ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަކީ ހަމަ ކޮންމެ މުސްލިމަކު ވެސް ދެކޭނެ ހުވަފެނެކެވެ. އެކި މީހުން އެ ހުވަފެން ހަގީގަތަކަށް ހަދަނީ އެކި ގޮތަށެވެ.

މިފަހަރު މިއޮތީ 12،000 ކިލޯމީޓަރުގެ ދަތުރެއް ކުރުމަށްފަހު ހައްޖުގެ އަޅުކަން އަދާކުރުމުގެ ހުވަފެން ހަގީގަތަކަށް ހެދި ދެމަފިރިއެއްގެ ވާހަކަ އެވެ.

މެލޭޝިއާއަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ އަހްމަދު މުހައްމަދު އީސާއާއި އޭނާގެ އަންހެނުންގެ އިތުރުން އިތުރު ރަހުމަތްތެރިޔަކު ހައްޖުގެ އަޅުކަމަށް ދަތުރުކުރީ އެއްގަމު މަގުން ސައިކަލުގަ އެވެ.

މެލޭޝިއާއިން ތައިލެންޑަށް ސައިކަލުގައި ދިއުމަށްފަހު އިންޑިއާއަށް އެމީހުން ދިޔައީ މަތިންދާ ބޯޓެއްގަ އެވެ. އެއަށްފަހު ޕާކިސްތާނާއި އީރާނަށް އެއްގަމު މަގުން ސައިކަލުގައި ގޮސް އެންމެ ފަހުން ސައޫދީ އަރަބިއާއަށް ދިޔައީ ފެރީއެއްގަ އެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި އަހުމަދު ބުނި ގޮތުގައި މި ދަތުރަކީ އެ ދެމަފިރިންނަށް ރޫހާނީ ތަޖުރިބާއެއް ކުރެވުނު ދީނީ އަގީދާ ވެސް ވަރުގަދަވި ދަތުރެކެވެ.

މިއީ އެ ދެމަފިރިން އެއްގަމު މަގުން މައްކާއަށް ދިޔަ ފުރަތަމަ ދަތުރެއް ނޫނެވެ. 2016 ވަނަ އަހަރު ކައިވެންޏަށް ފަހު ވެސް މިފަދަ ދަތުރެއް އެމީހުން ކުރި އެވެ.

އެހެން ނަމަވެސް އެ ދަތުރަކީ ހަނީމޫނެއްގެ ގޮތުގައި ތަފާތު 14 ގައުމަކަށް ދިޔަ ދަތުރެއް ކަމަށާއި މިފަހަރުގެ ދަތުރަކީ ހައްޖަށް ނިޔަތް ގަނެގެން ކުރި ދަތުރެއް ކަމަށް އަހްމަދު ބުންޏެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން ފެށިގެން ކުރިއަށްދާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.5 މިލިއަނަށްވުރެ ގިނަ މީހުން އެ އަޅުކަމުގައި ބައިވެރިވެ އެވެ.