އިޓަލީގެ މިލާންގައި ދިރިއުޅޭ ގެދޮރު ނެތް މީހަކު ގޭގަ ބަންދުކުރުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

އުމުރުން 48 އަހަރުގެ ޑޮމެނިކޯ ކޮޑެސްޕޮޓީ އަށް މިހުކުމް ކުރެވުނީ ވައްކަން ކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ. ނަމަވެސް ކޮޑެސްޕޮޓީ ދިރިއުޅޭނެ ގެއެއް ނެތް ވާހަކަ ބުނުމުން، ކޯޓުން ވަނީ މިލާންގެ މަގުމަތީގައި ނަމަވެސް އޭނަ ބަންދު ކުރުމަށް ނިންމާފަ އެވެ.

އެ ހުކުމް ތަންފީޒް ކުރުމުން މަގުމަތީގެ ވަކި ސަރަހައްދަކުން ބޭރަށް އޭނާއަކަށް ނުދެވޭނެ އެވެ. އޭނާގެ ހަރަކާތްތައް ބެލުމަށް އިޓަލީގެ ފުލުން، ކޮންމެ ރެއަކު އިރުއޮއްސޭ ގަޑީގައި މިލާންގެ މަގުމަތީގައި އޭނާ ނިދާ ތަނަށް ގޮސް ޗެކްކުރާނެވެ.

ހެނދުނު ހަތެއް ޖަހަންދެން އެތަނުން އެހެން ތަނަކަށް ދިއުމުގެ ހުއްދައެއް ކޮޑެސްޕޮޓީއަކަށް ނުލިބެ އެވެ. މީގެ ކުރިން ވެސް އޭނާ މަގުމަތީގައި ބަންދު ކުރި އެވެ. ނަމަވެސް ދުރު ހިސާބުތަކުން ފެނި، މަގުމަތި ޕެޓްރޯލްކުރާ ފުލުހުން އޭނަ ހިފަހައްޓާފައިވެ އެވެ.

މި އާދަޔާޚިލާފު އަދަބު އިއްވި ދުވަހު ޖަލު ހުކުމަކަށް ބަދަލުކޮށްދިނުމަށް ކޮޑެސްޕޮޓީ ކޯޓުގައި އެދިފައިވެ އެވެ. ނަމަވެސް ކޯޓުން އެ އެދުމަށް އިޖާބަ ދީފައެއް ނުވެ އެވެ.