ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ އެމްޕީއެލްގެ ޓަވަރުތަކަށް ވަގުންނާއި ޕާޓޭން ވަދެ އުޅޭތީ އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް އެމްޕީއެލްގެ މުވައްޒަފުން ބުނެފި އެވެ.
އެމްޕީއެލްގެ ފްލެޓްތަކުގައި ދިރިއުޅޭ ބައެއް މީހުން ވަނީ އެ މީހުންގެ ކަންބޮޑުވުންތައް "ހުރިހާ"އަށް ކިޔައިދީފަ އެވެ.
"ހުރިހާ"އާ ވާހަކަ ދެއްކި ބައެއް މީހުން ކިޔައިދިން ގޮތުގައި އެމްޕީއެލްގެ ޓަވަރުތަކަށް ވަގުންނާއި ޕާޓޭން ވަނުމަކީ މިހާރު އާންމު ކަމެކެވެ. އަދި އެތަކެއް ސާމާނުތަކެއް ވަގަށް ނަގަމުން އަންނަ ކަމަށް އެ މީހުން ކިޔައިދިނެވެ.
"އަޅުގަނޑުމެން މި ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގައި. މި ތަނަށް ވަދެ ވައްކަންކުރާތީ. އަދި މަސްތުވާތަކެތި ބޭނުންކޮށްގެން ތިބޭ މީހުން ވެސް ވަދޭ މިތަނަށް،" އެމްޕީއެލްގެ ފްލެޓެއްގައި ދިރިއުޅޭ މީހަކު ކިޔައިދިނެވެ.
އެމްޕީއެލް ޓަވަރުތަކުގެ ސެކިއުރިޓީ ބަލަހައްޓަން އެމްޕީއެލް އިން ސެކިއުރިޓީން ބައިތިއްބައިފައިވެ އެވެ. އެކަމަކު އެތަނަށް ވަދެ ނުކުމެއް ހެދުމުގައި ބޭނުންކުރާ ސެކިއުރިޓީ ސިސްޓަމް އަދިވެސް އިންސްޓޯލްކޮށްފައެއް ނުވެ އެވެ. އެކަމުގެ ސަބަބުން ބޭނުން މީހަކަށް ވަދެ ނުކުމެ ހެދެ އެވެ.
"އަޅުގަނޑުމެން މި ދަންނަވާ ވާހަކައަކީ ކީޓެގް ޖައްސައިގެން ޓަވަރުތަކަށް ވަދެވޭގޮތް ކީއްވެހޭ ނެހެދެންވީ. އެކަން ކުރާނެ ފައިސާ އެމްޕީއެލްގައި ނެތީތޯ. ފައިސާ ނެތްނަމަ މުވައްޒަފުންގެ މުސާރައިން ކަނޑައިގެން ވިޔަސް މިކަން ކުރަންވެއްޖެ ނޫންތޯ،"
އެމްޕީއެލް ޓަވަރުތަކަށް ދިމާވެފައިވާ ސެކިއުރިޓީގެ މައްސަލަ ހައްލުކުރަން ތަކުރާރުކޮށް އެދިފައިވީ ނަމަވެސް ކުންފުނީގެ މެނޭޖްމަންޓުން އެކަން ހައްލުކުރަން އެއްވެސް ކަމެއް ނުކުރާ ކަމަށް އެ ކުންފުނީގެ ބައެއް މުވައްޒަފުން ބުންޏެވެ.
ސެކިއުރިޓީ މައްސަލައިގެ އިތުރުން ބައެއް އެޕާޓްމަންޓްތަކުގެ އެކި ކޮޓަރިތަކުގެ ފާރުން ފެން ފައިބާ މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ. އެ މައްސަލަ ހައްލުކޮށްދިނުމަށް އެތަކެއް ފަހަރު އެދިފައިވީ ނަމަވެސް "ތިކަން ކުރިއަށްދާނެ" އޭ ބުނުން ފިޔަވައި އެއްވެސް ކަމެއް ނުވާ ކަމަށް އެ ކުންފުނީގެ މުވައްޒަފުން ކިޔައިދިނެވެ.
"ރާއްޖޭގެ ނޫސްވެރިންނަށް އަޅުގަނޑު ގޮވާލަން ތިބޭފުޅުން އައިސް މި ތަންތަން ބައްލަވާށޭ. ކޮޓަރިތަކުގެ ފާރުތަކުން ފެން ފައިބާފައި ހުންނައިރު ކިހާ އުނދަގޫ، ދަތި ހާލެއްގައިތޯ އަޅުގަނޑުމެން މި ދިރިއުޅެނީ. އަޅުގަނޑުމެން މި ތަހަންމަލް ކުރަމުންދާ ހިތްދަތި ކަންތައްތައް ތިބޭފުޅުން ވަޑައިގެން ދެލޮޅުން ބައްލަވާށޭ،" އެމްޕީއެލްގެ މުވައްޒަފަކު ކިޔައިދިނެވެ.
ފްލެޓްތަކުގައި ދިރިއުޅޭ ބައެއް މީހުން ބުނީ ފާރުތަކުން ފެންލީކްވާއިރު، ފެން ބިލްތައް ވެސް އިންތިހާއަށް ބޮޑު ކަމަށެވެ. އެކަމުގެ ސަބަބުން ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސަން ވެސް ދަތިވާ ކަމަށް ބައެއް މީހުން ބުންޏެވެ.
"ކުރިން އަޅުގަނޑުމެން ކުއްޔަށް އުޅުނުއިރު ވެސް މިހާ ބޮޑު ބިލެއް ނާދޭ. ކުރިން ވެސް ބޭނުންކުރަމުންދާ ވަރަށް ފެން ބޭނުން މިކުރަނީ. ދެހާހާ ގާތްކުރާ އަދަދަކަށް އަދި ބައެއް ފަހަރު ދެހާހުން މަތީގެ ބިލްތަކެއް އެބައާދޭ. މިކަމަށް ހައްލެއް އަންނާނެ އެއްވެސް ގޮތެއް ނެތް،"
މިކަމާ ބެހޭގޮތުން އެމްޕީއެލްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.