މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަކީ ތައިލެންޑުގެ ސުޓާޕާ އަމޯންވިވަތު ކިޔާ މީހެކެވެ.
އޭނާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރުސީގެ އެމްޑީ އިބްރާހިމް ޝިއުރީ ބައިވެރިވި އެވެ. އަދި މި ހަފްލާގައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ސަން ސިޔާމް ރިސޯޓްސްގެ ފަރާތުން ވަނީ ސިޔާމް ވޯލްޑް ރިސޯޓުގައި ފަސް ދުވަހުގެ ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ދީފަ އެވެ.
ތައިލޭންޑުގެ ސުޓާޕާ އަމޯންވިވަތު ރާއްޖެ އައިސްފައިވަނީ އެއާ އޭޝިޔާގެ ފްލައިޓަކުންނެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. މިއީ އޭނާ ރާއްޖެއަށް އައި ތިން ވަނަ ފަހަރެވެ.
ރާއްޖެއަށް މި އަހަރު އެންމެ ގިނަ ޓޫރިސްޓުން އައީ ޗައިނާ އިންނެވެ. އެ ގައުމުން ވަނީ 115،000 ޓޫރިސްޓުން އައިސްފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާ އިންނެވެ. އެ ގައުމުން އައީ 100،000 ޓޫރިސްޓުންނެވެ. ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމަކީ އިނގިރޭސިވިލާތެވެ. އެ ގައުމުން 90،000 ޓޫރިސްޓުން އަ އެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ދެ މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމެވެ.