މުޙައްމަދު ޢާރިފް (ބަކާ) ނިޔާވި ޚަބަރަކީ އަޅުގަނޑުމެން އެންމެންނަށް ވެސް ކުއްލި ސިހުމެއް ލިބުނު ކަމެކެވެ. ގަބޫލުކުރާން އުނދަގޫވި ޚަބަރެކެވެ. އެހެން ނަމަވެސް، ޙަޤީޤަތަކީ އެއީއެވެ. ޒުވާން އުމުރުގައި މުޙައްމަދު ޢާރިފް އަޅުގަނޑުމެންނާ ވަކިވެވަޑައިގެންނެވީއެވެ. މި ފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ވިދާޅުވީއެވެ.
ޢާރިފް އަޅުގަނޑުމެންނާ ވަކިވެވަޑައިގެންނެވީ ހެޔޮ ނިމުމެއްގައިކަން ދެންނެވުމުގެ ދުނިޔެވީ ހުރިހާ ހެކިތަކެއް ފެންނާން އެބަ ހުއްޓެވެ. ޙައްޖުގެ މާތް އަޅުކަން އަދާކުރެއްވުމަށް ފަހު، އަލާސްކަންފުޅާ އުޅުއްވުމަށް ފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ދުނިޔެއަށް އަލްވަދާޢު ވިދާޅުއެވެ.
މުޙައްމަދު ޢާރިފް (ބަކާ) އަކީ އަޅުގަނޑުގެ ވެސް ޅަފުރައިގެ ރައްޓެއްސެކެވެ. އަޅުގަނޑުމެން ބައްދަލުވެފައި ވަނީ އައްޑޫ އަތޮޅު ހިތަދޫ މުޙިއްބުއްދީން ސްކޫލްގައި ކިޔެވި ދުވަސްވަރުއެވެ. އޭރު އަޅުގަނޑަކީ އެ ސްކޫލުގެ ކުޅިވަރާ ބެހޭ ނާއިބު ކައްޕިތާނަށް ވުމުން، އައްޑޫ ސްކޫލްތަކުގެ މެދުގައި ބޭއްވޭ ފުޓުބޯޅަ މުބާރާތަށް މުޙިއްބުއްދީން ސްކޫލުން ޓީމެއް ނެގިއިރު، ކުޅުންތެރިޔެއްގެ އިތުރުން އެ ޓީމުގެ އިންތިޒާމީ ބައިގައި އެންމެ އިސްކޮށް އުޅޭން ޖެހުނީ އަޅުގަނޑަށެވެ. އަދި އަޅުގަނޑުމެންގެ ސްކޫލް ޓީމުގެ އެންމެ މުހިންމު، އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔަކީ ޢާރިފެވެ. އެހެންކަމުން، އޭގެ ތެރެއިން އަޅުގަނޑުމެން ދެމީހުންގެ ދެމެދުގައި އެކުވެރިކަން އުފެދުނެވެ. އެ މުބާރާތުގައި ދެއްކި މޮޅު ކުޅުމަށް ފަހު ޢާރިފަށް 19 އަހަރުން ދަށުގެ ޤައުމީ ޓީމަށް ކުޅުމުގެ ފުރުޞަތު ހުޅުވިގެން ދިޔައެވެ. ރާއްޖޭގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންސިވް މިޑްފީލްޑަރު ބަކާ އުފަންވީ އެ ހިސާބުންނެވެ. ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު އޭނާ ހޯއްދެވީ ކުރެއްވި ހިތްވަރާއި ބުރަ މަސައްކަތުންނެވެ. އަޅުކަމާއި ނަމާދާއި ކެތްތެރިކަމުން ވާގި ހޯދަމުންނެވެ. ތަޢުލީމީ ޙަޔާތަށް ފަހު، އަޅުގަނޑާ ވެސް ޢާރިފާ އެންމެ ގިނައިން ބައްދަލުވެފައިވާނީ މިސްކިތުންނެވެ. ނަމާދުގެ ޖަމާޢަތުންނެވެ.
ޢާރިފް އަޅުގަނޑުމެންނާ ވަކިވެވަޑައިގަތުމަކީ އަޅުގަނޑުމެންގެ ލޯތަކުން ކަރުނަ ފާއްދައިލި ކަމެކެވެ. އެހެން ނަމަވެސް، އެ ހެޔޮލަފާ އެކުވެރިޔާއަށް މާތްﷲ ދެއްވި ނިޢުމަތާ މެދު އުފާކުރަމެވެ. މާތްﷲގެ ރަޙްމަތުން ވަރަށް ވެސް ހެޔޮ ނިމުމެއް ކަމަށް ބެލުމުގެ ދުނިޔެވީ ހުރިހާ ހެކިތަކެއް އެ ހުރީ ފެންނާށެވެ. އެއަށްވުރެ އުފާވެރިކަމެއް ކޮބައިތޯއެވެ؟ މި ދުނިޔެއަކީ ފަނާވަނިވި ދުނިޔެއެއް ނޫންތޯއެވެ؟ މި ދުނިޔޭގައި ފަސްދޮޅަހަކަށް، އައްޑިހަވަރަކަށް އަހަރަށް ނުވަތަ އެއަށްވުރެ ގިނައިން އުޅެފައި ވެސް ނިމިގެން ނަރަކަޔަށް ދިޔުމުގެ އޮތީ ކޮން އުފަލެއްތޯއެވެ؟ ދުނިޔޭގައި ކިތަންމެ މަދު ދުވަސްކޮޅެއް ހޭދަކުރިޔަސް ނިމިގެން ދާއިރު އެންމެ މުހިންމީ ސުވަރުގެ އެ މީހަކަށް އިންތިޒާރު ކުރުން ނޫންތޯއެވެ.؟ އެންމެ މުހިންމީ މާތްﷲގެ ފުއްސެވުމާއި ރުއްސެވުން ލިބުން ނޫންތޯއެވެ.؟
ޢާރިފް ނިޔާވީ އުމުރުން 38 އަހަރުގައެވެ. ދުނިޔެވީ ނަޒަރަކުން ބަލާއިރު ވަރަށް ޒުވާން އުމުރެކެވެ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ އަޚް އެ ވަޑައިގެންނެވީ މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ހިތް ފަތަޙަ ކުރެއްވުމަށް ފަހުގައެވެ. އެންމެންގެ ލޯބި ހޯއްދެވުމަށް ފަހުގައެވެ. ފުޓުބޯޅައަށް ވުރެ ބޮޑަށް އަޅުވެރިކަމާއި ނިޔަނެތިކަމާއި ދެއްކެވި މަތިވެރި އަޚްލާޤުންނެވެ. ޢާރިފަށް މާތްﷲގެ ޙަޟްރަތުން ވަނީ ފުއްސެވުމާއި ދިންނެވުން ކަމަށް އަޅުގަނޑުމެން އުންމީދުކުރަނީ މިހެންވެއެވެ. އެ އަޅާގެ ސީރަތަކީ ސާދާ ސީރަތަކަށް ވީމައެވެ. އެ އަޅާގެ ވަގުތު ހޭދަކުރެއްވީ ނަމާދުގެ ޖަމާޢަތަށް ފަރުވާތެރިވެޑައިގަތުމުގައި ކަމުގައި ވީތީއެވެ. އަދި ﷲގެ މަގުގައި، ދަޢުވަތުގެ މައިދާނުގައި ވެސް އެހީތެރިކަން ފޯރުކޮށްދެއްވުމުގައި ކަމުގައި ވީތީއެވެ.
މިއަދު އަޅުގަނޑުމެންގެ ލޮލުން ކަރުނަ އައި ކަމުގައި ވިޔަސް، އަޅުގަނޑުމެން އުފާ ކުރަމުއެވެ. އަދި އެފަދަ މަރެއް އަޅުގަނޑުމެންނަށް ލިބުމަށް ވެސް އެދެމުއެވެ. ހެޔޮ މަރަކީ، ނުވަތަ ހެޔޮ ނިމުމަކީ އިންސާނަކަށް މާތް ﷲގެ ޙަޟްރަތުން ދެއްވާނޭ އެންމެ ބޮޑު އެއް ނިޢުމަތެވެ.
އަޚުންނާއި އުޚުތުންނޭވެ! ހެޔޮ ނިމުމެއް ލިބޭތޯ މަސައްކަތްކުރާށެވެ. ދަންނައެވެ! ހެޔޮ ނިމުމެއް ލިބުމަށް ޓަކައި، އެންމެ މުހިންމީ އިޚްލާޞްތެރިކަމެވެ. މާތްﷲއަށް އިޚްލާޞްތެރިވުމެވެ. ކުރާ ކޮންމެ ކަމެއްގައި އެ އިލާހަށް އިޚްލާޞްތެރިވުމެވެ. ބުނާ ކޮންމެ ބަހެއްގައި މާތް ﷲއަށް އިޚްލާޞްތެރިވުމެވެ. އަޅުކަމުގައި މާތް ﷲއަށް އިޚްލާޞްތެރިވުމެވެ. އިޚްލާޞްތެރި އަޅަކަށް ހެޔޮ ނިމުމެއް ލިބުމަކީ ނުވެ ނުދާނޭ ކަމެކެވެ.
މާތްﷲ ވަޙީކުރައްވައިފައިވެއެވެ.
(مِنَ الْمُؤْمِنِينَ رِجَالٌ صَدَقُوا مَا عَاهَدُوا اللَّهَ عَلَيْهِ فَمِنْهُم مَّن قَضَى نَحْبَهُ وَمِنْهُم مَّن يَنتَظِرُ وَمَا بَدَّلُوا تَبْدِيلًا * لِيَجْزِيَ اللَّهُ الصَّادِقِينَ بِصِدْقِهِمْ وَيُعَذِّبَ الْمُنَافِقِينَ إِن شَاء أَوْ يَتُوبَ عَلَيْهِمْ إِنَّ اللَّهَ كَانَ غَفُورًا رَّحِيمًا) [الأحزاب:23-24].
މާނައީ: "اللَّه އަށް އެއުރެން ޢަހުދުވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއް މުއުމިނުންގެ ތެރެއިންވެއެވެ. ފަހެ، އެއުރެންގެ ތެރެއިން (ޝަހީދުވެ) މަރުވެގެންދިޔަބަޔަކު ވެއެވެ. އަދި (ޝަހީދުވުމަށް) އިންތިޒާރުކުރާ ބަޔަކު ވެސް އެއުރެންގެ ތެރެއިން ވެއެވެ. އަދި އެއުރެން (އެ ޢަހުދަކަށް) އެއްވެސްކަހަލަ ބަދަލެއް ނުގެނެތެވެ. (23) (އެއީ) ތެދުވެރިވީ މީހުންނަށް، އެއުރެން ތެދުވެރިވީކަމަށް ޓަކައި، اللَّه ހެޔޮ ޖަޒާ ދެއްވުމަށާއި، އެކަލާނގެ އިރާދަކުރައްވައިފި ނަމަ، މުނާފިޤުންނަށް ޢަޒާބު ދެއްވުމަށް، ނުވަތަ އެއުރެންގެ މައްޗަށް ތައުބާލެއްވުމަށެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ ރަސްކަލާނގެ ކަމުގައި ވެއެވެ. (24)"
މާތްﷲއަށް އިޚްލާޞްތެރިވެ ތެދުވެރިވެއްޖެ އަޅަކު ނަމަ، އެ މީހަކު ހެޔޮލަފާ ޞާލިޙުންގެ މަގު އިޚްތިޔާރުކުރާނޭކަން ކަށަވަރެވެ. އެހެންކަމުން ދަންނައެވެ. އިޚްލާޞްތެރިކަމަށް ފަހު، ދެން ހެޔޮ ނިމުމެއް ލިބުމަށް އެންމެ މުހިންމީ، ޞާލިޙު ހެޔޮ ޢަމަލުކުރުން މަތީ ދެމިހުރުމެވެ. ނަމާދު ބަރާބަރަށް އަދާކުރުމެވެ. ފިރިހެނުން ނަމަ ނަމާދުގެ ޖަމާޢަތަށް ދިޔުމެވެ. އެއަށް ފަހު، ޒަކާތާއި، ރޯދައާއި، ޙައްޖެވެ. އަދި އެހެނިހެން ވެސް ހެޔޮ ޢަމަލެވެ.
މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.
﴿ يُثَبِّتُ اللَّهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ ﴾ [إبراهيم: 27]
މާނައީ: " ދުނިޔޭގެ ޙަޔާތުގައްޔާއި، އާޚިރަތުގައި ސާބިތުވެގެންވާ ޙައްޤު ބަހުން އީމާންވި މީހުންނަށް، اللَّه ސާބިތުކަން ދެއްވަތެވެ."
އަދިވެސް އެ އިލާހު ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައިވެއެވެ.
﴿ إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنْتُمْ تُوعَدُونَ * نَحْنُ أَوْلِيَاؤُكُمْ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ وَلَكُمْ فِيهَا مَا تَشْتَهِي أَنْفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ * نُزُلًا مِنْ غَفُورٍ رَحِيمٍ ﴾ [فصلت: 30 - 32]
މާނައީ: "ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ اللَّه އޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބިމީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް މަލާއިކަތުން ފައިބައިވަޑައިގަންނަވާނެތެވެ. ވިދާޅުވަމުންނެވެ. ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް ވަޢުދުކުރައްވާކަމުގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިގަންނާށެވެ! (30) ތިމަންބޭކަލުންނީ ދުނިޔޭގެ ޙަޔާތުގައްޔާއި، އާޚިރަތުގައި ތިޔަބައިމީހުންގެ އެހީތެރިންނެވެ. ތިޔަބައިމީހުންގެ ނަފްސުތައް އެދޭހާކަމެއް އެ ދުވަހުން، ތިޔަބައިމީހުންނަށް ޓަކައި ވެއެވެ. އަދި (އުފަލާއި، އަރާމުގެ ތެރެއިން) ތިޔަބައިމީހުން ދަންނަވާހައި ކަމެއް ތިޔަބައިމީހުންނަށް ވެއެވެ. (31) ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ކަލެއްގެ މެހުމާންދާރީއެއްގެ ގޮތުގައެވެ. (32)"
މީގެ އިތުރުން، މާތްﷲއާ މެދު ހެޔޮކޮށް ހީކުރުމާއި، އެ އިލާހުގެ ޙަޟްރަތުން އެ މީހަކަށް ހެޔޮގޮތް ހުރި ކަމަށް އުންމީދުކުރުމާއި، ތައުބާވުންމަތީ ދެމިހުރުމާއި، އެ ކަމުގައި ތެދުވެރިވުން ވެސް އެއީ ހެޔޮ ނިމުމެއް މިންވަރުވުމުގައި މުހިންމު ކަންކަމެވެ.
ދުޢާއަކީ، މާތްﷲ އަޅުގަނޑުމެންގެ އަޚް މުޙައްމަދު ޢާރިފުގެ ފާފަތައް ފުއްސަވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުމެވެ. އަދި އަޅުގަނޑުމެންނަށް ހެޔޮ މަރެއް ދެއްވުމެވެ.
އާމީން