އެއް އިރެއްގައި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ސަލްމާން ޚާންއާއި އައިޝްވާރްޔާ ރާއީއަކީ ބޮލީވުޑްގެ ދެ ހަތުރުން ކަމަށް ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.

އެ ދެތަރިން އެކަކު އަނެކަކާއެކު މަސައްކަތް ނުކުރާތާ ވިއްސަކަށް އަހަރު ވެފައިވާއިރު އެކަކު އަނެކަކާ ވާހަކަ ދެއްކުން ވެސް ވަނީ ހުއްޓާލާފަ އެވެ.

އެހެން ނަމަވެސް މިފަހުން އާއްމުންގެ ސަމާލުކަމަށް އައިސްފައިވަނީ ސަލްމާންއާއި އައިޝްވާރްޔާ އެކުގައި ނަގާފައިވާ ފޮޓޯ އެކެވެ. އާނަންތު އަމްބާނީއާއި ރަދިކާ މާޗަންތުގެ ކައިވެނީގައި ނަގާފައިވާ ކަމަށް ބުނެވޭ އެ ފޮޓޯގައި ފެންނަނީ އައިޝްވާރްޔާ ސަލްމާންގެ އަތުގައި ހިފައިގެން ހުންނަ މަންޒަރެވެ.

https://www.instagram.com/p/C9Xd_Adyguf/?utm_source=ig_embed&ig_rid=f7ae0e52-57d0-4f1d-8a84-f6c234783cb5

އެ ހަފްލާއަށް ސަލްމާން އޭނާގެ ކޮއްކޮ އަރްޕިތާ ޚާންއާއެކު އައިއިރު އައިޝްވާރްޔާ އައިސްފައިވަނީ ދަރިފުޅު އާރަދްޔާއާއެކުގަ އެވެ. މި ދެ ތަރިން ހަފްލާގެ ރެޑް ކާޕެޓުން ބައްދަލުވެފައި ނުވާއިރު މިހާރު ދައުރުވަމުން އަންނަ ފޮޓޯއަކީ އަސްލެއް ނޫންކަން އެނގެ އެވެ.

އެ ފޮޓޯއަކީ ސަލްމާންއާއި އައިޝްވާރްޔާ އަމްބާނީގެ ހަފްލާއަށް ގޮސް ވަކިވަކިން ނަގާފައިވާ ދެ ފޮޓޯ އެއްކޮށް ގުޅުވައިގެން އެޑިޓް ކުރެވިފައިވާ ފޮޓޯ އެކެވެ. 1999 ވަނަ އަހަރު ނެރުނު ފިލްމު "ހަމް ދިލް ދޭ ޗުކޭ ސަނަމް"ގެ ޝޫޓިންގެ ތެރެއިން ލޯބީގެ ގޮތުން ގުޅުނު މި ދެތަރިންގެ ލޯތްބަށް ނިމުން އައީ ވަރަށް ހިތި ގޮތަކަށެވެ.