ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ އިގްތިސާދީ ރީފޯމް ބިލްތަކަށް އިދިކޮޅު އެމްޑީޕީން ތާއީދުކުރާކަން ހާމަކޮށްފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ އިގްތިސޯދީ ދާއިރާ ރިފޯމް ކުރަން ސަރުކާރުން ހުށަހެޅި ތިން ބިލަށް ވެސް އެ ޕާޓީން ތާއީދު ކުރާ ކަމަށެވެ.

ނަމަވެސް މިފްކޯއަށް މަސް ގަންނަ އަގު ދަށްކުރަން ސަރުކާރުން ނިންމި ނިންމުމަށް އެ ޕާޓީން ތާއީދުނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓައި ހިންގުމުގެ ހަރަދުތައް ކުޑަކޮށް ސިޔާސީ މަގާމްތަކުގެ އަދަދު މަދުކުރަންޖެހޭ ކަމަށެވެ. އަދި ސިޔާސީ މަގާމްތަކަށް މުސާރަ ދިނުމަށް 700-800 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ޑރ. ޝަމްހީދު ވިދާޅުވި އެވެ.

"މި ހަރަދުތައް ކުޑަކޮށްގެން ނޫނީ އަޅުގަނޑުމެންނަށް ނެތް ބައިނަލްއަގުވާމީ މާލީ އިދާރާތައް ކޮންވިންސް ކޮށްދެވޭކަށް އަޅުގަނޑުމެން ސީރިއަސް ކަމަށް، ރާއްޖެ ސަލާމަތްކުރަން،" ޑރ، ޝަމްހީދު ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރު ކޮށްގެން ހުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގާނޫނާ ހިލާފުވުން ކަމަށެވެ.

"ގާނޫނުން ކަނޑައެޅިގެން ހާމަ ކުރަންޖެހޭނެ ކަމަށް ބަޔާން ކޮށްފައި އޮތް ކަމެއް ނުކުރުމަކީ ގާނޫނާ ހިލާފުވުން، އެހެންވީމާ، ގާނޫނާ ހިލާފުވުމަކީ ކުށްވެރިވުން، އެހެންވީމާ ރައީސް މުއިއްޒު މިހާރު އެހުންނެވީ ގާނޫނާ ހިލާފުވެފައި، އެއީ ކުށެއް، ކުށެއް ކުރައްވައިގެން އެ ހުންނެވީ، އެހެންވީމާ އެ ކުށުގެ އަދަބު ރައީސް މުއިއްޒުއަށް ލިބިވަޑައިގަންނަވާނެ، އެއީ އަޅުގަނޑުމެންނަށް ކުރެވެން އޮންނާނެ ކަމެއް، އެކަން ސާބިތު ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން، އެ ހާމަ ނުކުރުމުގެ ކުށް،" މައުރޫފް ވިދާޅުވި އެވެ.

ސަރުކާރުން ސިޔާސީ މަގާމްތަކަށް ކުރާ ހަރަދާއި ސިޔާސީ މަގާމްތަކުގައި ތިބި މުވައްޒަފުންގެ އަދަދު ހާމަކުރަން އަންނަނީ ދެކޮޅު ހަދަމުންނެވެ.