މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންއަކީ ލަވަކިޔުމުގެ އިތުރުން ވެސް ގިނަ ހުނަރުތަކެއް އޭނާގެ ކިބައިގައި ހުރި ފަންނާނެކެވެ. އެގޮތުން ކުރެހުމަކީ އޭނާ ވަރަށް ކުރާހިތުން ކުރި ކަމެއް ކަމަށްވެ އެވެ.

މައިކަލް އޭނާގެ ހަޔާތުގައި ގިނަ ކުރެހުންތަކެއް ކުރަހާފައިވާއިރު އޭގެ ތެރެއިން ބައެއް ކުރެހުންތައް އަދިވެސް ނުވިކި އެބަހުރި ކަމަށް ހަބަރުތައް ބުނެ އެވެ.

އެގޮތުން މައިކަލް އަތުން ކުރަހައި ސޮއިކޮށްފައިވާ ކުރެހުންތަކެއް ނީލަމަށް ހުޅުވާލަން އެމެރިކާގެ ނީލަންގެއަކުން މިހާރު ވަނީ ނިންމައިފަ އެވެ.

އޮގަސްޓް މަހު ބާއްވަން ތާވަލު ކޮށްފައިވާ އެ ނީލަމުގައި މައިކަލް ޖެކްސަންގެ 78 ކުރެހުމެއް ނީލަން ކިޔާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

ވަރަށް ހަގު އުމުރެއްގައި ކުރެހުމަށް ޝައުގުވެރިވި މައިކަލް އޭނާގެ ކޮންސެޓުތަކުގައި ވެސް ކުރަހައި އުޅުނު ކަމަށް ދާއިރާގެ ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.

ކިންގް އޮފް ޕޮޕްގެ ނަމުން މަޝްހޫރުވެފައިވާ މައިކަލް މަރުވެފައިވަނީ 2009 ވަނަ އަހަރު އުމުރުން 50 އަހަރުގައި ޑްރަގް އޯވާޑޯޒް ވެގެންނެވެ.