ރައީސް އޮފީހުން މައުލޫމާތު ނުދީގެން ޖިނާއީ ދައުވާކޮށްދެއްވުން އެދި އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން ޕީޖީއަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ މި ސަރުކާރާ ގުޅުންހުރި މައްސަލައެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާރްޓީއައިގެ ދަށުން، ރައީސް އޮފީހުން މަޢުލޫމާތު ނުދީގެން، ޖިނާއީ ދައުވާކޮށްދެއްވުން އެދި އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން ޕީޖީއަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ މި ސަރުކާރާ ގުޅުންހުރި މައްސަލައެއް ނޫން ކަމަށެވެ. އެއީ މި ސަރުކާރު ފެށުމުގެ މާކުރީން ކޮވިޑް ވެކްސިންގެ މައުލޫމާތުތަކެއް ސާފުކުރަން 2022 ވަނަ އަހަރު ހުށަހަޅާ އޭރު މައުލޫމާތު ނުދީ އޮތް މައްސަލައެއް ކަމަށް ހީނާ ވިދާޅުވި އެވެ.

އައިކޮމް އިން ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހެޅީ ރައީސް އޮފީހުން މައުލޫމާތު ހާމަނުކުރާ ކަމަށް ބުނެ ޖިނާއީ ދައުވާއެއް ކޮށްދިނުމަށެވެ. ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

އާރުޓީއައި ގާނޫނުގައި ބުނަނީ އައިކޮމްގެ ނިންމެއް އިސްތިއުނާފުނުކޮށް އެ ނިންމުމަށް އަމަލު ނުކޮށް 45 ދުވަސް ފާއިތުވެއްޖެ ނަމަ އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަ ޝަރުއީ ކޯޓަށް ފޮނުވުމަށް އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭނެ ކަމަށެވެ.

ކުރީ ސަރުކާރުތަކުގައި ސިއްރުކޮށްފައިވާ މައުލޫމާތު ހާމަކުރުމުގެ އިހުތިޔާރު ފަހުން އަންނަ ސަރުކާރުތަކަށް ލިބެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅެއްގެ ހަރަދުތަކުގެ ރަސީދުތައް އޭރުގެ ސަރުކާރުން ސިއްރު ކުރި ކުރުން ދިފާއުކޮށް، އެ މައުލޫމާތު ނުދީ ހިފެހެއްޓުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގައި، މި ސަރުކާރުން ވެސް އިއްޔެ ވަނީ އެ ނިންމުން އެ ކޯޓުގައި ދިފާއުކޮށްފަ އެވެ. އެކަމާ ގުޅިގެން ސަރުކާރަށް އާންމުންގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ.