ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ޝަރުތު ހަމަވާ ސިޔާސީ ހަ ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފައިސާ ދޫކޮށްފި އެވެ.

އެ ކޮމިޝަނުން ބުނީ މިއަހަރަށް ލަފާކޮށް މިދިޔަ އަހަރު ދައުލަތުގެ ބަޖެޓު ފާސްކުރިއިރު، ފައިސާ ދިނުމަށް ޝަރުތު ހަމަވަނީ ސިޔާސީ ހަ ޕާޓީއެއް ކަމަށެވެ. އެއީ ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަވާ ޕާޓީއެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އަދި މިހާރު އެ ހުރިހާ ޕާޓީއަކަށް ވެސް ފައިސާ ދޫކޮށް ނިމިފައިވާ އެ ކޮމިޝަނުން ބުނެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނީ، ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާ ދުވަހާ ހަމަޔަށް އެ ޕާޓީއެއްގެ މެންބަރުންގެ ދަފްތަރުގައި 10،000 މީހުން ހަމަވާ ޕާޓީތަކަށެވެ. އަދި ސިޔާސީ ޕާޓީތަކަށް ދޫކުރާނީ އެ އަހަރަކަށް ފާސްކުރާ ބަޖެޓުގެ 0.01 އިންސައްތައަށް ވާ ފައިސާ ކަމަށް ވެސް އެ ގާނޫނުގައި ބަޔާންކުރެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި ހިނގަމުންދާ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ފާސްކުރިއިރު، ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަވަނީ އެމްޑީޕީ، ޕީޕީއެމް، ޖޭޕީ، ޕީއެންސީ، އެމްޑީއޭ އަދި އަދާލަތު ޕާޓީގައި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ފައިސާ ދޫކޮށްފައި ވަނީ ޕީޕީއެމްއާއި ޖޭޕީއާއި އޭޕީއާއި އެމްޑީއޭއަށެވެ. މި ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވައި ފައިސާ ދޫކޮށްފައިވާ ކަން އިޢުލާނުކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 9 ވަނަ ދުވަހު އެވެ. ހަމަ އެދުވަހު އެމްޑީޕީއަށް ފައިސާ ދޫކުރުމަށް ވެސް ފޮނުވި އެވެ. ނަމަވެސް ޕީއެންސީގެ އެކައުންޓް ހަމަނުޖެހޭތީ ޕީއެންސީއަށް ފައިސާ ދޫކުރަން ފިނޭންސްއަށް ފޮނުވީ އޭޕްރީލް 9 ގެ ފަހުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ޕީއެންސީއަށާއި އެމްޑީޕީއަށް ވެސް މިހާރު ފައިސާ ދޫކޮށްފައިވާ ކަމަށެވެ.

މި ފަހަރު ފައިސާ ދޫކުރާ ޕާޓީތަކާއި އަދަދު:

  • މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ): 15.1 މިލިއަން ރުފިޔާ
  • ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް): 10.4 މިލިއަން ރުފިޔާ
  • ޖުމްހޫރީ ޕާޓީ (ޖޭޕީ): 5.3 މިލިއަން ރުފިޔާ
  • މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް(އެމްޑީއޭ): 2.4 މިލިއަން ރުފިޔާ
  • ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ): 8.0 މިލިއަން ރުފިޔާ
  • އަދާލަތު ޕާޓީ: 2.5 މިލިއަން ރުފިޔާ

އިލެކްޝަންސް ކޮމިޝަނުން ބުނީ މި ޕާޓީތަކަށް ފައިސާ ކަނޑައަޅާފައި ވަނީ ބޮލަކަށް 289.62 ރުފިޔާގެ މަގުން ކަމަށެވެ. އެއީ ޖުމްލަ 152،266 މެންބަރުންނެވެ. އެގޮތުން މިއަހަރުގެ ބަޖެޓުން ސިޔާސީ 6 ޕާޓީއަށް 44.09 މިލިއަން ރުފިޔާ ދޫކުރުމަށް އެ ކޮމިޝަނުން ނިންމާފައިވެ އެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވެ އެވެ.