ހައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން އަންނަ އަޟްހާ އީދަކީ އެންމެހާ މުސްލިމުންނަށް އަހަރުގެ ތެރޭގައި އަންނަ އެންމެ ކުލަގަދަ މުނާސަބަތެވެ.
މިއަދަކީ މިއަހަރުގެ އަޟްހާ އީދަށްވުމާއެކު އެންމެ ފުރަތަމަ ވެސް ރާއްޖޭގެ އެންމެހާ އަޚުންނާއި އުޚުތުންނަށް މި އީދު ދުވަހުގެ ތަހުނިޔާ އަރިސް ކުރަމެވެ.
މިއަހަރުގެ އީދުގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަ އެތައް ހަރަކާތެއް ވަނީ ރޭވިފަ އެވެ. ފަރުދީ ފެންވަރުގަ އާއި އިޖުތިމާއީ ފެންވަރުގަ އެވެ. ރަށު ފެންވަރުގައާއި ގައުމީ ފެންވަރުގަ އެވެ.
އީދު ވެދުމާ ދިއުމާއި ކުލަ ޖެހުމުގެ އިތުރުން ބޮޑު މަސް ބޭނުމާއި މިއުޒިކްގެ ހަރަކާތްތަކަކީ ކުރިއަށް އޮތް ތިން ދުވަހު މުޅި ރާއްޖެއިން ފެންނާނެ މަންޒަރުތަކެވެ.
އީދު ދުވަހަކީ މުޖުތަމައުގެ އެއްބައިވަންތަކަން ދިރުވަންވީ ދުވަހެކެވެ. ދޭދޭ ފަރުދުންގެ މެދުގައި އެކުވެރިކަމާއި އަޚުވަންތަކަން އާލާ ކުރަންވީ ދުވަހެވެ.
އެހެން ކަމުން އަޟްހާ އީދުގެ ހަރަކާތްތައް ރާވާ ކުރިއަށް ގެންދާއިރު މުޖުތަމައުގެ އެއްބައިވަންތަކަމާއި އަމަން އަމާންކަން ކުރިއަށް ނެރެން ޖެހޭނެ އެވެ.
އީދުގެ މުނާސަބަތުގައި ރުޅިވެރިކަމާއި ނަފްރަތު އެއްފަރާތްކަން އެއްބައެއްގެ ގޮތުގައި ކުރިއަށް ދިއުމަކީ އެންމެ މޮޅު ގޮތެވެ. އީދުގެ ހަގީގީ މަގްސަދު ހާސިލްވާނީ އޭރުންނެވެ.
މިއަހަރުގެ އަޟްހާ އީދު އަހަރުމެން ފާހަގަ ކުރަމުންދާއިރު ހަނދާން ބަހައްޓަންވީ އިތުރު ކަމެއްވެ އެވެ. އަހަރުމެންގެ މުސްލިމް އަޚުންނާއި އުޚުތުން ފަލަސްތީނުގައި ދިރިއުޅެމުން އަންނަ ދަތި ހާލެވެ.
އެ މީހުންނަށް ހުކުރެއް އީދެއް ތަފާތެއް ނުވެ އެވެ. ޖައްބާރު އިޒްރޭލުގެ ލާއިންސާނީ އަނިޔާތަކުން ކޮންމެ ދުވަހަކު ވެސް އެތައް ބައެއް ދަނީ މި ދުނިޔެއާ ވަކިވަމުންނެވެ.
އެހެން ކަމުން މި އީދުގައި އެ މުސްލިމް އަޚުންނާއި އުޚުތުންގެ މަތިން ހަނދާން ކޮށް އަހަރުމެންގެ ދުއާތަކުގައި އެމީހުން ބައިވެރި ކުރުމަކީ މިއަދު އެމީހުންނަށް ދެވޭ އެންމެ އަގުބޮޑު އީދު ހަދިޔާ އެވެ.
އަދިވެސް އެއްފަހަރު އެންމެހާ ދިވެހީންނަށް އީދުގެ ހެޔޮ ދުއާއާއި ވެދުމުން ސަލާމް ކުރަމެވެ. ހުރިހާ އެންމެންނަށް އީދު މުބާރިކް!