އަގުހެޔޮކޮށް ޔޫރަޕް ކޮލިޓީގެ ބޭސް ރާއްޖެއަށް ލިބޭގޮތް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރީ ކުރީ ސަރުކާރުން ކަމަށް އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އަގުހެޔޮކޮށް ޔޫރަޕް ކޮލިޓީގެ ބޭސް ރާއްޖެއަށް ލިބޭނެ ގޮތް ހެދުމުގެ އެއްބަސްވުމުގައި ޔޫއެންޑީޕީއާއެކު ކުރީ ސަރުކާރުން ސޮއިކުރި ފޮޓޯއާއެކު އެކްސްގައި އަމީރު ވިދާޅުވީ ކުރީ ސަރުކާރުން އެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހު ކަމަށެވެ.

އަމީރު ހިއްސާކުރެއްވި ފޮޓޯއިން ފެންނަގޮތުގައި އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އަމީރެވެ. ސޮއިކުރި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް ވެސް ހުންނެވި އެވެ.

އެ ދުވަހު އެ ހަބަރު ވަނީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ވެސް ރިޕޯޓްކޮށްފަ އެވެ. އެގޮތުން ރާއްޖެ އެމްވީގެ އިންގްލިޝް އެޑިޝަންގައި ލިޔެފައިވާ ހަބަރުގެ ލިންކު ވެސް އިތުރު ހެއްކެއްގެ ގޮތުގައި އަމީރު ވަނީ އެކްސްގައި އާންމު ކުރައްވާފަ އެވެ.

އަމީރު ވިދާޅުވީ ކުރީ ސަރުކާރުން ސޮއިކުރި އެ އެއްބަސްވުމުގެ ސަބަބުން ކޮލިޓީ ބޭސް ލިބުމުގެ އިތުރުން, ބޭހަށް ކުރެވޭ ހަރަދުވެސް އެތައް ގުނައަކުން ކުޑަވާނެ ކަމަށެވެ.

ރާއްޖޭގެ ބައެއް މިޑިއާތައް ޓެގްކުރައްވައި އަމީރު ވަނީ އެ ހަގީގަތް ނޯޅޭނެ ގޮތަށް ޚަބަރު ގެނެސްދިނުމަށް އެދިވަޑައިގެންފަ އެވެ.

ރާއްޖެއިން އަގުހެޔޮކޮށް ޔޫރަޕް ކޮލިޓީގެ ބޭސް ލިބޭނެ ގޮތް ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ކަމެއް ކަމަށް މި ސަރުކާރުގެ އިސްވެރިން އަންނަނީ ބުނަމުންނެވެ. އެއީ ރައީސް މުއިއްޒު ކުރެއްވި ކަމެއްކަން ދެއްކުމަށްޓަކައި ޓީވީ ޕްރޮގްރާމްތަކުގައި ބައިވެރިވެ ސަރުކާރުގެ އިސްވެރިން އަންނަނީ ރައީސް މުއިއްޒަށް ސަނާ ކިޔަމުންނެވެ. އަދި ޕީއެންސީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ވެސް އަންނަނީ އެއީ ރައީސް މުއިއްޒު ކުރެއްވި ކަމެއްކަން ދެއްކުމަށްޓަކައި އެއީ އެމަނިކުފާނު ފެއްޓެވި ކަމެއް ކަމަށް ބުނެ އެމަނިކުފާނަށް ސަނާ ކިޔައި ޕޯސްޓްތައް ކުރަމުންނެވެ.