ގިނަ ބައެއްގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ބިރުވެރި ފިލްމު ފްރެންޗައިޒް "ކުއައިޓް ޕްލޭސް"ގެ ތިންވަނަ ފިލްމު "އަ ކުއައިޓް ޕްލޭސް: ޑޭ ވަން" ސިނަމާތަކުގައި މިއަދު ރިލީޒް ކޮށްފި އެވެ.

މީގެ ކުރިން ނެރެފައިވާ ދެ ފިލްމުގެ ޕްރީކުއަލްއެއްގެ ގޮތުގައި އުފައްދާފައިވާ މި ފިލްމުން ފެނިގެންދާނީ ކުރީގެ ފިލްމުތަކުން ފެނުނު ހާދިސާތަކުގެ ކުރިން ކަން ހިނގާދިޔަ ގޮތެވެ.

"އަ ކުއައިޓް ޕްލޭސް: ޑޭ ވަން"ގައި ވެސް ބިރުން "ފިތްކަނޑައިގެން" ދާވަރުގެ މަންޒަރުތައް ހުންނާނެ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު މައިކަލް ސަރްނޯސްކީ ބުނެފައިވެ އެވެ.

މި ފިލްމަށް ފާޑުކިޔުންތެރިންގެ ރިވިއުސްތައް މިހާރު ލިބެން ފަށާފައިވާއިރު ގިނަ ފާޑުކިޔުންތެރިންގެ ފަރާތުން ފިލްމަށް އަންނަނީ ތައުރީފް ލިބެމުންނެވެ.

އެގޮތުން "ކުއައިޓް ޕްލޭސް" ފްރެންޗައިޒްގެ ދަށުން ނެރެފައިވާ ތިން ފިލްމުގެ ތެރެއިން މި ފިލްމަކީ އެންމެ ފެންވަރު ރަނގަޅު ފިލްމު ކަމަށް އެ ފަރާތްތަކުން ފާހަގަ ކުރެ އެވެ.

"އަ ކުއައިޓް ޕްލޭސް: ޑޭ ވަން" މިހާރު ޝްވެކް ސިނަމާގައި އަޅުވަން ތާވަލު ކޮށްފައިވާއިރު މިއީ ބިރުވެރި ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް ކަމުދާނެ ފިލްމަކަށްވާނެ އެވެ.