ބަރުދަން ލުއިކުރުމަށް ސައްހަ ނޫން މައުލޫމާތު ހިމެނޭ ކާބޯތަކެތި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑިއޭ)އިން އިލްތިމާސްކޮށްފި އެވެ.
އެ އޮތޯރިޓީން ފާހަގަކުރި ގޮތުގައި، އެކި ބަލިތަކަށް ފަރުވާ ލިބޭ ކަމަށް ނުވަތަ ހަށިގަނޑަށް ވަކި ބަދަލުތަކެއް އަންނާނެ ކަމަށް ބުނެ ހަގީގަތާ ހިލާފު މައުލޫމާތާއެކު ރާއްޖޭގައި ކާބޯތަކެތި މާކެޓުކުރުން ވަނީ އާންމުވެފަ އެވެ. އެގޮތުން ސައިންޓިފިކް ދިރާސާތަކުގެ މައްޗަށް ބިނާނުކޮށް، ސާބިތުނުހިފޭ މައުލޫމާތު ފެތުރުމަކީ އާންމުންނަށް އޮޅުންއަރައި ސިއްހީ ބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހޭ ކަމެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ވަކިން ހާއްސަކޮށް މާބަނޑު މީހުންނާއި، ގާތުން ކިރުދޭ މައިންގެ އިތުރުން ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކަށް މީގެ ސަބަބުން ކުރާ ނޭދެވޭ އަސަރު މާ ބޮޑުވާނެ ކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ.
ކާބޯތަކެތީގެ ސިފަތަކާއި ފައިދާތަކާ ގުޅޭ ގޮތުން އޮޅުވާލައިގެން މައުލޫމާތު ދައުރުކުރުމަކީ އެމްއެފްޑީއޭގެ ކާބޯތަކެތި އިޝްތިހާރުކުރުމާ ބެހޭ ގަވާއިދުގެ ދަށުން ބޮޑު ކުށެކެވެ. އެ އޮތޯރިޓީން ވަނީ ކާބޯތަކެތި އިޝްތިހާރުކުރުމުގައި ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ވިޔަފާރިވެރިންނަށް އަންގައި، ސައްހަ ނޫން އުފެއްދުންތަކަށް ނުހެއްލުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި މިންހެޔޮކޮށް ކެއުމާއި، ކެއުމުގައި ލޮނާއި ހަކުރު މަދުކުރުމުގެ އިތުރުން ގަވާއިދުން ކަސްރަތުކުރުމުގެ އާދަ އަށަގަންނެވުމަށް ވެސް އެމްއެފްޑީއޭއިން ވަނީ އެދިފަ އެވެ.
އެމްއެފްޑީއޭއިން މިގޮތަށް އިލްތިމާސްކޮށްފައިވާއިރު މި ފަހުން ސޯޝަލް މީޑިއާގައި ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބަރުދަން ލުއިކުރެވޭނެ ކަމަށް ބުނެ އާއްމުންގެ ބަޔަކު އުފެއްދި ޕްރޮޑަކްޓެއް އާއްމުވެފަ އެވެ. ނަމަވެސް އެ ޕްރޮޑަކްޓާ މެދު ސިއްހީ އަދި އަދި ފިޓްނަސް ދާއިރާގެ މާހިރުން ވަނީ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.
ސީއައިއޭގެ މަރުކަޒުތަކަށް ހަމަލާދިނުމަށް ރަޝިޔާއިން އެހީވި
ދުނިޔެ އަށް ފައިސާ ފޯރު ކޮށްދިން ރާއްޖެ، ފަގީރު ވީ ކިހިނެއް؟
ސްޕެއިންގެ ފުޓްބޯޅަ ލީގުގެ ރައީސްގެ ފާޑުކިއުން އިންފަންޓީނޯއަށް