ހައްޖުގެ އަޅުކަމަކީ އިސްލާމް ދީނުގެ ފަސްވަނަ ރުކުނެވެ. އެއީ މާތް ﷲގެ އެއްކައުވަންތަކަން ގަބޫލުކޮށްގެން ހުރި ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމަކު ވެސް މަދުވެގެން އުމުރުން އެއް ފަހަރުން އަދާކުރުން ވާޖިބު އަޅުކަމެކެވެ.

މިއަދަކީ މިއަހަރުގެ ބަރަކާތްތެރި ހައްޖު ދުވަހެވެ. ހާޖީން އަރަފާތު ބިމަށް އެއްވެ ދުއާ ކުރުމުގައި ދެމިތިބޭ ދުވަހެވެ. މި ދުވަސް ފާހަގަ ކުރަމުން ދާއިރު ހައްޖުގެ އަޅުކަމުގެ މުހިއްމު ނުކުތާތަކަށް ބަލާލާނަމެވެ.

އިހުރާމް ބަނުން

އިހުރާމް ބަނުމަކީ ހައްޖުގެ އެންމެ ފުރަތަމަ ރުކުނެވެ. ދުނިޔަވީ ހުރިހާ އެދުމަކުން ދުރުވެ ހައްޖުގެ އަޅުކަމަށް ނިޔަތް ގަތުމާއެކު މީގާތުން ފިރިހެނުން ދެ ފޮށާއިން އިހުރާމް ބަންނަން ޖެހެ އެވެ. އަންހެނުން ވަކި ކަހަލަ ހެދުމެއް ލާކަށް މަޖުބޫރެއް ނޫނެވެ. އިހުރާމް ބަނުމާއެކު ހަރާމްވާ ކަންކަމުން ދުރުވެ ތިބުމަށް ސަމާލުވާން ޖެހޭނެ އެވެ.

ތަވާފުލް ގުދޫމް

ތަވާފުލް ގުދޫމްއަކީ ހާޖީން މައްކާއަށް އައުމަށްފަހު ކުރާ އެންމެ ފުރަތަމަ ތަވާފެވެ. ސުންނަތްކަން ގަދަވެގެންވާ މި ތަވާފް މައްކާއަށް އެތެރެވުމަށްފަހު ވީހާވެސް އަވަހަކަށް ކުރުން މޮޅު އިތުރުވެގެންވެ އެވެ.

ސައުޔު ކުރުން

ތުއްޕުޅު އިސްމާއީލްގެފާނަށް ފެންފޮދެއް ހޯއްދެވުމަށް އެކަލޭގެފާނުގެ މަންމާފުޅު ހާޖަރުގެފާނު ކުރެއްވި މަސައްކަތްޕުޅުގެ ޒިކުރާ އާކުރަމުން ސަފާ އަދި މަރުވާ ފަރުބަދައިގެ ދެމެދުގައި ސައުޔު ކުރުމަކީ ހައްޖުގެ ރުކުނެކެވެ.

ހައްޖުގެ އަޅުކަން އަދާ ކުރާނެ ގޮތް

މިނާގައި ރޭކުރުން

ހައްޖު މަހުގެ 8 ވަނަ ދުވަހުގެ ރޭ މިނާގައި ރޭ ކުރުމަކީ ހައްޖުގެ ވާޖިބެެކެވެ. މިނާގައި ހޭދަކުރާ ވަގުތުތަކުގައި ގިނަގިނައިން ރޭއަޅުކަން ކުރުމާއި ދުއާ ކުރުން މަތީ ދެމިހުރުން ސުންނަން ވެގެންވެ އެވެ.

އަރަފާތު ބިމުގައި މަޑުކުރުން

ހައްޖު މަހުގެ ނުވަވަނަ ދުވަހު އަރަފާތު ބިމުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މުހިއްމު ރުކުނެވެ. ހައްޖު ދުވަހު އަރަފާތު ބިމަށް ނުދެވިއްޖެ މީހަކަށް އެ އަހަރުގެ ހައްޖު ގެއްލޭނެ އެވެ. އަރަފާތު ބިމުގައި ވެސް ދުއާ ކުރުމާއި ޒިކުރު ކުރުން ގިނަކުރަން ޖެހެ އެވެ.

މުޒްދަލިފާގައި ރޭކުރުން

ހައްޖު ދުވަހުގެ ރޭ މުޒްދަލިފާގައި ރޭކުރުމަކީ ހައްޖުގެ އިތުރު ވާޖިބެކެވެ. އެރޭ ވެސް ރޭއަޅުކަމާއި ޒިކުރު ކުރުމުގައި ވަގުތު ހޭދަކުރުން އެދެވިގެންވެ އެވެ. މުޒްދަލިފާގައި ރޭކުރާއިރު ޖަމްރާތަކަށް އުކަން ހިލަ ހޮވަން ޖެހޭނެ އެވެ. އެއީ ޖުމްލަ 49 ހިލަކޮޅެވެ.

ބޮޑު ޖަމްރާއަށް ހިލަ އުކުން

އީދު ދުވަހު އޮތް ހާޖީންނަށް އެންމެ ފުރަތަމަ ކަމަކީ ބޮޑު ޖަމްރާއަށް ހިލަ އުކުމެވެ. މިއީ އިބްރާހީމުގެފާނު ޝައިތާނާ ދުރަށް ފެއްސެވުމަށް ހިލަ އުއްކެވި އުއްކެވުމުގެ ޒިކުރާއެއްގެ ގޮތުން ކަނޑައެޅިފައިވާ ރުކުނެކެވެ. މި ޖަމްރާއަށް އުކާނީ ހަތް ހިލަކޮޅެވެ.

އުޟްހިޔާ ކަތިލުން

ސިއްހަތު ރަނގަޅު ބަކަރިއެއް ނުވަތަ ކަންބަޅިއެއް އުޟްހިޔާގެ ގޮތުގައި ކަތިލުމަކީ ހާޖީންނަށް ވާޖިބެކެވެ. ހައްޖުގައި ބައިވެރިނުވާ މުސްލިމުނަްނަށް ގަދަވެގެންވާ ސުންނަތެކެވެ.

އިސްތަށި ކޮށުން ނުވަތަ ބޯ ބޭލުން

އުޟްހިޔާ ކަތިލުމަށްފަހު ފިރިހެނުން ބޯ ބޭލުން ސުންނަތްވެގެންވެ އެވެ. އަންހެނުންނަށް އޮތީ އިސްތަށިގަނޑުން ކުޑަ މިންވަރެއް ކޮށާލުމެވެ. މިއަށްފަހު އިހުރާމު ދޫކޮށް އާދައިގެ ހެދުމަށް ބަދަލު ކުރެވިދާނެ އެވެ. އެހެން ނަމަވެސް ކައިވެނީގެ ގުޅުންތައް ހިންގުން އަދިވެސް ހަރާމްވާނެ އެވެ.

ތަވާފުލް އިފާޟާ

މައްކާއަށް އެނބުރި ގޮސް ޖެހިގެން އަންނަ ދުވަހު ތަވާފުލް އިފާޟާ ކުރުމަކީ ވެސް ހައްޖުގެ އެއް ރުކުނެވެ. އެއަށްފަހު އަނެއްކާވެސް ސަފާއާއި މަރުވާއާއި ދެމެދު ސައުޔު ކުރަން ޖެހޭނެ އެވެ.

ޖަމްރާތަކަށް ހިލަ އުކުން

އައްޔާމުއް ތަޝްރީގުގެ ދެ ދުވަސް ކަމަށްވާ ޛުލްހިއްޖާ މަހުގެ 11 އަދި 12 ދެ ދުވަހު ވެސް ޖަމްރާތަކަށް ހިލައުކަން ޖެހޭނެ އެވެ. ކޮންމެ ޖަމްރާއަކަށް ހަތް ހިލަކޮޅުގެ މަގުން ދެ ދުވަހު ވެސް ތިން ޖަމްރާއަށް ހިލަ އުކުމަކީ ރުކުނެކެވެ.

ތަފާފުލް ވަދާއު

ތަވާފުލް ވަދާއުއަކީ ހައްޖުގެ ހުރިހާ ރުކުނެއް ފުރިހަމަ ކުރުމަށްފަހު ކުރެވޭ އެންމެ ފަހުގެ ތަވާފެވެ. މި ތަވާފު ކުރުމުގެ އެންމެ ރަނގަޅު ވަގުތަކީ ޖަމްރާތަކަށް ހިލަ އުކުމަށްފަހު ހައްޖު މަހުގެ 12 ވަނަ ދުވަހު އެވެ.