އިންޑިއާގެ ފިލްމީ ދާއިރާ ބޮލީވުޑްއަކީ ދުނިޔޭގެ ފެންވަރުގައި މަގުބޫލު ޝަހްސިއްޔަތުން ގިނަ ދާއިރާ އެކެވެ.
ބޮލީވުޑްގައި މަސައްކަތްކުރާ ހަމަ ކޮންމެ ތަރިއަކީ ވެސް މިލްކިއްޔާތުގައި އަގުބޮޑު އެތައް މުދަލެއް ވާ ތަރިންނެވެ. އެގޮތުން މި ބަލާލަނީ ބޮލީވުޑްގެ އެންމެ މުއްސަނދި އަންހެން ތަރިންނަށެވެ.
އައިޝްވާރްޔާ ރާއީ
ނަވާރަ ސަތޭކަ ނުވަދިހަ ހަތްވަނަ އަހަރުގެ މިސް ވޯލްޑް އައިޝްވާރްޔާއަކީ ބޮލީވުޑްގައި މިވަގުތު ހަރަކާތްތެރިވާ އެންމެ އަގުބޮޑު އެއް ތަރި އެވެ. އޭނާގެ މިލްކިއްޔާތުގައި ގާތްގަނޑަކަށް 800 ކްރޯޑް އިންޑިއާ ރުޕީސް ހުރެ އެވެ. ފިލްމަކަށް 10-12 ކްރޯޑްގެ އަގެއް ނަގާ އައިޝްވާރްޔާ އަށް އާމްދަނީ ލިބޭ އެހެން ގޮތްތަކުގެ ތެރޭގައި ބްރޭންޑް އެންޑޯޒްމަންޓްތަކާއި ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ހިމެނެ އެވެ.
ޕްރިޔަންކާ ޗޯޕްރާ
މި ލިސްޓުގައި ހިމެނޭ އެހެން މިސް ވޯލްޑެއް ކަމަށްވާ ޕްރިޔަންކާއަށް އާމްދަނީ ލިބެނީ އޭނާގެ އަމިއްލަ ވިޔަފާރި އާއި އަމިއްލަ ޕްރޮޑަކްޝަން ހައުސްގެ އިތުރުން ބްރޭންޑް އެންޑޯޒްމަންޓްތަކުންނާއި ބޮލީވުޑް އަދި ހޮލީވުޑްގެ ފިލްމުތަކުންނެވެ. އޭނާގެ ޖުމްލަ މިލްކިއްޔާތަކީ ގާތްގަނޑަކަށް 600 ކްރޯޑް އިންޑިއާ ރުޕީސް އެވެ.
އާލިއާ ބަޓް
ބޮލީވުޑްގެ އެންމެ މުއްސަނދި އަންހެން ތަރިންގެ ލިސްޓުގައި ހިމެނޭ އެންމެ ޒުވާން ތަރި އާލިއާ ބަޓްއަކީ ވެސް އެކި ގޮތްގޮތުން އާމްދަނީ ލިބޭ ތަރި އެކެވެ. އެގޮތުން އޭނާގެ އަމިއްލަ ބްރޭންޑް ކަމަށްވާ އެޑް އަ މަމާ އާއި އެނޫން ވެސް ބްރޭންޑްތަކުގެ އެމްބެސަޑަރުކަން ކޮށްގެން އޭނާގެ މިލްކިއްޔާތަށް 550 ކްރޯޑް ރުޕީސް އެއްވެފައިވެ އެވެ.
ދީޕިކާ ޕަދުކޯން
އަލަތު ދަރިފުޅަށް ބަލިވެ އިން ދީޕިކާ އުޅެނީ ލިސްޓުގެ ހަތަރުވަނައިގަ އެވެ. ކާމިޔާބު ފިލްމުތަކުގެ އިތުރުން ނަން މަޝްހޫރު ބުރޭންޑްތަކުގެ އެންޑޯޒުމަންޓުތަކާއި އަމިއްލަ ވިޔަފާރިއަކީ ވެސް އޭނާއަށް އާމްދަނީ ލިބޭ ގޮތްގޮތެވެ. އޭނާގެ މިލްކިއްޔާތުގައި 500 ކްރޯޑު އިންޑިއާ ރުޕީސް ހުންނާނެ ކަމަށް ލަފާކުރެވެ އެވެ.
ކަރީނާ ކަޕޫރު ޚާން
ޖުމްލަ 15 އަށްވުރެ ގިނަ ބްރޭންޑްތަކުގެ އެމްބެސެޑަރުކަން ކުރާ ކަރީނާ ކޮންމެ ފިލްމަކަށް 10 ކުރޯޑު ރުޕީސްގެ އަގެއް ނަގާއިރު ކޮންމެ އެންޑޯޒްމަންޓަކަށް ހަ ކްރޯޑް ރުޕީސް ނަގަ އެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޭނާގެ މިލްކިއްޔާތުގައި 485 ކްރޯޑު ރުޕީސް ހުންނާނެ އެވެ.