ބުރުސޫރަ ހަޑިވުމުން ބޮލީވުޑްގައި ގިނަ ތަފާތުކުރުންތަކާއި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށް އެކްޓަރު ނަވާޒުއްދީން ސިއްދީގީ ބުނެފި އެވެ.

މިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ނަވާޒުއްދީން ވަނީ އޭނާގެ ބުރުސޫރަ ހަޑިވުމުން ގިނަ ބައެއްގެ ނަފްރަތުގެ ބަސްތަކާއި ތަފާތު ކުރުންތަކާ ވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"އަހަރެން ހިތަށްއަރާ ކީއްވެބާއޭ އެހެންވަނީ. އަހަންނަކީ ނިސްބަތުން އެހެން އެކްޓަރުންނަށްވުރެ ބުރުސޫރަ ހަޑި އެކްޓަރަކަށް ވާތީ ކަމަށް ވެދާނެ،" ނަވާޒުއްދީން ބުންޏެވެ.

މީގެ އިތުރުން ވެސް ނަވާޒުއްދީން ވަނީ ބޮލީވުޑްގެ ބައެއް ޕްރޮޑިއުސަރުން އޭނާ ބަލައިގަނެ ދެމުން އަންނަ ފުރުސަތުތަކަށް ޝުކުރު އަދާކޮށްފަ އެވެ.

ކުރިމަތިވާ ގޮންޖެހުންތަކާއެކު ވެސް ނަވާޒުއްދީން ވަނީ ބޮލީވުޑްގައި އޭނާގެ ހާއްސަ ޖާގައެއް ހޯދާފަ އެވެ. މިހާތަނަށް އޭނާ ވަނީ ކާމިޔާބު ގިނަ ފިލްމުތަކެއްގައި ހަރަކާތްތެރިވެފަ އެވެ.

އެގޮތުން ނަވާޒުއްދީންގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ބަދްލާޕޫރު"، "ގޭންގްސް އޮފް ވަސޭޕުރް" އަދި "ބަޖްރަންގީ ބައިޖާން"ފަދަ ފިލްމުތައް ހިމެނެ އެވެ.