އާބާދީގައި 3،000 އަށް ވުރެ މަދުން މީހުން ދިރިއުޅޭ ރަށަކަށް ތިން ކައުންސިލަރުން ހޮވުގެ ހިޔާލެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފި އެވެ.
ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ނާރެސް ޕޯޓަލް އާއި ކުރަނގި އޮޕަރޭޝަންގެ ދެ ވަނަ ފޭސް އިފުތިތާހުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ކައުންސިލުތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކައުންސިލްތަކުގެ ސައިޒް ކުޑަކުރަންޖެހޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ކައުންސިލަރުންގެ އަދަދު މަދުކޮށް، މަދުވާ ކައުންސިލަރުންގެ މުސާރައަށް ހޭދަ ކުރާ ފައިސާ އިން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރެވޭނެ ކަމަށެވެ.
"ކައުންސިލުގެ ރައީސަކާއި އަދި އިތުރު ދެ ބޭފުޅުން. އޭގެ ތެރެއިން އެއް ބޭފުޅަކީ އަންހެނުންގެ ފަރާތުން އިންތިހާބުކުރާ އަންހެނުންގެ ރައީސާއަކަށް ވުމާއި އަދި އެއް ބޭފުޅަކީ ޒުވާނުންގެ ފަރާތުން އިންތިހާބުކުރެވޭ ޒުވާނުންގެ ރައީސެއްގެ ގޮތުގައި ހުންނަ ބޭފުޅަކަށް ވެ، ތިން ބޭފުޅުން ތިބެ ކައުންސިލްގެ ރައީސްގެ ގޮތުގައި ހޮވާ މީހާގެ އިތުރަށް ދެން ހޮވާ ދެ ބޭފުޅުންގެ ތެރެއިން އެކަކު އެއީ ނައިބު ރައީސަކަށް ކަނޑައެޅިދާނެ،" ރައީސް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ޑްރަޑްގެ މައްސަލަ އާއި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައާ ގޭންގު ހަދައިގެން އެކި ކަހަލަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލައަކީ ދިވެހި މުޖުތަމައުގައި ވަރަށްބޮޑަށް ހައްލެއް ބޭނުންވެފައިވާ މައްސަލަތައް ކަމަށެވެ. އަދި އެ މައްސަލަތަކަށް ހައްލު ގެނެވިއްޖެނަމަ ރައްޔިތުންނަށް ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދާނެކަން ފާހަގަކުރައްވައި ރައީސް ވަނީ ކައުންސިލުތަކާއި އެކިއެކި ޖަމިއްޔާ ޖަމާއަތްތަކާއި އަދި ކަމާބެހޭ މިނޫން ހުރިހާ ފަރާތްތައް ވެސް ގުޅިގެން މަސައްކަތްކޮށް އެ ހުރިހާ ފަރާތްތަކުގެ އެހީތެރިކަމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެވޭނެކަން ފާހަގަކުރައްވައިފަ އެވެ.
މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ނާރެސް ޕޯޓަލް، އިފުތިތާގް ކޮށްދެއްވާފަ އެވެ.
ނާރެސްޕޯޓަލަކީ އެޕޯޓަލް މެދުވެރިކޮށް އައިޑީކާޑް ހެދުމާއި އައިޑީކާޑު އެޕްލިކޭޝަންގެ ސްޓޭޓަސް ބެލުމާއި އަދި މާލެއެކޭ އެއްގޮތަށް ރަށްރަށުގެ ކައުންސިލުތަކުން ވެސް އައިޑީކާޑު ދޫކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ޕޯޓަލެކެވެ. މިރަސްމިއްޔާތުގައި "އޮޕަރޭޝަން ކުރަނގި" ފޭސް2 ވެސް ތަޢާރުފުކުރެވިގެން ދިޔަ އެވެ.
"އޮޕަރޭޝަން ކުރަނގި" ފޭސް 2 އެއީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލުކުރުމަށް ފެށުނު މަސައްކަތެކެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މި ދެ ހިދުމަތަކީ ވެސް ރައްޔިތުންނާ ގާތުން ޚިދުމަތްދިނުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން ހުރިހާ ރަށެއް ޝާމިލުވާ ދެ ޚިދުމަތްކަން ފާހަގަކުރައްވާފަ އެވެ.
ޗީފް ކައުންސިލަރ ޑެޕިއުޓީ ކައުންސިލަރ ކައުންސިލަރ ނުވަތަ އިސްކަތީބު ކަތީބު ކަތީބުންގެ އެހީތެރިޔާ / އައިލެންޑް ޗީފް ޑެޕިއުޓީ އައިލެންޑް ޗީފް މީހަމަ ރަނގަޅު ގޮތެއް