އާއްމުކޮށް ފަތިހު ހޭލުމަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވެސް ސިއްހަތަށް ވަރަށް ފައިދާހުރި ކަމެއް ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ޑިމްޕަލް ޖަންގްޑާ ވިދާޅުވީ އިރު އެރުމުގެ 45 މިނެޓު ކުރިން ހޭލުމަކީ ހަށިގަނޑުގައިވާ ބޭކާރު މާއްދާތައް ބޭރުކުރަން އެހީވެދޭ ކަމެއް ކަމަށެވެ.

"ފަތިހު ހޭލުމަށްފަހު ވަކި ކަމެއް ނުކުރިޔަސް، އިށީނދެގެން އިނުމަކީ ވެސް ހަށިގަނޑުގައިވާ ވިހަ މާއްދާތައް ބޭރުކޮށްދީ ހަށިގަނޑު ސާފުކޮށްދޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ފަތިހު ހޭލުމަކީ ދިފާއީ ނިޒާމު ވަރުގަދަވެ އާއްމު ސިއްހަތު ރަނގަޅުކޮށްދޭ ކަމެއް ކަމަށް ވެސް ސައިންސްވެރިން ބުނެފައިވެ އެވެ.

ހަމައެއާއެކު އިންސާނާގެ ސިކުނޑި ތާޒާކޮށްދީ ހާސްކަމާއި ނުތަނަވަސްކަން ދުރު ކުރަން ވެސް ފަތިހު ހޭލުން މުހިއްމު ކަމަށް ދިރާސާތަކުގައި ބުނެފައިވެ އެވެ.

ފަތިހު ހޭލުމަކީ ކިހާ ފައިދާހުރި ކަމެއްކަން ސައިންސްގެ އަލީގައި ސާބިތުވެފައިވާއިރު މިއީ މީގެ 1400 އަހަރު ކުރިން ފަތިސް ނަމާދު ޝަރުއު ކުރައްވައި އަހަރުމެންގެ އިސްލާމްދީނުގައި އެކަން ބަޔާން ކުރައްވާފައިވެ އެވެ.