ވަރަށް ގިނަފަހަރަށް ޣައިރު މުސްލިމުންނާއި އިސްލާމްދީނުގެ ޢަދުއްވުން އުފައްދާ ޝުބުހައެކެވެ. "މުސްލިމުންނެކޭ ބުދަށް އަޅުކަންކުރާ މީހުންނެކޭ އެއްވެސް ތަފާތެއް ނެތެވެ. ބުދަށް އަޅުކަންކުރާ މީހުން އަޅުކަން ކުރަނީ ހިލައިން ހަދައިފައިވާ ބުދަށެވެ. މުސްލިމުން އަޅުކަން ކުރަނީ ހިލައިން ހަދައިފައިވާ ކަޢުބާއަށެވެ. އޭގެ ވަށައިގެން ޠަވާފުކުރެއެވެ. އެއަށް ނަމާދުކުރެއެވެ. އަދި އެބައިމީހުން ޙަޖަރުލްއަސްވަދަށް ބޮސްދެއެވެ. އެހެންކަމުން، މުސްލިމުންނާއި މުޝްރިކުންނާ އެއްވެސް ތަފާތެއް ނެތެވެ. މުސްލިމުން އަޅުކަން ކުރަނީ ކަޢުބާއަށެވެ."
އިސްވެ ދެންނެވުނީ އިސްލާމްދީނުގެ ޢަދުއްވުންނާއި އިސްލާމްދީނާމެދު ޝައްކު އުފެއްދުމަށް މަސައްކަތްކުރާ ބައެއް މުރުތައްދުން އުފައްދާ ޝުބުހައެކެވެ. މި ޝުބުހައަށް ތަފާތު އެކި ގޮތްގޮތުން ޖަވާބު ދެވިދާނެއެވެ. ވަރަށް ދިގުކޮށް، ތަފުސީލީ ގޮތެއްގައި ވެސް ޖަވާބު ދެވިދާނެއެވެ. އެހެން ނަމަވެސް، މި ލިޔުމުގައި އަޅުގަނޑު ބަލައިލާނީ އެހައި ދިގުނުކޮށް ޖަވާބު ދެވޭތޯއެވެ.
އިސްލާމްދީނުގައި، މުސްލިމުންނަށް ކަޢުބާއަށް ކުރިމަތިލައިގެން ނަމާދުކުރުމާއި ކަޢުބާ ވަށައިގެން ޠަވާފުކުރުމަށް އަމުރުކުރެއްވުމުގެ ކުރީން މުސްލިމުންގެ ހިތްތަކުގައި އެތަކެއް ޢަޤީދާއެއް ވަނީ ބިންވަޅު ނަންގަވައިދެއްވައިފައެވެ.
އެގޮތުން ބަލާއިރު:
ފުރަތަމަ ޢަޤީދާއަކީ، ކަޢުބާއަކީ އޭގެ ޒާތުގައި އެއްވެސް ގެއްލުމެއް ވެސް އަދި އެއްވެސް ފައިދާއެއް ވެސް އެއްވެސް ބަޔަކަށް ކޮށްނުދެވޭނޭ އިންސާނީ ބިނާއެއް ކަމަށް ހިތުގެ އަޑިން ތެދުކޮށް ގަބޫލުކޮށްގެން މުސްލިމުން ތިބި ޢަޤީދާއެވެ. ތެދެކެވެ. އެ ބިނާ ބިނާކުރެއްވީ މާތް الله ގެ އަމުރުފުޅަށް، މާތް الله ރުއްސުންލެއްވި ދެބަފައިކަލުން ކަމުގައިވާ އިބްރާހީމްގެފާނާއި އިސްމާޢީލުގެފާނު ކަމަށް މުސްލިމުން ހިތުގެ އަޑިން ގަބޫލުކޮށް އިޢުތިޤާދުކުރެއެވެ.
ދެވަނަ ޢަޤީދާއަކީ، ނަމާދާއި ޒަކާތާއި ރޯދައާއި ޙައްޖާއި އެހެނިހެން ހުރިހާ އަޅުކަމަކީ ވެސް މާތް الله ގެ ވަޖުހުފުޅު އަދައިގެން، އެކަލާނގެއަށް ހިތްނިޔަތް ޚާލިޞްކޮށްގެން، އެކަލާނގެ އެއްކައުވަންތަކުރާ ހާލުގައި ހަމައެކަނި އެކަލާނގެއަށް ކުރެވޭ ކަންތަކެއްކަން ހިތުގެ އަޑީން ގަބޫލުކޮށްގެން މުސްލިމުން ތިބި ޢަޤީދާއެވެ.
ތިންވަނަ ޢަޤީދާއަކީ، އެއްވެސް ޙާލެއްގައި ކަޢުބާއަށް ކުރިމަތިލުމަކީ ކަޢުބާއަށް ކުރެވޭ އަޅުކަމެއް ނޫން ކަމާއި، އެއީ މާތް الله ގެ އަމުރުފުޅަށް ކިޔަމަންގަތުމުގެ ގޮތުން އެ އިލާހަށް ކުރެވޭ އަޅުކަމެއް ކަމަށް ހިތުގެ އަޑީން މުސްލިމުން ގަބޫލުކޮށްގެން ތިބި ޢަޤީދާއެވެ.
ނަމާދުގައި ކަޢުބާއަށް ކުރިމަތިލުމަށް އަމުރުކުރައްވައިފައިވަނީ ޤިބުލައެއްގެ ގޮތުންނެވެ. އަޅުކަން ކުރެވޭ އެއްޗެއްގެ ގޮތުންނެއް ނޫނެވެ. އަޅުކަން ކުރުމަށް ހިތުނިޔަތުގައި އޮތީ މާތް الله އަށެވެ. ދުޢާކުރަނީ އެ އިލާހަށެވެ. ނަމާދު ފަށަނީ الله أكبر މި ކަލިމައިންނެވެ. ނަމާދުގެ އިލްތިޖާއުވަނީ ކަޢުބާއަކަށް ނޫނެވެ. އެދޭ އެދުމެއް އެދެނީ ކަޢުބާ ކިބަޔަކުންނެއް ނޫނެވެ. ފާފަފުއްސެވުމަށް އެދެނީ ކަޢުބާ ކިބަޔަކުންނެއް ނޫނެވެ. ޙާޖަތުތައް ފުއްދަވައިދެއްވުމަށް އެދެނީ ކަޢުބާ ކިބަޔަކުންނެއް ނޫނެވެ. ކަށަކުޅަދުންވަންތަ الله ގެ ޙަޟްރަތުންނެވެ.
ނަމާދުގައި ކަޢުބާއަށް ކުރިމަތިލާން އެންގެވީ މާތް الله އެވެ. އެ ކަމުގައި އެކުލެވިގެންވާ ޙިކުމަތުގެ ތެރެއިން އެއް ޙިކުމަތަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުރިހާ މުސްލިމުންނަކީ އެއްބައިވަންތަ އަދި އެއްބައެއްވަންތަ ބައެއްކަން ރަޒްމުކޮށްދެއްވުމެވެ. އެހެންކަމުން، ކަޢުބާއަށް ނަމާދުގައި ކުރިމަތިލުމަކީ އެއީ އެއަށް އަޅުކަން ކުރުން ކަމުގައި އެއްވެސް މުސްލިމަކު ނުދެކެއެވެ. އަދި ކީއްތޯއެވެ! ސަޖިދައަށް ބިންމައްޗަށް ތިރިވެ ބިންމަތީގައި މޫނު ޖައްސައިގެން ކުރާ ސަޖިދައަކީ ބިންމައްޗަށް ކުރާ އަޅުކަމަކަށް ނުވާ ފަދައިން، ކަޢުބާއަށް ކުރިމަތިލައިގެން ކުރާ އަޅުކަމަކީ ކަޢުބާއަށް އަޅުކަން ކުރުން ކަމުގައެއް ނުވެއެވެ.
ހަތަރުވަނަ ޢަޤީދާއަކީ، ކަޢުބާއަށް ކުރިމަތިލައިގެން ނަމާދުކުރަނީ ކަޢުބާއަށް ކަމަށް އެއްވެސް މީހަކު އިޢުތިޤާދުކޮށްފިއްޔާ އެ މީހަކީ މުޝްރިކެއް ކަމުގައި މުސްލިމުން ހިތުގެ އަޑީން ގަބޫލުކޮށްގެން އިޢުތިޤާދުކޮށްގެން ތިބި ޢަޤީދާއެވެ.
އެފަދަ މީހަކީ ބުދަށް އަޅުކަންކުރާ މީހުންގެ ތެރެއިންވާ މީހެއް ކަމުގައި ނޫނީ ނުވާނެއެވެ. އެ މީހަކު ވެގެންދާނީ މާތް الله އާ އަޅުކަމުގައި ޝަރީކުކުރާ މީހަކަށެވެ. އެފަދަ މީހަކު ތައުބާނުވެ ހުރެ މަރުވެއްޖެނަމަ ދާނީ ނަރަކައަށެވެ. އަދި އެ މީހަކު އަބަދުގެއަބަދަށް އޮންނާނެ ތަނަކީ ނަރަކައެވެ.
މި ޢަޤީދާ މުސްލިމުންގެ ހިތުގައި ބިންވަޅު ނެގުމަށް ޓަކައި މި ކަމަށް އިޝާރާތްކުރައްވައި މާތް الله ވަޙީކުރައްވައިފައިވެއެވެ.
وَلِلَّهِ الْمَشْرِقُ وَالْمَغْرِبُ ۚ فَأَيْنَمَا تُوَلُّوا فَثَمَّ وَجْهُ اللَّهِ ۚ إِنَّ اللَّهَ وَاسِعٌ عَلِيمٌ [البقرة: 115]
މާނައީ: "މަޝްރިޤާއި މަޣްރިބު މިލްކުވެގެންވަނީ، الله އަށެވެ. ފަހެ، ތިޔަބައިމީހުން ކޮންމެ ފަރާތަކަށް އެނބުރުނަސް، އެ ތަނެއްގައި الله ވޮޑިގެންވެއެވެ. ހަމަކަށަވަރުން، الله އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
އަދިވެސް މާތް الله ވަޙީކުރައްވައިފައިވެއެވެ.
لَّيْسَ الْبِرَّ أَن تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَٰكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ وَآتَى الْمَالَ عَلَىٰ حُبِّهِ ذَوِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينَ وَابْنَ السَّبِيلِ وَالسَّائِلِينَ وَفِي الرِّقَابِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَالْمُوفُونَ بِعَهْدِهِمْ إِذَا عَاهَدُوا ۖ وَالصَّابِرِينَ فِي الْبَأْسَاءِ وَالضَّرَّاءِ وَحِينَ الْبَأْسِ ۗ أُولَٰئِكَ الَّذِينَ صَدَقُوا ۖ وَأُولَٰئِكَ هُمُ الْمُتَّقُونَ [البقرة: 177]
މާނައީ: "ހެޔޮކަމަކީ (ހަމައެކަނި) އިރުމަތިފަރާތަށް ނުވަތަ ހުޅަނގުފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއް ކަމަކު، ހެޔޮކަންކުރާ މީހާއީ، اللَّه އަށާއި އާޚިރަތްދުވަހަށާއި މަލާއިކަތުންނަށާއި ފޮތަށާއި ނަބިއްޔުންނަށް އީމާންވި މީހާއެވެ. އަދި މުދަލުގެ މައްޗަށް ލޯބިހުރުމާ އެކު ވެސް، ގާތްތިމާގެ މީހުންނަށާއި ޔަތީމުންނަށާއި މިސްކީނުންނަށާއި (ޙާލުގައި ޖެހިފައިވާ) ދަތުރުވެރީންނަށާއި އެހީއަށް އެދި ސުވާލުކުރާ މީހުންނަށާއި އަޅުން މިނިވަންކުރުމުގައި މުދާ ހޭދަކުރި މީހާއެވެ. އަދި ނަމާދު ޤާއިމުކޮށް، ޒަކާތްދީއުޅޭ މީހާއެވެ. އަދި ޢަހްދެއް ކޮށްފި ނަމަ އެއުރެންގެ ޢަހްދު ފުއްދާ މީހުންނެވެ. އަދި ތަދުމަޑުކަމާއި ބަލިމަޑުކަމާއި ހަނގުރާމައިގެ ވަގުތުގައި ކެތްކުރާ މީހުންނެވެ. ތެދުވެރިވި މީހުންނަކީ، އެއުރެންނެވެ. އަދި ތަޤްވާވެރިންނަކީ ވެސް ހަމަ އެއުރެންނެވެ."
މީގެ އިތުރުން ވެސް މަސްޖިދުލްޙަރާމް ނުވަތަ ކަޢުބާއަކީ ހަމައެކަނި މުސްލިމުންނަށް ނަމާދުކުރުމުގައި ޤިބްލައެއް ކަމަށް ބަޔާންކުރައްވައި ސަލާމާއި ޞަލަވާތްލެއްވި ނަބީކަލޭގެފާނާ މުޚާޠަބުކުރައްވައި އަދި އެއަށް ފަހު ހުރިހާ މުއުމިނުންނާ މުޚާޠަބުކުރައްވައި މާތް الله ވަޙީކުރައްވައިފައިވެއެވެ.
قَدْ نَرَىٰ تَقَلُّبَ وَجْهِكَ فِي السَّمَاءِ ۖ فَلَنُوَلِّيَنَّكَ قِبْلَةً تَرْضَاهَا ۚ فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ ۚ وَحَيْثُ مَا كُنتُمْ فَوَلُّوا وُجُوهَكُمْ شَطْرَهُ ۗ وَإِنَّ الَّذِينَ أُوتُوا الْكِتَابَ لَيَعْلَمُونَ أَنَّهُ الْحَقُّ مِن رَّبِّهِمْ ۗ وَمَا اللَّهُ بِغَافِلٍ عَمَّا يَعْمَلُونَ [البقرة: 144]
މާނައީ: "އުޑާދިމާއަށް މަތިބައްލަވައިގެން ހުންނަވައި، ކަލޭގެފާނުގެ މޫނުފުޅު އެފުށްމިފުށަށް އަނބުރުއްވާތަން ތިމަންރަސްކަލާނގެ ހަމަކަށަވަރުން ދެކެވޮޑިގެންވަމެވެ. ފަހެ، ކަލޭގެފާނު ރުހިވޮޑިގަންނަވާނޭ ޤިބްލައަކަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ކުރިމަތިކުރައްވާ ހުށީމެވެ. ފަހެ، ޙުރުމަތްތެރިވެގެންވާ މިސްކިތާ (އެބަހީ: كعبة الله ގެފުޅާ) ދިމާއަށް، ކަލޭގެފާނުގެ މޫނުފުޅު ކުރިމަތި ކުރައްވާށެވެ! އަދި ތިޔަބައިމީހުންތިބި ކޮންމެ ތަނެއްގައިމެ، އެ ފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ! އަދި ހަމަކަށަވަރުން އެއީ (އެބަހީ، ޤިބްލައާމެދު ބާވައިލެއްވި މި ބާވައިލެއްވުމަކީ) އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އެންގެވި ޙައްޤުގޮތްކަން ފޮތް ލިބުނު މީހުން ދަންނާނެކަން ކަށަވަރެވެ. އަދި އެއުރެން ކުރާ ޢަމަލުތަކާ މެދު، ޣާފިލުވެވޮޑިގެންވާ ކަލަކު ކަމުގައި الله ނުވެއެވެ."
އިސްލާމީ މަޝްހޫރު މުފައްކިރެއް ކަމުގައިވާ އައްޝައިޚް މުޙައްމަދު ރަޝީދު ރިޟާ (1865މ-1935މ) އެ ޒަމާނުގައި ތިބި ނަޞާރާއިން އުފައްދަމުން ދިޔަ މިފަދަ ޝުބުހަތަކަށް ޖަވާބުދެއްވައި އަލްމަނާރު މަޖައްލާގައި (18/677-678) ލިޔުއްވައިފައިވެއެވެ.
"މުސްލިމުން ކަޢުބާއަށް އަދި ޙަޖަރުލްއަސްވަދަށް އަޅުކަން ނުކުރާކަން، އަޅުކަމަކީ ކޮބައިކަން ރަނގަޅަށް މޭރުންވާ ކޮންމެ މީހަކަށް އެނގޭނެއެވެ. އަދި އެބައިމީހުން މާތް الله ޝަރުޢުކުރައްވައިފައިވާ ގޮތަށް، އެ އިލާހު އެއްކައުވަންތަކުރާ ޙާލު އެ އިލާހަށް މެނުވީ އަޅުކަން ނުކުރާކަން ވެސް އެނގޭނެއެވެ. އަދި އިސްލާމްދީން އައުމުގެ ކުރީން ވެސް، މާތް الله ގެ ކަށަކުޅަދުންވަންތަކަމުން، މައްކާގެ މުޝްރިކުންނާއި އަހުލު ކިތާބީން ކަޢުބާ މަތިވެރިކުރާ ޙާލުގައި ވެސް އެބައިމީހުން ކަޢުބާއަށް އަޅުކަން ކުރުމުން އެ އިލާހު ދުރުކުރެއްވިއެވެ. އެބައިމީހުން ކަޢުބާ ތެރޭގައްޔާއި ކަޢުބާ ވަށައިގެން ބުދު ބަހައްޓައިގެން އެ ބުދުތަކަށް އަޅުކަން ކޮށްއުޅުނު އިރު ވެސް އެބައިމީހުން ކަޢުބާއަކަށް އަޅުކަން ކުރާން ދުވަހަކު ވެސް ހިތަކަށް ނާރައެވެ. އެހެނީ، އެއްޗަކަށް އަޅުކަން ކުރުމަކީ އެ އެއްޗެއްގެ ކިބައިން ފައިދާ ލިބިގަތުމާއި އެ އެއްޗެއްގެ ކިބައިން ރައްކައުތެރިކަމާއި ސަލާމަތްތެރިކަން ލިބިގަތުމަށް އުންމީދުކޮށް އެ އެއްޗަކަށް އަޅުކަން ކުރުމެވެ. އަދި އެއަށް އަޅުކަން ނުކުރާ މީހަކަށް ނުވަތަ އެ އެއްޗެއް މަތިވެރި ނުކުރާ މީހަކަށް އެ ކަމުގެ ސަބަބުން ގެއްލުމެއް ލިބިދާނެ ކަމަށް އިޢުތިޤާދުކޮށްގެން އެ އެއްޗަކަށް އަޅުކަން ކުރުމެވެ. އެއީ އެ އެއްޗެއްގެ ބާރަކީ އެ އެއްޗެއްގެ އަމިއްލަ މުސްތަޤިއްލު ބާރަކަށް ވިޔަސް، އަދި އެއީ މެދުވެރިއަކަށް ވެގެން އަޅުކަން ކުރެވޭ ބާރުގަދަ ފަރާތެއްގެ ބާރުން ބާރުވެރިވެފައި ހުރި ފަރާތަކަށް ވިޔަސް މެއެވެ.
އެހެން ނަމަވެސް، މުސްލިމުންގެ ތެރެއިން އެކަކީ ވެސް މިފަދައިން ޙަޖަރުލްއަސްވަދާ މެދު ދެކޭ ބައެއް ނޫނެވެ. ޙަޖަރުލްއަސްވަދަކީ އެފަދަ ބާރުތަކެއް ލިބިފައިވާ އެއްޗެއް ކަމަކަށް ވެސް މުސްލިމުންނެއް ނުދެކެއެވެ. ހަމަ އެހެންމެ، ޖާހިލިއްޔަ ޒަމާނުގައި ޢަރަބީން އެބައިމީހުންގެ ބުދުތަކަށް ނިސްބަތްކޮށްއުޅުނު އެއްވެސް ކަމެއް ޙަޖަރުލްއަސްވަދަށް ނިސްބަތްކޮށްފައެއް ނުވެއެވެ. މި އާޔަތުގައިވާ ފަދައިން އެބައިމީހުންގެ ބުދުތަކާ މެދު މުޝްރިކުން ބުނެ އުޅުނެވެ. {مَا نَعْبُدُهُمْ إِلَاّ لِيُقَرِّبُونَا إِلَى اللَّهِ زُلْفَى} [الزمر:3] މާނައީ: "اللهގެ ޙަޟްރަތަށް ތިމަންމެން ކުއްތަންކޮށްދިނުމަށް މެނުވީ، ތިމަންމެން އެ ތަކެއްޗަކަށް (އެބަހީ: ބުދުތަކަށް) އަޅުކަމެއް ނުކުރަމުއެވެ." {هَؤُلاءِ شُفَعَاؤُنَا عِندَ اللَّهِ} [يونس: 18] މާނައީ: "މި ތަކެއްޗަކީ، اللَّه ގެ ޙަޟްރަތުގައި ތިމަންމެންނަށް ޝަފާޢަތްތެރިވާނޭ ތަކެއްޗެވެ." މިއާ ޚިލާފަށް، ޙަޖަރުލްއަސްވަދާ މެދު މުސްލިމުންގެ ޢަޤީދާއަކީ، މާތްﷲ ރުއްސުންލެއްވި ޢުމަރުގެފާނު ވިދާޅުވެފައިވާ ބަސްފުޅުގައިވާ ޢަޤީދާއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ.
"ހަމަކަށަވަރުން ކަލެއަކީ އެއްވެސް ފައިދާއެއް ކޮށްދެވޭނޭ އަދި ގެއްލުމެއް ވެސް ދެވޭނޭ ހިލައެއް ނޫންކަން ތިމަންކަލޭގެފާނަށް އެނގިވަޑައިގަނެއެވެ. ހަމަކަށަވަރުން ސަލާމާއި ޞަލަވާތްލެއްވި ރަސޫލުاللهގެފާނު ކަލެއަށް ބޮސްދެއްވަނިކޮށް ފެނިވަޑައިނުގެން ނަމަ ތިމަންކަލޭގެފާނު ކަލެޔަކަށް ބޮހެއް ވެސް ނުދެއްވީމުހެވެ." މި ރިވާޔަތް ވަރަށް ގިނަ ޙަދީޘް ޢިލްމުވެރީން ރިވާކުރައްވައިފައިވެއެވެ. އޭގެ ތެރޭގައި އިމާމު އަޙްމަދާއި ބުޚާރީއާއި މުސްލިމްއާއި ސުނަނު ފޮތްތައް ލިޔުއްވި އިމާމުން ވެސް ރިވާކުރައްވައިފައިވެއެވެ."
ނަޞާރައިންގެ މި ޝުބުހައަށް ޖަވާބު ދެއްވަމުން އައްޝައިޚް އަލްޢުޘައިމީން «فتاوى نور على الدرب» الشريط رقم (341) ގައި ވިދާޅުވެފައިވެއެވެ.
"އަހުރެމެން ކަޢުބާ ވަށައިގެން ޠަވާފުކުރަނީ ކަޢުބާއަކަށް ނޫނެވެ. އަދި ކަޢުބާ މަތިވެރި ކުރުމަކަށް ވެސް ނޫނެވެ. އެހެނެއްކަމަކު، އެ ކަޢުބާގެ ވެރި އިލާހަށެވެ. އެ އިލާހު މަތިވެރިކުރުމަށެވެ. ހަމަކަށަވަރުން މާތް الله ވަޙީކުރައްވައިފައިވެއެވެ. {وَطَهِّرْ بَيْتِيَ لِلطَّائِفِينَ وَالْقَائِمِينَ وَالرُّكَّعِ السُّجُودِ}(الحج: 26) މާނައީ: "އަދި ޠަވާފުކުރާ މީހުންނަށާއި، ޤާއިމުވެ ތިބޭމީހުންނަށާއި، ރުކޫޢުކޮށް ސަޖިދަކުރާ މީހުންނަށް ޓަކައި، ކަލޭގެފާނު (އެބަހީ، ސަލާމްލެއްވި އިބްރާހީމްގެފާނު) ތިމަންރަސްކަލާނގެ ގެފުޅު ޠާހިރުކުރައްވާށެވެ!" އެހެންކަމުން، ކަޢުބާ ވަށައިގެން ޠަވާފުކުރާ މީހުން ދުޢާކުރަނީ "އޭ ކަޢުބާއެވެ! އަހަރެމެންގެ ޙާޖަތު ފުއްދަވައިދެއްވާނދޭވެ! އަދި އަހަރެމެންގެ ފާފަތައް ފުއްސަވައިދެއްވާނދޭވެ! އަދި އަހަރެމެންނަށް ރަޙުމަތްލައްވައިފާނދޭވެ!" މިފަދައިންނެއް ނޫނެވެ.
އެއާ ޚިލާފަށް އެބައިމީހުން ދުޢާކުރަނީ މާތްاللهއަށެވެ. އަދި ޒިކުރުކުރަނީ މާތް الله އަށެވެ. ރަޙްމަތާއި ފާފަފުއްސެވުމަށް އެދެނީ ވެސް އެ އިލާހުގެ ޙަޟްރަތުންނެވެ. އެހެނަސް، ނަޞާރާއިން ޞަލީބަށް އަޅުކަން ކުރެއެވެ. އެއަށް ރުކޫޢުކޮށް ސަޖިދަކޮށް ވެސް ހަދައެވެ. އަދި އެއަށް ދުޢާކޮށް ވެސް ހަދައެވެ. މުސްލިމުންގެ ތެރެއިން ކަޢުބާ ވަށައި ޠަވާފުކުރަނީ އެ ކަޢުބާގެ ކިބައިން ކަމެއް ފުއްދުމަށް ނުވަތަ ގެއްލުމަކުން ދުރުކޮށްދިނުމަށް އެދިކަމަށް ބުނާ އެއްވެސް މުސްލިމަކު ނިކަން ގެނެސްބަލާށެވެ. ނުގެނެވޭނެއެވެ. އެފަދައިން ބުނާ މުސްލިމަކު ވެސް ނުފެންނާނެއެވެ."
އިސްވެ މި ދެންނެވުނީ މި ޝުބުހައަށް ވަރަށް މުޚުތަޞަރުކޮށް ދެވިދާނޭ ރައްދުތަކެކެވެ. މިޔަށްވުރެ ތަފުސީލުކޮށް ވެސް މި ޝުބުހައަށް ރައްދު ދެވިދާނެއެވެ. އެހެން ނަމަވެސް، މި ވަރުން ފުއްދައިލަމެވެ. وآخر دعوانا أن الحمد لله رب العالمين.
“ޖާހިލުކަމަކީ ބަނބުކޭލު ކަރުގަނޑުން ދުޅަބައްޔަށް ބޭސްކުރާފަދަ” ކަމެއް. މުސްލިމުންގެ ހިތުގައި ނުވަތަ މުސްލިމެއްގެ ހިތުގައި ތިމަތިމާމެން އަޅުކަން ކުރަނީ ކޮންފަރާތަކަށް ކަމާމެދު ސުވާލު އުފެދޭކަށް ނުޖެހޭ. އަހަރެމެން އަޅުކަން ކުރަނީ ކާއިނާތުގެ ވެރި އިލާހަށް. އެއީ މާތްﷲ ތަބާރަކަ ވަތަޢާލާ. އަހަރެމެންގެ މޫނުތަށް އެ އަޅުކަމުގައި ކުރިމަތި ކުރަން ޖެހެނީ އަހަރެމެން (ދުނިޔޭގެ ކޮންމެ ހިސާބެއްގައި ތިއްބަކަސް) މާތްވެގެންވާ ކަޢްބާއަށް. ދެން މާތްﷲ މާތްކުރެއްވި އެ ބިނާ(ކަޢުބާ) އާއިމެދު އެއީ އޭގެ އަމިއް