ބާލިން (29 ޖޫން) – ޔޫރޯގެ ގަދަ 16ގެ ފުރަތަމަ މެޗުގައި މިރޭ ސްވިޓްޒަލޭންޑާ ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ނުކުންނައިރު، އިޓަލީގެ އަސްލު ފެންވަރު މި މެޗުގައި ފެނިގެންދާނެކަމުގެ އުންމީދުކުރާ ކަމަށް އެ ޓީމުގެ ކޯޗު ލޫސިއާނޯ ސްޕަލެއްޓީ ބުނެފި އެވެ.
އިޓާލީ ގަދަ 16ގެ ޖާގައެއް ހޯދީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތުގައި ޖެހި ލަނޑާއެކު، އެ މެޗު 1-1 އިން އެއްވަރުކޮށްގެނެވެ. އެ މެޗުން އިޓަލީ ބަލިވިނަމަ، އެ ޓީމަށް ގަދަ 16ގެ ޖާގައެއް ނުލިބޭނެ އެވެ.
ސްވިޓްޒަލޭންޑާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ސްޕަލެއްޓީ ބުނީ މި މުބާޜާތުގައި މިހާތަނަށް އިޓަލީ އަސްލު ފެންވަރު ނުފެންނަ ކަމަށެވެ. އެކަމަކު މި މެޗުގައި އެކަން ބަދަލުވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
"އަދި މހާތަނަށް އިޓަލީގެ އަސްލު ފެންވަރެއް ނުފެނޭ. ފަހު ވަގުތު ލަނޑެއް ޖަހައި ކޮލިފައިވިޔަސް، އެޢީ އަހަރަމެންނަށް ހައްގު ކަމެއް. އެހެން ނަމަވެސް، އަހަރެންގެ ފެންވަރު އެބަޖެހޭ މަތިކޮށްލަން،" ސްޕަލެއްޓީ ބުންޏެވެ.
ސްވިޓްޒަލޭންޑާއި އިޓަލީ މިރޭ ބައްދަލުކުރާ މެޗު ކުޅޭނީ ބާލިންގެ އޮޮލިމްޕިއާ ސްޓޭޑިއޮންގަ އެވެ. މިއީ ފްރާންސް ބަލިކޮށް 2006 ވަނަ އަހަރު އިޓަލީން ވޯލްޑް ކަޕް ކާމިޔާބުކުރި ސްޓޭޑިއަމް އެވެ.
ސްޕަލެއްޓީ ބުނީ 2006ގެ ވޯލްޑް ކަޕްގެ ކާމިޔާބީ ހަނދާންކޮށް، އިޓަލީގެ ޓީމުން މި މެޗުގެ ކުރިން ހިތްވަރު ހޯދާފައިވާ ކަމަށެވެ.
"ކޯޗިން ޓީމުގައި ހިމެނޭ (ޖިއަންލުއީޖީ) ބުފޯން (2006 ވޯލްޑް ކަޕްގައި އިޓަލީގެ ގޯލްކީޕަރު) ހުރިހާ އެންމެނަށްވެސް ކިޔައިދީފި އެ ކާމިޔާބީގެ ވާހަކަތައް،" ސްޕަލެއްޓީ ބުންޏެވެ.
މިއީ ސްވިޓްޒަލޭންޑް ޔޫރޯގެ ނޮކްއައުޓް ބުރަށް ޖެހިޖެހިގެން ޖާގަ ހޯދި ތިން ވަނަ ފަހަރެވެ.
މި އަހަރުގެ ޔޫރޯގައި ސްވިޓްޒަލޭންޑް އަދި ބައްޔެއްނުވެއެވެ. ދެ މެޗު އެއްވަރުވިއިރު، އެއް މެޗުން ވަނީ މޮޅުވެފަ އެވެ
މެޗުގެ ކުރިން ސްވިޓްޒަލޭންޑްގެ ކޯޗު މުރަތު ޔަކީން ބުނީ ސްވިޓްޒަލޭންޑް އިން އިޓަލީގެ ޓީމާމެދު ވިސްނާ ގޮތަށް، އިޓަލީން ވެސް ސްވިޓްޒަލޭންޑާމެދު ވިސްނާނެ ކަމަށެވެ.
"އިޓަލީންވެސް ސްވިޓްޒަލޭންޑްގެ ޓީމާމެދު ވިސްނާނެ. މި ޓީމު އޮތީ ރަނގަޅު ފޯމެއްގައި. އަހަރެމެންނަކީ ގޮތް ނޭނގޭ ޓީމެއް. އަހަރަމެންގެ އަމާޒަކީ ކުއާޓާ ފައިނަލްގެ ޖާގައެއް،" ކުރިން ސްވިޓްޒަލޭންޑްގެ ގައުމީ ޓީމަށް ކުޅުނު މުރަތު ބުންޏެވެ. "އިޓަލީގައި އެބަތިބި މޮޅެތި ކުޅުންތެރިން. މި މެޗު ވަރަށް އުނދަގޫވާނެ."
މި މެޗަށް ނުކުންނައިރު ސްވިޓްޒަލޭންޑްގެ ޑިފެންޑަރު ސިލްވާން ވިޑްމާއަށް ވަނީ ދެ ކާޑު ހަމަވެފަ އެވެ.
އިޓަލީގެ ޑިފެންޑަރު ރިކާޑޯ ކަލަފިއޯރީވެސް ވަނީ ދެ ކާޑާއެކު މި މެޗަށް ސަސްޕެންޑްވެފަ އެވެ. އަދި ލެފްޓް ބެކް ފެޑެރީކޯ ޑިމާކޯއަށް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭނެ އެވެ.