ސަރުކާރުގެ އެކިއެކި މިނިސްޓްރީތަކުގައި މަސައްކަތް ކުރައްވާ ސިޔާސީ މަގާމުތަކުގެ ބޭފުޅުންގެ އަދަދު މަދު ކުރަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި މި ސަރުކާރުގައި މިނިސްޓްރީތަކުގެ ތެރެއިން ހުރިހާ މިނިސްޓްރީއެއްގައި މަސައްކަތް ކުރައްވާ ސިޔާސީ މުވައްޒަފުން މަދު ކުރަން ވަނީ ފަށައިފަ އެވެ. އެގޮތުން 22 މިނިސްޓްރީގެ އެކިއެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކި ކުރަނީ ރައީސް އޮފީހަށް ފޮނުވާ ލިސްޓަކަށް ބިނާކޮށެވެ. މިނިސްޓްރީތަކުން އެ ލިސްޓް ފޮނުވަން އަންގާފައިވާ އިރު، ބައެއް މިނިސްޓްރީތަކުން ވަނީ ލިސްޓު ފޮނުވައިފަ އެވެ.

މިނިސްޓްރީން ފޮނުވާ ލިސްޓުގައި ހިމެނެނީ އެކަށީގެންވާ މަސައްކަތެއް ނުކުރައްވާ ބޭފުޅުންނާއި ޕާފޯމަންސް ވަރަށް ބޮޑަށް ދަށް އަދި ހާޒިރީ ވެސް ވަރަށް ބޮޑަށް ދަށް ބޭފުޅުންނެވެ.

އޭގެ އިތުރުން އަހުލާގީ ފެންވަރު ދަށް ކަމަށް ފާހަގަވާ ބޭފުޅުން ވެސް ލިސްޓުގައި ހިމަނާފައިވެ އެވެ.

ރައީސް އޮފީހަށް ލިސްޓު ފޮނުވުމުން، އެ ބޭފުޅުންނާ މެދުގައި ގޮތް ނިންމަނީ އެ އޮފީހުންނެވެ. އަދި ބައެއް ބޭފުޅުން މަގާމުން ވަކި ކުރާ އިރު، އެހެން ބޭފުޅުން ބަދަލު ކުރަނީ ސަރުކާރުގެ ކުންފުނިތަކުގެ މަގާމުތަކަށެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރު ނުވާނެ ކަމަށެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ނަމަ، މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 300 އަށް ވުރެ މައްޗަށް އަރަ އެވެ. ސިޔާސީ މަގާމުތަކަށް އައްޔަން ކޮށްފައިވާ މީހުންގެ ޖުމުލަ އަދަދު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅުމުން ސަރުކާރުން އެ މައުލޫމާތު ހާމައެއް ނުކުރެ އެވެ.