މި ސަރުކާރުން އެއްވެސް ކަމެއްގައި ޒިންމާ ނޫފުލާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގައި ޑރ. މުހައްމަދު ޖަމީލާ ސުވާލު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން ފެންނަނީ ކަންކަމުގައި ޒިންމާ ނަގަން ނުކެރިގެން އުޅޭތަން ކަމަށެވެ.

އަލްޖަޒީރާ އަށް ދެއްވި އިންޓަވިއުގައި އިންޑިއާ ސިފައިން ތިބިކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި، ފަހުން އެވާހަކަ ބަދަލުވުމުން ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސް ވެސް ތިއްބަވަނީ ހަނުކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ޖަވާބުދާރީވާން ޖެހޭ ހާލަތުގައި ޖަވާބުދާރީ ވާންޖެހޭ މީހުން ހަނު އެތިއްބަވަނީ ކީއްވެތޯ؟ ކީއްވެތޯއޭ ކީހާޅެން ފަރިއްސަށް ވާއިރު ހަނު ތިއްބަވަނީ" ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ކަންކަން ގޯސްކޮށް ދިއުމުން ސަރުކާރުގެ ވެރިން ރައްޔިތުންނަށް ޖަވާބު ދާރީނުވެ ހަނު ތިބެގެން ނުވާނެ ކަމަށެވެ.

ރައީސް މުއިއްޒު އިންޑިއާ އައުޓް ޓީޝާޓު ތުރުކުރެއްވީ ރައީސް ޔާމީނަށް އިހްތިރާމު ކުރެއްވުމުގެ ގޮތުން ކަމަށް ވިދާޅުވެ، އެކަމުން ވެސް ރެކިވަޑައިގަތްކަމަށާއި އެ ކަމުން ވެސް ދޭހަވަނީ ގައުމީވަންތަ އެއްވެސް ސިފައެއް ރައީސް މުއިއްޒުގެ ނެތްކަންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މަސްވެރިންގެ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ފެއިލްވެފައިވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. ރައްޔިތުން މަޖިލީހަށް ހުރިހާ ބާރެއް ދީފައި އޮންނައިރު ވެސް މިފަދަ އެއްވެސް ކަމެއް ނުކުރެވެނީ ކީއްވެގެންތޯ ސުވާލު ކުރެއްވި އެވެ.

"މިއަދުގެ ހާލަތާއި ގުޅިގެން މި ސަރުކާރުން ޒިންމާ އުފުލާތަން ފެންނާކަށް ނެތް. އަބަދުވެސް ބޭރުގެ ބައެއްގެ ނުފޫޒުން އުޅޭތަން ފެންނަނީ. ހަރަދު ކުޑަކުރުމުގެ ފިޔަވަޅު އަޅަނީ އައިއެމްއެފުން ބުނެގެން، މަޖިލިސްގެ މާލިއްޔަތު ކޮމިޓީ ސިއްރު ކުރާ ވާހަކަ ރައީސް ޔާމީން ދެއްކެވުމުން ކޮމިޓީ ސިއްރުކުރުން ހުއްޓާލުމަށްފަހު، އަނެއްކާވެސް ޔޫއެސް ޓްރެޒަރީ ޑިޕާޓްމެންޓުން އަންގައިގެން ސިއްރު ކޮށްފި" ރައީސް ޔާމީން ވިދާޅުވި އެވެ.

މިއީ އެއްގޮތަކަށް ވެސް ސަރުކާރުން އަމިއްލަ ވިސްނުމެއްގައި ކުރާ ކަމަކުން ގައުމަށް ކުރިމަތިވެގެން އުޅޭ ހާލަތެއް ނޫން ކަމަށާއި މީގެން އެނގެނީ މި ގައުމަށް ބޭރުގެ ނުފޫޒު އޮތް މިންވަރު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.