ބޮލީވުޑްގެ އެންމެ މަޝްހޫރު ޖޯޑުންގެ ތެރޭގައި ހިމެނޭ އަބީޝޭކް ބައްޗަންއާއި އައިޝްވާރްޔާ ރާއީގެ ކައިވެނީގައި މައްސަލަޖެހި ވަރިއަށް މިސްރާބު ޖަހާފައިވާ ކަމަށް މީޑިއާގައި ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ.

މި އަޑުތައް މީޑިއާގައި ގަދަވެފައި ވަނިކޮށް އެ ދެމަފިރިން ވަރިވާން އުޅޭކަން އަބީޝޭކް ޔަގީން ކޮށްދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ވަނީ ފަށާފަ އެވެ. އެ ވީޑިއޯގައި އަބީޝޭކް ބުނަނީ މިދިޔަ ޖުލައި މަހު އޭނާއާއި އައިޝްވާރްޔާގެ ކައިވެނި ނިމުމަކަށް ގެނެސް ވަރިވާން ނިންމާފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެ ވީޑިއާއަށް ފަރުވާތެރިކަމާއެކު ބަލާލައިފިނަމަ އެއީ އަސްލެއް ނޫންކަން އެނގޭފަދަ މައްސަލަތަކެއް ހުރިކަން އާއްމުން ފާހަގަ ކުރަން ފެށި އެވެ.

އެގޮތުން ވީޑިއޯގައި އަބީޝޭކްގެ އަނގައާއި އަޑު ދިމާނުވުމާއި އަބީޝޭކް އާއްމުކޮށް ވާހަކަ ދައްކާ އަޑާއި ރާގު އެ ވީޑިއޯއާ މުޅިން ތަފާތުކަން މީހުން ފާހަގަ ކޮށްފައިވެ އެވެ.

އެހެން ކަމުން މިހާރު ދައުރުވަމުން އަންނަ ވީޑިއޯއަކީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ އެއްވެސް ހަގީގަތެއް ނެތް ޑީޕްފޭކް ވީޑިއޯއެއް ކަމަށް ގަބޫލު ކުރެވެ އެވެ.

އަބީޝޭކްއާއި އައިޝްވާރްޔާގެ ވަރީގެ ވާހަކަ މީޑިއާގައި ދެކެވެމުން ދަނިކޮށް މީގެ ދެތިން ދުވަސް ކުރިން ބޭރު ތެރެއިން އެމީހުން އެކުގައި ފެނިފައިވާއިރު ހުރިހާ ކަމެއް ވެސް ރަނގަޅު ކަމަށް އައިޝްވާރްޔާ ވަނީ ބުނެފަ އެވެ. އެހެން ކަމުން ސޯޝަލް މީޑިއާއިން ފެންނަހާ އެއްޗެއް ގަބޫލު ނުކުރަން ގިނަ ބަޔަކު އަންނަނީ އެ ވީޑިއޯގެ ކޮމެންޓް ސެކްޝަންގައި ބުނަމުންނެވެ.