އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖްގައި ފުލުހުންތަކެއް ކާނާ ވިހަވި ފަސް މީހަކު އައިސީޔޫއަށް ބަދަލުކޮށްފި އެވެ.

ކޮލެޖްގައި މިވަގުތު ފުލުހުންގެ ބޭސިކް ޓްރޭނިން ހަދަމުން އަންނަ ގިނަ ދަރިވަރުންތަކެއް ކާނާ ވިހަވީ މިރޭ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖްގައި ކޭޓަރިންގެ ހިދުމަތް ދެނީ އައްޑޫ މީދޫ ދާއިރާގެ މަޖްލިސް މެމްބަރު އަބްދުއްރަހުމާން އާއިލީ ކުންފުންޏެއް ކަމަށްވާ ބެސްޓް ސިލެކްޝަން ކޮމްޕެނީންނެވެ.

މައުލޫމާތު ލިބިގޮތުގައި ކާނާ ވިހަވީ ރޭގަނޑުގެ ކެއުމަށް ފަހުގަ އެވެ.

ފުލުހުން ބުނީ ޕޮލިސް ކޮލެޖްގައި ގިނަ ދަރިވަރުންތަކެއް ބަލިވެ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާކަމަށެވެ. އަދި މިކަން ދިމާވި ސަބަބު ހޮސްޕިޓަލް މެދުވެރިކޮށް ބަލަމުން ދާކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށެވެ. އަދި 32 ދަރިވަރަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.