"ޤުރްއާނިސްޓުން" ނުވަތަ "ޤުރްއާނިއްޔޫން"އަކީ ބަޔަކު މީހުން އެބައިމީހުންގެ އަމިއްލަ ނަފްސުގެ މައްޗަށް ދީފައިވާ ލަގަބެކެވެ. އެބައިމީހުންގެ ދަޢުވާއަކީ ޤުރްއާނުން ފުދޭނެކަމުގެ ދަޢުވާއެވެ. ސުންނަތަކީ އޮންނަ އެއްޗެއް ނޫންކަމުގެ ދަޢުވާއެވެ. ތަބާވާންޖެހެނީ ހަމައެކަނި ޤުރްއާނަށްކަމުގެ ދަޢުވާއެވެ. މިޒާތުގެ އެތަކެއް ދަޢުވާތަކެވެ.
އެބައިމީހުންނަށް ޤުރްއާނިސްޓުން ނުވަތަ ޤުރްއާނިއްޔޫން ކިޔުމަކީ ވެސް އެންމެ އެދެވިގެންވާ ގޮތެއް ނޫނެވެ. އެހެނީ، ޙަޤީޤީ މާނައިގައި ޤުރްއާނިސްޓުންނަށް ނުވަތަ ޤުރްއާނިއްޔޫންނަށް ނުވަތަ ޤުރްއާނުގެ އަހުލުވެރީންނަށް ވާނީ ޤުރްއާނަށް ފުރިހަމައަށް ތަބާވާ ބައެކެވެ. އެ ގޮތުން ބަލާއިރު، ހުރިހާ މުސްލިމުންނަކީ ޤުރްއާނިސްޓުންނެވެ. ޤުރްއާނުގެ އަހުލުވެރީންނެވެ. އެބައިމީހުންނަކީ ޤުރްއާނުގެ އަހުލުވެރީންނެއް ނޫނެވެ. އެހެނީ، އެބައިމީހުން އެ ތަބާވަނީ ޤުރްއާނުގެ އެއް ބަޔަށެވެ. އެކަން އިން ޝާ الله، މި ލިޔުމުގައި ބަޔާންކޮށްދޭނަމަވެ.
މި ލިޔުމުގައި މި ބަލައިލަނީ، އެބައިމީހުން އުފައްދާ ބައެއް ޝުބުހަތަކަށެވެ. އަދި އެ ޝުބުހަތަކަށް ރައްދު ދިނުމަށެވެ. އެބައިމީހުންގެ ދަޢުވާތަކަކީ ރައްދުދޭން ނުޖެހައި ވެސް ބަލިކަށި ދަޢުވާތަކެކެވެ. އެހެން ނަމަވެސް އާންމު މުސްލިމުންގެ ތެރެއިން ޢިލްމުގެ ގޮތުން އެހައި ޢިލްމުވެރި ނޫން ބަޔަކު އެބައިމީހުންގެ އަވާގައި ޖެހުމަކީ އެކަށީގެންވާ ކަމަކަށްވާތީ ރައްދު ދޭންވެސް ޖެހެއެވެ.
ޤުރްއާނިސްޓުންކަމަށް ދަޢުވާކުރާ މީހުން އުފައްދާ އެއް ޝުބުހައަކީ "ކީރިތި ޤުރްއާނުގައި މާތް الله ވަނީ ހުރިހާ އެއްޗެއް ހިމަނުއްވައިފައިކަމަށާއި، ސުންނަތުގެ ބޭނުމެއް ނެތް ކަމަށް" ބުނެ އުފައްދާ ޝުބުހައެވެ.
މީގެ ޖާވާބަކަށް ބަލާއިރު، ދަންނަވާން އޮތީ، އެ ޤުރްއާނުގައި މާތް الله ވަނީ މާތް ނަބިއްޔާ صلى الله عليه وسلمއަށް ތަބާވުމަށް އެތައް އާޔަތެއްގައި ވަޙީކުރައްވައިފައެވެ. އެ ގޮތުން "أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ" (ތިޔަބައިމީހުން الله އަށް ކިޔަމަންތެރިވާށެވެ. އަދި ރަސޫލާއަށް ކިޔަމަންތެރިވާށެވެ.) މިފަދައިން ވަނީ އެތަކެއް އާޔަތެއްގައި ވަޙީކުރައްވައިފައެވެ. މުޙައްމަދު ސޫރަތުގެ 33 ވަނަ އާޔަތާއި، ތަޣާބުން ސޫރަތުގެ 12ވަނަ އާޔަތާއި، މާއިދާ ސޫރަތުގެ 92 ވަނަ އާޔަތާއި، ނޫރު ސޫރަތުގެ 54 ވަނަ އާޔަތާއި، ނިސާ ސޫރަތުގެ 59 ވަނަ އާޔަތަކީ މީގެ މިސާލުތަކެކެވެ. އަދި މި ޢިބާރާތުން ނޫނަސް މި މާނަ ދޭހަވާ ގޮތަށް އެކިއެކި ޢިބާރާތުން އެތައް އާޔަތެއްގައި ވަނީ އެކަލޭގެފާނަށް ތަބާވުމަށް އަމުރުކުރައްވައިފައެވެ. މި އާޔަތުގެ ތަފްސީރުގައި މުފައްސިރުން ވިދާޅުވަނީ، މާތްاللهއަށް ތަބާވުމަށް އަމުރުކުރައްވައިފައިވާ ބަސްފުޅުގެ މުރާދަކީ ކީރިތި ޤުރްއާނަށް ތަބާވުމެވެ. އަދި ރަސޫލާއަށް ތަބާވުމަށް އަމުރުކުރައްވައިފައިވާ އަމުރުފުޅުގެ މުރާދަކީ އެކަލޭގެފާނުގެ ސުންނަތަށް ތަބާވުމެވެ.
ހަމައެހެންމެ، ޙަޝްރު ސޫރަތުގެ 7 ވަނަ އާޔަތުގައި މާތް الله ވަޙީކުރައްވައިފައިވެއެވެ. وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا وَاتَّقُوا اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَابِ ﴿الحشر: ٧﴾ މާނައީ: "އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ޢުޤޫބާތް ގަދަފަދަވެގެންވާ އިލާހެވެ".
ޤުރްއާނުގައިވާ ބައެއް ކަންކަން މާތް الله ތަފުސީލުކުރައްވައިފައިވަނީ ސުންނަތް މެދުވެރިކުރައްވައެވެ. އެގޮތުން ބަލާއިރު، ޤުރްއާނުގައި ވަނީ އަޅުގަނޑުމެން ނަމާދުކުރުމަށް އަމުރުކުރައްވައިފައެވެ. އެހެން ނަމަވެސް، ނަމާދުކުރާނެ ގޮތާއި، ނަމާދުގެ އަދަދާއި، ނަމާދުގައި ހިމެނޭ ރަކްޢަތްތަކުގެ އަދަދާއި، ނަމާދުގެ ވަގުތުތައް ފަދަ ހުރިހާ ތަފުސީލެއް ދެއްވައިފައިވަނީ ސުންނަތް މެދުވެރިކުރައްވައިގެންނެވެ. ހަމަ އެގޮތަށް، ޒަކާތާއި ރޯދައާއި ޙައްޖު ވެސް މެއެވެ. އިސްލާމްދީނުގެ 5 ރުކުނުގެ ތެރޭގައި ހިމެނޭ އަޅުކަމުކުގެ މި ކަންތައްތަކުގެ ތަފްސީލުވަނީ ސުންނަތުގައެވެ. އަދި އެ ތަފުސީލުތަކަކީ ވެސް އެ އިލާހުގެ ޙަޟްރަތުން ނަބިއްޔާ صلى الله عليه وسلم އަށް ދަސްކޮށްދެއްވި ކަންކަމެވެ. އެކަލޭގެފާނު އަޅުގަނޑުމެންނަށް ފޯރުކޮށްދެއްވީ މާތްﷲގެ ޝަރީޢަތެވެ. އެ އިލާހުގެ ދީނެވެ. އެއްވެސް އުނިއިތުރުކަމެއް ނެތްގޮތުގައި އަމާނާތްތެރިކަމާ އެކުގައެވެ.
ޤުރްއާނިސްޓުން އުފައްދާ އަނެއް ޝުބުހައަކީ، "މާތް الله ޤުރްއާން ނޫން އެއްޗެއް ވަޙީގެ ގޮތުގައި ނަބިއްޔާ صلى الله عليه وسلمގެ މައްޗަކަށް ބާވައެއް ނުލައްވައޭ" ބުނެ އުފައްދާ ޝުބުހައެވެ. އެހެންކަމުން، އެބައިމީހުން ދެކޭގޮތުގައި ސުންނަތަކީ ހަމައެކަނި ނަބިއްޔާ الله ގެ އަމިއްލަ ރައުޔުފުޅުތަކާއި އަމިއްލަ އިޖްތިޙާދުފުޅުތަކެކެވެ. އެއަށް އަޅުގަނޑުމެން ތަބާވުމަކީ ކޮންގެންވާނޭ ކަމެއް ނޫނެވެ. އަޅުގަނޑުމެން ތަބާވާން ޖެހެނީ ހަމައެކަނި اللهގެ އަމުރުފުޅަށެވެ.
މި ޝުބުހައިގެ ޖަވާބުގައި ދަންނަވާން އޮތީ، ޤުރްއާން ފިޔަވައި ވަޙީގެ ގޮތުގައި މާތް ނަބިއްޔާ صلى الله عليه وسلمއަށް އިރުޝާދުފުޅާއި އަމުރުފުޅުތައް މާތް الله ކުރައްވައިފައިވާކަން ކީރިތި ޤުރްއާނުގެ ނައްސުތަކުން ފެންނާން އޮތް ކަމުގައެވެ.
އެ ގޮތުން ބަލާއިރު،
1- ބަޤަރާ ސޫރަތުގެ 143 އާޔަތް
وَمَا جَعَلْنَا الْقِبْلَةَ الَّتِي كُنتَ عَلَيْهَا إِلَّا لِنَعْلَمَ مَن يَتَّبِعُ الرَّسُولَ مِمَّن يَنقَلِبُ عَلَىٰ عَقِبَيْهِ ۚ وَإِن كَانَتْ لَكَبِيرَةً إِلَّا عَلَى الَّذِينَ هَدَى اللَّهُ ۗ
" އެއުރެން ތިބި ފަރާތް ނޫން އަނެއް ފަރާތަށް އެނބުރިގަންނަ މީހުންނާއި (އެބަހީ: ދީނުން ބޭރުވެ މުރުތައްދުވާ މީހުންނާއި) ރަސޫލާއަށް ތަބަޢަވާ މީހުން، ތިމަންއިލާހު ހާމަކުރެއްވުމަށް ޓަކައި މެނުވީ، އެ ޤިބުލައެއްގެ މަތީގައި ކަލޭގެފާނު އިހު ހުންނެވި ޤިބުލަ، ޤިބުލައެއް ކަމުގައި ތިމަން އިލާހު ނުލައްވަމެވެ. اللَّه ތެދުމަގު ދެއްކެވި ބަޔަކަށް މެނުވީ، އެ ކަންތައް އެއީ ކަށަވަރުން ވެސް ބޮޑުވެގެންވާ ކަމެކެވެ."
މި އާޔަތުން އެނގި ބަޔާންވާ ގޮތުން، މާތް الله ގެ އަމުރުފުޅަށް ތަބާވެވަޑައިގެން ޤިބްލައެއްގެ ގޮތުގައި މާތް ނަބިއްޔާ صلى الله عليه وسلم ކުރިމަތިފުޅުލައްވަމުން ގެންދެވީ މަސްޖިދުލްއަޤްޞާއަށެވެ. އެހެން ނަމަވެސް، ނަމާދުކުރައްވާ އިރު ޤިބްލައެއްގެ ގޮތުގައި މަސްޖިދުލްއަޤްޞާއަށް ކުރިމަތިފުޅުލައްވާށޭ މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވާ އާޔަތެއް ނުފެންނާނެއެވެ. އެއީ ކީއްވެތޯއެވެ؟ އެއީ އެ އަމުރުފުޅު މާތް الله ކުރައްވައިފައިވަނީ ޤުރްއާނުން ބޭރުގައެވެ. މި އިން އެނގެނީ ކީރިތި ޤުރްއާނުގައި ނޫނަސް އިލާހީ ވަޙީ ބާވައިލެއްވުނުކަމެވެ. އަދި އިރުޝާދުފުޅުތަކާއި އަމުރުފުޅުތައް އެކަލޭގެފާނަށް މާތް الله ދެއްވަމުން ގެންދެވިކަމެވެ.
2- ތަޙްރީމް ސޫރަތުގެ 3 ވަނަ އާޔަތް
وَإِذْ أَسَرَّ النَّبِيُّ إِلَىٰ بَعْضِ أَزْوَاجِهِ حَدِيثًا فَلَمَّا نَبَّأَتْ بِهِ وَأَظْهَرَهُ اللَّهُ عَلَيْهِ عَرَّفَ بَعْضَهُ وَأَعْرَضَ عَن بَعْضٍ ۖ فَلَمَّا نَبَّأَهَا بِهِ قَالَتْ مَنْ أَنبَأَكَ هَٰذَا ۖ قَالَ نَبَّأَنِيَ الْعَلِيمُ الْخَبِيرُ
"ނަބިއްޔާ، އެކަލޭގެފާނުގެ ބައެއް އަނބިއަނބިކަނބަލުންގެ އަރިހުގައި (އެބަހީ: ޙަފްޞަތުގެފާނުގެ އަރިހުގައި) ވާހަކައެއް ސިއްރުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ފަހެ، އެކަމަނާ އެ ވާހަކައިން (ޢާއިޝަތުގެފާނަށް) ޚަބަރު ކުރެއްވި ހިނދު، އަދި اللَّه، އެކަލޭގެފާނަށް އެކަން ފާޅުކުރެއްވުމުން، އެ ވާހަކައިން ބައެއް އެކަލޭގެފާނު (އެކަމަނާއަށް) އަންގަވައި، އަނެއްބައި ނާންގަވައި ދޫކޮށްލެއްވިއެވެ. ފަހެ، އެކަމަނާއަށް އެ ވާހަކައިން އެކަލޭގެފާނު ޚަބަރުކުރެއްވުމުން އެކަމަނާ ވިދާޅުވިއެވެ. ކަލޭގެފާނަށް މި ޚަބަރު ދެއްވީ ކޮން ފަރާތަކުންތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް އެ ޚަބަރު އެންގެވީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ."
މި އާޔަތުގައި ވަނީ ކީރިތި ރަސޫލާ (ޞައްލަﷲ ޢަލަހިވަސައްލަމް)ގެ އަނބިކަނބަލަކާ ދެކެވުނު ވާހަކައެއް މާތް ﷲ އެކަލޭގެފާނަށް އަންގަވައިފައިވާކަމުގެ ވާހަކައެވެ. ނަމަވެސް، ޤުރްއާން އެއްކޮޅުން އަނެއްކޮޅަށް ބެލި ނަމަވެސް މި ޚަބަރު ޤުރްއާން މެދުވެރިކުރައްވައި އެކަލޭގެފާނަށް ދެއްވައިފައިވާ އާޔަތެއް ނުފެންނާނެއެވެ. އެހެންކަމުން، މި ޚަބަރު އެކަލޭގެފާނަށް ލިބިވަޑައިގެންނެވީ ކިހިނަކުންތޯއެވެ؟ މިއިން ދަލާލަތުކޮށްދެނީ ޤުރްއާން ފިޔަވައި އިލާހީ ވަޙީ އެކަލޭގެފާނަށް ލިބިވަޑައިގެންނެވިކަމެވެ. އެ ވަޙީ ވަނީ އެކަލޭގެފާނުގެ ސުންނަތުގައެވެ. އެކަލޭގެފާނުގެ އަމުރުފުޅާއި ނަހީފުޅުތަކުގައެވެ.
އިސްވެ ދެންނެވުނީ ޤުރްއާނުގެ އަހުލުވެރީންކަމަށް ބުނެ ދަޢުވާކުރާ މީހުން އުފައްދާ ބައެއް ޝުބުހުތަކާއި އޭގެ ރައްދެވެ. ދުޢާއަކީ، މަގުފުރެދިފައިވާ މިފަދަ ފިރުޤާތަކުގެ ފިކުރުތަކުންނާއި ބާޠިލު ދަޢުވާތަކާއި ޝުބުހަތަކުން އަޅުގަނޑުމެން ސަލާމަތްކުރައްވައި ރައްކައުތެރިކުރެއްވުމެވެ. އާމީން!