ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ސުޝްމިތާ ސެން މިދިޔަ ހަފްތާގެ ތެރޭގައި އޭނާގެ އިންސްޓަގްރާމަށް "ދެވަނަ އުފަން ދުވަސް"ގެ ގޮތުގައި ދުވަހެއް އިތުރު ކުރުމުން އެއީ ކޮން ކަމަކާ ގުޅިގެންތޯ ގިނަ ބަޔަކު ސުވާލު ކުރި އެވެ.

އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއެއްގައި ސުޝްމިތާ ވަނީ އޭގެ ސިއްރު ކިޔައިދީފަ އެވެ. އެގޮތުން ދެވަނަ އުފަން ދުވަހަކީ ފުރާނައަށް ނުރައްކާވި ހާޓްއެޓޭކް އަކުން އޭނާ ސަލާމަތްވި ދުވަސް ކަމަށް އޭނާ ބުނެފައިވެ އެވެ.

ސުޝްމިތާ ބުނެފައި ވަނީ ހާޓް އެޓޭކް ޖެހިގެން ހޭދަވި 45 މިނެޓެއްހާ ވަގުތަކީ އޭނާގެ ހަޔާތުގައި އައި އެންމެ އުނދަގޫ ވަގުތު ކަމަށެވެ.

"އަހަރެންގެ ދިރިއުޅުން ނިމުމަކަށް އައިހެން ވެސް ހީވި. އެވަގުތު އަހަރެންގެ ޑޮކްޓަރުން އަހަންނާމެދު އުއްމީދު ކަނޑާނުލީތީ ޝުކުރުވެރިވަން،" ޑޮކްޓަރުންގެ ދުވަހާ ގުޅުވައިގެން ސުޝްމިތާ އާއްމުކުރި އެ ވީޑިއޯގައި ބުނެފައިވެ އެވެ.

ސުޝްމިތާއަށް ހާޓް އެޓޭކް ޖެހިފައިވަނީ އޭނާގެ އެންމެ ފުރަތަމަ އޯޓީޓީ ރިލީޒް "އާރްޔާ"ގެ ޝޫޓިންއަށް ޖެއިޕޫރުގައި އުޅެނިކޮށް 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ.

ފިލްމީ މަސައްކަތްތަކާ ކުޑަ ދުވަސްކޮޅަކަށް ދުރުގައި ހުރުމަށްފަހު ސުޝްމިތާ މިހާރު ވަނީ އަލުން އޭނާގެ މަސައްކަތްތައް ފަށާފަ އެވެ.