ރާއްޖޭގެ އިގްތިސޯދު އަނދަވަޅަކަށް ވެއްޓުނީ މި ސަރުކާރުގެ ނާގާބިލު ކަމުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ އިގްތިސޯދު އަނދަވަޅަކަށް ވެއްޓެން މެދުވެރިވީ މި ސަރުކާރުން ގެނައި ސިޔާސަތެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ ދައިުލަތުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެފައިވާއިރު، އޭގެތެރޭގައި ބޭކާރު ހަރަދުތައް ވެސް ހިމެނޭ ކަމަށެވެ. އަދި ސިޔާސީ މަގާމްތަކަށް އައްޔަންކޮށްފައިވާ މީހުންގެ އަދަދު 2000 އަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓަށް ބޭނުންވާ 600 މިލިއަން ޑޮލަރު ހޯދަން ޖެހޭއިރު، އެކަން ކުރެވޭތަނެއް ވެސް ނުފެންނަ ކަމަށް އަމީރު ވިދާޅުވި އެވެ.
ނަންބަރުތަކަށް ބަލާއިރު ފެންނަމުން ދަނީ 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމާ ހަވާލުވިއިރު، އޮތް ހާލަތަށްވުރެ އިގްތިސޯދީ ހާލަތު ރަނގަޅުވެފައިވާ ތަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަގީގަތަކީ އަޅުގަނޑުމެން 2018 ގައި ސަރުކާރާ ހަވާލުވިއިރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމަކީ ގާތްގަނޑަކަށް 83 ބިލިއަން ރުފިޔާ، 2023 ވަނަ އަހަރު އަޅުގަނޑުމެންގެ ސަރުކާރު ބަދަލުވެގެން ދިޔައިރު ގައުމީ އުފެއްދުންތެރިކަން ހުރީ 101 ބިލިއަން ރުފިޔާގައި. އެހެންވީމަ އަޅުގަނޑަކަށް ނޭގޭ އެކިޔާ އެއްޗެއް. ހަގީގަތަކީ މިއަށް ކޮންމެ ގޮތަކަށް ވާހަކަ ދެއްކިއަސް ނަންބަރުތަކުން ފެންނަ ހަގީގަތް ތަފާތު،" އަމީރު ވިދާޅުވި އެވެ.