ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ސިކަންދަރު"އަށް ޓޮމް ކުރޫޒްގެ ފިލްމު ފްރެންޗައިޒު "މިޝަން އިމްޕޮސިބަލް"ގެ ޓީމަކާއެކު މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

އެގޮތުން ސިކަންދަރުގެ އެކްޝަން ސިކުއެންސްތަކަށް މިޝަން އިމްޕޮސިބަލްގެ އެކްޝަން ޑިރެކްޓަރުން ލަފާދޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ހަބަރުތައް ރަސްމީކޮށް އެއްވެސް ފަރާތަކުން ޔަގީން ކޮށްދީފައި ނުވި ނަމަވެސް އަންނަ ހަފްތާގެ ތެރޭގައި ފިލްމުގެ އަމަލީ މަސައްކަތް ފަށާނެ އެވެ.

މިޝަން އިމްޕޮސިބަލްގެ ފިލްމުތަކަކީ ދުނިޔޭގައިވެސް އެންމެ ފާހަގަކޮށްލެވޭ އެކްޝަން ފިލްމުތަކުގެ ތެރެއިން ފިލްމުތަކެކެވެ. އެ ފިލްމުތަކަށް އާއްމުންގެ ތަރުހީބު އަބަދުވެސް ލިބެ އެވެ.

އޭއާރް މުކުދާސް ޑައިރެކްޓްކުރާ "ސިކަންދަރު" ސަލްމާންގެ އިތުރުން ދެން ފެނިގެންދާނީ "ޕުޝްޕާ: ދަ ރައިޒް"ގެ ތަރި ރަޝްމިކާ މަންދަނާ އެވެ.

ސަލްމާން ރަސްމީކޮށް "ސިކަންދަރު" އިއުލާން ކޮށްފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 11 ވަނަ ދުވަހު ފާހަގަކުރި ފިތުރު އީދުގެ މުނާސަބަތުގަ އެވެ.