި ކަޢުބާއާއި ޙައްޖު މަހަށް ވުރެ ވެސް ޙުރުމަތްތެރިވެގެންވާ އެއްޗެއްކަމުގައި މާތް ނަބިއްޔާ صلى الله عليه وسلم ވަނީ ޙައްޖަތުލް ވަދާޢުގެ ޚުޠުބާގައި ވިދާޅުވެދެއްވައިފައެވެ. މި ކަމުން އެނގިގެން ދަނީ، އިސްލާމްދީނުގައި މުސްލިމުން ޖަނާއި މާލާއި އަބުރަށް ރައްކައުތެރިވުމަށް އަމުރުކުރައްވައިފައިވާ މިންވަރެވެ. އެ ކަމުގެ ބޮޑުކަމެވެ. އެ ކަމުގެ އަހައްމިއްޔަތުކަމެވެ.
2- އަންހެނުންނަށް ރައްކައުތެރިވުމަށް ކުރެއްވި ވަޞިއްޔަތްޕުޅު:
އިސްލާމްދީން އައުމުގެ ކުރީން އަންހެނާއަކީ އެ މުޖުތަމަޢުތަކުގައި މާ ބޮޑު ޙައްޤުތަކެއް ދެވިފައިވާ ބައެއް ނޫނެވެ. އޭގެ ބަދަލުގައި އެތަކެއް ޙައްޤުތަކަކުން އެ ކަނބަލުން ވަނީ މަޙްރޫމުކުރެވިފައެވެ. އެ ކަނބަލުންނަކީ ދިރިތިއްބާ ވަޅުލެވޭ ބަޔަކަށް ވަނީ ވެފައެވެ. އެ ކަނބަލުންނަކީ ފަޤީރުކަމަށް ހުށަހެޅޭ ސަބަބެއް ކަމުގައި ދެކެވުނެވެ. އަދި އެއީ ޤަބީލާއަށް ދިމާވާނޭ މުޞީބާތެއްގެ ގޮތުގައި ދެކެވުނެވެ.
އެހެން ނަމަވެސް، އިސްލާމްދީން އައުމަށް ފަހު، އަންހެނުންނަށް އެބައިމީހުންނަށް ޙައްޤު މަޤާމު ހޯދައިދިނެވެ. އަދި އެކަނބަލުންނަށް ދެވެމުން ދިޔަ އެތަކެއް އަނިޔާތަކަކުން އެކަނބަލުން ރައްކައުތެރިކުރެއްވިއެވެ. އަދި އެ ކަނބަލުން އިތުރަށް ސަމާލުވުމަށް އަދި ރައްކައުތެރިވުމަށް އެ ކަނބަލުންގެ މަޙްރަމުންނަށް އަމުރުކުރެއްވުނެވެ. އެ ކަނބަލުންގެ އަބުރަކީ އެންމެ ވަރުގަދައަށް ރައްކައުތެރިކުރެވިފައިވާ، އެންމެ ވަރުގަދައަށް ޙުރުމަތްތެރިކުރެވިފައިވާ އެއްޗެއްގެ ގޮތުގައި ލެއްވުނެވެ.
ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި އެންމެ ފާހަގަކޮށްލެވޭ އެއް އުސްއައްޔަކީ އަންހެނުންނަށް އޯގާތެރިވުމާއި ހެޔޮކޮށް ހިތުމަށް މާތް ނަބިއްޔާ صلى الله عليه وسلم ކުރައްވައިފައިވާ ވަޞިއްޔަތްޕުޅެވެ. އެ ކަމުގައި ވީ އެންމެ މަތީ ދަރަޖައަކަށް މާތް ﷲ އަށް ބިރުވެތިވުމަށް އެކަލޭގެފާނު ފިރިހެނުންނަށް ދެއްވައިފައިވާ މަތިވެރި އިރުޝާދެވެ.
މި އިން އިތުރަށް އެނގި ކަށަވަރުވަނީ، އިސްލާމްދީނުގައި އަންހެނާއަށް ދެއްވައިފައިވާ މަތިވެރި މަޤާމެވެ. އެ ކަނބަލުންނާ މެދު އޯގާތެރިވުމަށް މާތް ﷲ އަމުރުކުރައްވައިފައިވާ މިންވަރެވެ. އެ ކަމުގައި ފިރިހެނުން މަސްއޫލުވެރިކުރެވިފައިވާ މިންވަރެވެ. އެ ކަމުގައި ފިރިހެނުންގެ ބޮލުގައި އެޅިފައިވާ ޒިންމާއާއި އަމާނާތުގެ ބަރުކަމެވެ.
3- ރިބާއިން ދުރުވުމަށް ކުރެއްވި ވަސިއްޔަތްޕުޅު:
ރިބާގެ މުޢާމަލާތްތަކަކީ އެއްވެސް ގޮތަކަށް އިސްލާމްދީނުގައި ހުއްދަކުރެވިގެންވާ މުޢާމަލާތްތަކެއް ނޫންކަން ޙައްޖަތުލްވަދާޢުގެ ޚުޠުބާއިން އެނގި ކަށަވަރުވެގެންދެއެވެ.
ޖާހިލިއްޔަ ޒަމާނުގައި ހިންގަމުން ދިޔަ ސޫދުތައް (ރިބާތައް) އެއީ ކަނޑައެޅިގެން ބާޠިލު އެއްޗެހިތަކެއް ކަމަށް އެކަލޭގެފާނު ކަނޑައެޅުއްވިއެވެ. އެންމެ ފުރަތަމަ ވެސް ފެއްޓެވީ އެކަލޭގެފާނުގެ ޢާއިލާގެ ރިބާއިންނެވެ. މާތްﷲ ރުއްސުންލެއްވި ޢައްބާސްގެފާނުގެ ރިބާއިންނެވެ. އެއީ އެކަލޭގެފާނުގެ ފައިންޕުޅު ދަށުގައިވާ ބާޠިލު އެއްޗެއްގެ ގޮތުގައި ކަނޑައަޅުއްވައި ޤަރާރުކުރެއްވިއެވެ. އަދި މުސްލިމުންނަށް ރިބާގެ މުޢާމަލާތްތަކާ ދުރުވުމަށް ވަޞިއްޔަތްޕުޅުކުރެއްވިއެވެ. މިއަދު އަޅުގަނޑުމެން އެކަމުން ދުރުވާން އެބަ ޖެހެއެވެ. އެއީ މާތް ﷲއާއި އެކަލާނގެ ރަސޫލާއާ ހަނގުރާމަ އިޢުލާނު ކުރުން ފަދަ ކަމެއް ކަމަށް ޤުރްއާނުގެ ނައްޞުން ސާބިތުވެއެވެ. އެހެންކަމުން، މިފަދަ ބޮޑު ނުރައްކައުތެރިކަމަކާ އަޅުގަނޑުމެން ކައިރިވެގެން ނުވާނެއެވެ. އެ ކަމާ ކައިރިވެގެން އަޅުގަނޑުމެންނަށް ލިބޭނޭ ނަޖާތެއް ފަލާޙެއް ނޯންނާނެއެވެ.
4- ޤުރްއާނާއި ސުންނަތުގައި ގަދަފަދަޔަށް ހިފުމަށް އިރުޝާދުދެއްވުން:
މަތީގައި ބަޔާންކުރެވުނު ރިވާޔަތުގައި ވަނީ ހަމައެކަނި ޤުރްއާނުގެ ވާހަކައެވެ. އެހެން ނަމަވެސް، އެހެން ރިވާޔަތްތަކުގައި ޤުރްއާނާއި ސުންނަތުގައި ގަދައަށް ހިފުމަށް ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި އެކަލޭގެފާނު އުންމަތަށް ވަޞިއްޔަތްޕުޅުކުރެއްވި ކަމަށް ފެންނާން އެބަ އޮތެވެ.
އެ ދޭތީގައި އަޅުގަނޑުމެން ހިފައިގެން ތިބިހާ ހިނދަކު އަޅުގަނޑުމެން މަގުފުރެދިގެން ނުދާނޭ ކަން ވެސް އެކަލޭގެފާނު ވަނީ ބަޔާންކުރައްވައިފައެވެ.
އިސްވެ މި ދެންނެވުނީ ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި އެކަލޭގެފާނު އުންމަތަށް ކުރެއްވި ބައެއް ވަޞިއްޔަތްޕުޅުގެ މުހިންމު ބައެއް ވާހަކަތަކެވެ. މި އިން ކޮންމެ ކަމަކަށް އެ ކަންކަމުގެ މުހިންމުކަމާއި އިސްލާމްދީނުގައި އެ ކަންކަމަށް ދެއްވައިފައިވާ އަހަންމިއްޔަތުކަމުގެ ވާހަކަ ވަރަށް ދިގުކޮށް ލިޔެވިދާނެއެވެ. އެހެން ނަމަވެސް، މި ލިޔުމުގައި މި ބަލައިލީ އެ ކަންކަމުގެ އުސްއަލިތަކަށެވެ.
އެކަލޭގެފާނުގެ ޚުޠުބާއަކީ އަޅުގަނޑުމެންނަށް ޓަކައި އެކަލޭގެފާނު ދޫކުރެއްވި، ވަރަށް މަތިވެރި ވަޞިއްޔަތްޕުޅެކެވެ. އޭގައި އަޅުގަނޑުމެންނަށް ހިފުނު އެންމެ މަތީ ދަރަޖައަށް ހިފުމަކީ އަޅުގަނޑުމެންގެ މައްޗަށްވާ ވާޖިބެކެވެ.
ނިންމާލުމުގެ ކުރީން، ޢަރަފާތްދުވަހުގައި ރޯދަ ހިފުމަށް ހުރިހާ ކިޔުންތެރީންނަށް ވެސް ވަޞިއްޔަތްކުރަމެވެ. އެހެނީ، އެއީ ފާއިތުވެދިޔަ އަހަރާއި ކުރިޔަށް އޮތް އަހަރުގެ ފާފަތައް މާތް ﷲ އެ ރޯދަ ހިފާ އަޅަކަށް ފުއްސަވައިދެއްވާނޭ ކަމެއްކަން ސާބިތުވެއެވެ.
ދުޢާއަކީ ހުރިހާ ހެޔޮކަމެއް އަޅަމެންނަށް މާތް ﷲ މިންވަރުކޮށްދެވުމެވެ. وآخر دعوانا أن الحمد لله رب العالمين.