ރާއްޖެއިން ސައުދީ އަރަބިއްޔާ އަށް ކަނޑައަޅާ ސަފީރު ކަމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފައިވާ ނ. ހޮޅުދޫ އުފަންވެލި، ތޯހާ މުހައްމަދު ޕާކިސްތާނުގެ ސަފީރު ކަމަށް ބަދަލު ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލިހުގެ ޖަލްސާގައި އެގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެމްބަރުންގެ އިއްތިފާގުންނެވެ.

ރައީސް ޑރ. މުއިއްޒު މީގެކުރިން ތޯހާ ވަނީ ސައުދީ އަރަބިއްޔާގެ ސަފީރަކަށް އައްޔަން ކުރައްވަން ނިންމަވައި، ރުހުން ހޯއްދެވުމަށް 19 ވަނަ މަޖިލިހަށް ފޮނުއްވައިފަ އެވެ. އަދި ތޯހާގެ ނަން މަޖިލިހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް މަޖިލިހުގެ ތަޅުމަށް ފޮނުވުމުން އެ ނަން މަޖިލިހުން ފާސް ވެސް ކުރި އެވެ.

އެކަމަކު، ރައީސް ޑރ. މުއިއްޒު ވަނީ ތޯހާ ޕާކިސްތާންގެ ސަފީރަކަށް ބަދަލު ކުރައްވަން ނިންމަވައިފަ އެވެ.

އޭނާ ސައުދީ އަށް އައްޔަން ކުރަން ނިންމުމަށް ފަހު އެ ނިންމުން ބަދަލު ކުރި ސަބަބެއް ސަރުކާރުން އަދި މަޖިލީހުން ވެސް ނުބުނެ އެވެ.